ކުރީގެ ރައީސް މައުމޫނަށް ނޮވެމްބަރު 3ގެ ޝަރަފުގެ އައްޑަނަ ރައީސް މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވަނީ(ފޮޓޯ/ރައީސް އޮފީސް)

3 ނޮވެމްބަރުގެ ޝަރަފުގެ އައްޑަނަ މައުމޫނަށް އަރުވައިފި

މައުމޫނަށް މި ޝަރަފު އެރުވީ 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާ ނާކާމިޔާބު ކޮށްލެއްވުމަށް ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރެއްވި އަގުހުރި މަސައްކަތްޕުޅުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، 3 ނޮވެންބަރުގެ ހާއްސަ ޝަރަފުގެ އައްޑަނަ މިއަދު އަރުވައިފި އެވެ.

ތަފްސީލް - މި އައްޑަނަ މައުމޫނަށް އެރުވީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިހާރު ބާއްވަމުން އަންނަ ރަސްމީ ޖަލްސާގަ އެވެ. މި އައްޑަނައަކީ، އެ ދުވަހުގެ އުދުވާނީ ހަމަލާ ނާކާމިޔާބު ކޮށްލެއްވުމަށްޓަކައި އޭރުގެ ރައީސްގެ ހައިސިއްޔަތުން އަގުހުރި މަސައްކަތްޕުޅުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އަރުވާ ޝަރަފެކެވެ.

އެ ދުވަހު، ރައީސްގެ ހައިސިއްޔަތުން ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާ އެކު މައުމޫން އެޅުއްވި މުހިންމު ފިޔަވަޅުތައް މި ޖަލްސާގައި ފާހަގަކުރެއްްވި އެވެ. އެގޮތުން، ރާއްޖޭގެ ސަލާމަތާއި މިނިވަންކަމަށް ވަރަށް ބޮޑު ނުރައްކަލަކާއި ލޮޅުމެއް އަރާފައިވާ ދަނޑިވަޅެއްގައި މައުމޫން އެ ދުވަހު ދެއްކެވި ސާބިތުކަމާއި ރައްޔިތުންގެ ހައްގުގައި އެޅުއްވި ދުރު ވިސްނުފުންޅުގެ ފިޔަވަޅުތަކަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަށް ފާހަގަކުރި އެވެ.

އެ ހަމަލާ ހިނގިތާ 37 އަހަރު ފަހުން އެމަނިކުފާނުގެ މި އަގުހުރި މަސައްކަތްޕުޅު ފާހަގަކޮށް، މިފަދަ ޝަރަފެއް އެރުވޭކަމީ ދައުލަތުން އެމަނިކުފާނުގެ އެ މަސައްކަތްޕުޅު ފާހަގަކުރައްވާ ކަމުގެ އަލިގަދަ ހެއްކެއްކަން ވެސް ފާހަގަކުރި އެވެ.

މި އައްޑަނަ މައުމޫނަށް އަރުއްވައިދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އަދި އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިންމު - ކޮންމެ އަހަރެއްގެ ވެސް 3 ނޮވެމްބަރު ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ 3 ނޮވެމްބަރު 1988ގައި ދިވެހިންގެ ބަޔަކު އިސްވެ ތިބެ ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް ސްރީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ހަނދާންތައް އާކުރުމުގެ ގޮތުންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް