ގައްސާން މައުމޫން. (ފޮޓޯ/ރައީސް އޮފީސް)

އެންމެ ފަހުގެ ލޭތިއްކަށް ދާންދެން ގައުމުގެ މިނިވަންކަން ހިމާޔަތް ކުރާނަން: ގައްސާން

ގައްސާން ވިދާޅުވީ އެ ދުވަހު ދިވެހިންނަށް ކާމިޔާބުވުމުގެ މައިގަނޑު އެއް ސަބަބަކީ، ލިބެމުންދިޔަ ފަނޑު މައުލޫމާތުގެ އަލީގައި ވެސް ވެރިން ކުރައްވަމުން ގެންދެވި އަމުރުފުޅުތަކަށް ސުވާލުކުރުމެއް ވެސް ނެތި، ސިފައިން ކުރަމުން ގެންދިޔަ މަތިވެރި ޖިހާދު ކަމަށް

އެންމެ ފަހުގެ ލޭ ތިއްކަށް ދާންދަން ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމުގައި ސިފައިން ދެމިތިބޭނެކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ގައްސާން މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން ސޯޝަލް ސެންޓަރުގައި މިހާރު ބާއްވަމުން އަންނަ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ގައްސާން ވިދާޅުވީ، 1988 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކު ދިވެހިން ހަމްދާއި ޝުކުރުން ފުރިފައި ތިބޭ ހާލު 3 ނޮވެމްބަރުގައި ފާހަގަކުރަނީ ސިހުމެއްގެ ތެރެއިން ގައުމަށް ކުރިމަތިކުރި ނުރައްކާތެރި އުދުވާނުގެ މައްޗަށް މާތްﷲގެ އޯގާވަންތަވެރިކަމުން ދިވެހިންނަށް މިންވަރުކޮށްދެއްވި ކާމިޔާބީ އާއި ނަސްރު ކަމަށެވެ.

ބުނީ ކީކޭ؟ - ގައްސާން ވިދާޅުވީ، އެ ދުވަހު ދިވެހިންނަށް ކާމިޔާބުވުމުގެ މައިގަނޑު އެއް ސަބަބަކީ، ލިބެމުންދިޔަ ފަނޑު މައުލޫމާތުގެ އަލީގައި ވެސް ވެރިން ކުރައްވަމުން ގެންދެވި އަމުރުފުޅުތަކަށް ސުވާލުކުރުމެއް ވެސް ނެތި، ސިފައިން ކުރަމުން ގެންދިޔަ މަތިވެރި ޖިހާދު ކަމަށެވެ. އެ ދުވަހު ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައި، އޭރުގެ ރައީސް އަދި ގައްސާންގެ ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް އަދި ސިފައިންގެ އިސް ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ގައްސާން ވިދާޅުވި އެވެ.

ގައްސާންގެ މުޅި ވާހަކައިގައި އެންމެ ބޮޑު ޝުކުރެއް އަދާކުރެއްވީ ރައީސް މުހައްމަދު މުއިއްޒަށެވެ. އޭނާ ވިދާޅުވީ، މިއަދު އެންމެ ހޫނު މަރުހަބާއަކާއި ޝުކުރެއް ރައީސް މުއިއްޒަށް ހައްގުވަނީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި 17 ނޮވެމްބަރު 2023ގައި ރާއްޖޭގެ ގައުމީ ސިޔާދަތާއި ހިމާޔަތުގެ ނަމުގައި ފަލަ ރަތް ރޮނގެއް ކުރެހުއްވި ކަމަށްޓަކައި ކަމަށެވެ.

އެގޮތުން، ވަށާ ޖެހޭ އަދި ދުރު ވިސްނޭ އަސްކަރީ ދިފާއީ ސިޔާސަތެއްގެ ދަށުން އެ ފަލަ ރަތްރޮނގު ހިމާޔަތްކުރެވޭފަދަ ޒަމާނީ އަސްކަރިއްޔާއަކަށް ދިފާއީ ބާރު ބަދަލުކުރައްވަން ރައީސް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވައި އެ ކަމަށް ޝުކުރު އަދާކުރެއްވި އެވެ.

ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ ލަނޑުދަނޑިތަކެއް ހާސިލުކޮށްފައިވާ ކަމަށް ގައްސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދިފާއީ ބާރެއްގެ އެންމެ އަސާސީ އެއް ތަބަކީ ގައުމަށް ވަފާތެރި އިހުލާސްތެރި ޖީލަކަށް ފަހު ޖީލެއް ބިނާކުރައްވަމުން ގެންދެވުން ކަމަށެވެ. އެކަމަށްޓަކައި ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ނަތީޖާއަކީ ވަތަނީ ހިދުމަތުގައި ތަމްރީން ވަމުން އަންނަ ދަރިވަރުންތަކެއް މިއަދުގެ ޖަލްސާއިން ފެންނަމުން ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދަރިވަރުންނާއި މުހާތަބުކުރައްވާ ގައްސާން ވިދާޅުވީ، އަމިއްލަ އިސްނެގުމުގައި އެ ދަރިވަރުން ކުރިމަތިލައިގެން ތިބީ ވަރަށް މުގައްދަސް މަގުސަދެއް ހާސިލުކުރަން ކަމަށެވެ. އެ ތަމްރީންތަކުގެ ތެރެއިން ހަވާލުވާން ތައްޔާރުވަމުން ދަނީ ކޮން ޒިންމާއަކާއި މަސްއޫލިޔަތަކާ ކަމާ މެދު ވިސްނަން ފަށަން މިއަދު މިއީ އެންމެ މުނާސަބު އެއް ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުގެ މަތިން ދެމިތިބެއްޖެ ނަމަ އެ ދަރިވަރުން ވެގެންދާނީ ދަރިންގެ ދަރިންނަށް މި ގައުމު މިނިވަންކަމާ އެކު ވާސިލުކޮށްދެވޭ ފަދަ ޖީލަކަށް ކަމަށް ގައްސާން ވިދާޅުވި އެވެ.

3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

މިއަދަކީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ރައީސް މުއިއްޒު ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވި ކުރިއެރުންތަކަށް ފަހުރުވެރިވާ ހާލު، އަލުން ލަޝްކަރު ރުކުރަވާލަންވީ ދުވަސް ކަމަށް ގައްސާން ވިދާޅުވި އެވެ.

"ތިބޭފުޅުންގެ ފަހުރާއި ޝަރަފް އިސް އުފުލާ ދުނިޔެއަށް ދައްކާލަންވީ ދުވަސް. ނަފްސަށް ވުރެ ގައުމު އިސްކުރުމުގެ އަޒުމު އާކުރަންވީ ދުވަސް. ވާހަކަކޮޅު ނިންމާލާނީ ރައީސް މުއިއްޒުގެ ފަރާތްޕުޅުންނާއި ފަހުރުވެރި ސިފައިންގެ ފަރާތްޕުުޅުން ދިވެހި ރައްޔިތުންނަށް، މި ގައުމު ދެމިއޮތްހާ ހިނދަކު ސިފައިންގެ ހުވާގައިވާ ގޮތުގެ މަތިން އެންމެ ފަހު ލޭތިކި އޮހޮރާލައިގެން ވެސް، ފުރާނަ ގުރުބާން ކޮށްގެން ވެސް މި ގައުމުގެ މިނިވަންކަން ހިމާޔަތްކުރާނެ ކަމުގެ ޔަގީންކަން ތަކުރާރުކުރަމުން،" ގައްސާން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް