ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި ފުލުސް އޮފިސަރު މާޔާ: އޭނާ ވަޒީފާއިން ވަކިކުރަން ޑިސިޕލިނަރީ ބޯޑުން ވަނީ ލަފާ ދީފައި

ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ފުލުހަކު ސަސްޕެންޑްކޮށްފި

މި އޮޕަރޭޝަންގައި އެ ފުލުސް އޮފިސަރާ އެކު ހަތް މީހުން ހައްޔަރު ކުރި؛ އެ އެންމެން ވެސް ހައްޔަރުން ދޫކޮށްލީ ކޯޓަށް ނުގެންގޮސް
2 ނޮވެމްބަރު 2025
1

މިދިޔަ މަސް ތެރޭ ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ފުލުސް އޮފިސަރަކު ވަޒީފާއިން ސަސްޕެންޑްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހު 17ގައި ކ. ތުލުސްދޫ ގެސްޓްހައުސްއެއް ބަލައި ފާސް ކުރުމަށް ފުލުހުން ހިނގި މި އޮޕަރޭޝަންގައި ޖުމްލަ ހަތް މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނޭ ފުލުސް އޮފިސަރަކީ، ކޮންސްޓަބަލް އާމިނަތު މާޔާ ހުސައިން ބަޝީރުކަން ފުލުހުންގެ މީޑިއާއިން މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ.

ތަފްސީލު - މީގެ ތިން ހަފްތާ ކުރިން ހިންގި މި އޮޕަރޭޝަންގެ ތަފްސީލު ފުލުހުން މީގެ ކުރިން އިސްވެ ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އޮޕަރޭޝަންގެ ތެރެއިން ފުލުހަކު ހައްޔަރު ކުރިކަން އިއްޔެ ސޯޝަލް މީޑީއާއިން ތިލަވުމުން، މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާއިން ވަނީ މިއަދު ޖަވާބު ދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ދައުރު'އަށް ވިދާޅުވީ، ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުންނާއި ތިން އަންހެނުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 20 އަހަރުގެ އަންހެނެއް 

  • 23 އަހަރުގެ ތިން ފިރިހެނުންނާއި އަންހެނެއް

  • 26 އަހަރުގެ އަންހެނެއް

  • 27 އަހަރުގެ ފިރިހެނެއް

"އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، ގެސްޓްހައުސް ބަލައި ފާސް ކުރި އިރު އެ މީހުން ތިބި ތަނުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500އެމްއެލްގެ ދެ ފުޅި އާއި ތައްޓެއް ފެނުނު މައްސަލައިގައި،" އޮފިޝަލް ވިދާޅުވި އެވެ.

"އެ މީހުން ވަނީ ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލާފައި. [އަދި] އެ މީހުންގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ވަނީ ނެގެޓިވްވެފައި."

އެ މީހުން ދޫކޮށްލި ނަމަވެސް މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ކޯޓަށް ނުގެންގޮސް އެ މީހުން ދޫކޮށްލި ސަބަބެއް އަދި ސާފެއް ނޫނެވެ.

މީގެ ކުރިން ޑްރަގު އޮޕަރޭޝަންތަކުގައި ހައްޔަރު ކުރާ މީހުން ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ނެގެޓިވްވިޔަސް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދެ އެވެ.

މި އޮޕަރޭޝަނުން ހައްޔަރު ކުރި ފުލުސް އޮފިސަރު މާޔާ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އޭނާގެ މައްސަލަ ފުލުހުންގެ ޕޮރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބެލި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ޕްރޮފެޝަނަލް ސްޓެންޑާޑްސް އިން މައްސަލަ ބެލުމަށް ފަހު، ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ވަނީ ލަފާ ދީފައި،" އޮފިޝަލް އިތުރަށް ވިދާޅުވި އެވެ.

އެ ލަފައާ އެގޮތަށް މާޔާ ވަކި ކުރި ކަމެއް އަދި ކަށަވަރެއް ނޫނެވެ.

ކޮމެންޓް (1)

ޢާއްމު މީހާ

7 ނޮވެމްބަރު 2025
އޭނަ ވަޒީފާއިން ވަކިކުރަން ޖެހޭނެ. ގަންދީ ހުވާ ކޮށްގެން ތިބީ ފާފަތަކުން ދުރުވެ ތިބެން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް