މަރިޔަމް ޒުބައިރު ފުލުހަށް ހާޒިރުވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަނީ(ފޮޓޯ/އެމްޑީޕީ)

ސިވިލް ކޯޓު

ކޯޓަށް ގަޑިއަށް ހާޒިރުނުވެގެން ސާޖިދާ ކޮޅަށް ކުރި ހުކުމް ބާތިލްކުރަން މަރިޔަމް ޒުބައިރު ހުށަހެޅުއްވި މައްސަލަ ބޭރު

ރައީސްގެ ދަރިކަލުން އަބުރަށް އަރައިގަތް ކަމަށް ވިދާޅުވެ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުށަހެޅުއްވި މައްސަލާގައި މަރިޔަމް ޒުބައިރުގެ މައްޗަށް އަބުރުގެ ދައުވާކޮށް ގެއްލުމުގެ ބަދަލު ނެގޭނެ ކަމަށް ސިވިލް ކޯޓުން ކުރިން ކަނޑައަޅާފައިވޭ
2 ނޮވެމްބަރު 2025
1

އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު ދެއްކި ވާހަކައަކުން، ރައީސް މުހައްމަދު މުއިއްޒުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ އަބުރަށް އެރިކަން ސާބިތުވާ ކަމަށް ސިވިލް ކޯޓުން ކުރިން ނިންމި ނިންމުން ބާތިލްކުރަން މަރިޔަމްގެ ފަރާތުން ހުށަހެޅި މައްސަލަ އެ ކޯޓުން މިދިޔަ ބުދަ ދުވަހު ބޭރުކޮށްލައިފި އެވެ.

ވީކިިހިނެއް؟ - އުމައިރުގެ އަބުރަށް އަރައިގަތް ކަމަށް ވިދާޅުވެ އޭނާގެ މަންމާފުޅު އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުށަހެޅުއްވި މައްސަލާގައި މަރިޔަމް ޒުބައިރުގެ ގައިރު ހާޒިރުގައި ސިވިލް ކޯޓުން ކުރިން ނިންމާފައިވަނީ މަރިޔަމްގެ މައްޗަށް އަބުރުގެ ދައުވާކޮށް ގެއްލުމުގެ ބަދަލު ނެގޭނެ ކަމަށެވެ.

އެ މައްސަލަ ބާތިލްކޮށްދިނުމަށް އެދި މަރިޔަމްގެ ފަރާތުން ސިވިލް ކޯޓަށް އަލުން ހުށަހެޅި އެވެ. އެއީ މަދަނީ އިޖުރާއަތުގެ ގާނޫނުން، ގައިރު ހާޒިރުގައި ކުރާ ހުކުމެއް މުރާޖައާކުރުމަށް ހުކުމް ނިސްބަތްވާ ފަރާތަށް ލިބިގެންވާ ހައްގެކެވެ.

ތަފްސީލް - ސިވިލް ކޯޓުގެ ގާޒީ އާދަމް ޒާލިފް ކުރެއްވި ހުކުމުގައިވަނީ، އަމިއްލަ ބާރު ނުފޯރުވޭ މަގުބޫލު ސަބަބެއް އޮވެ އަދި އެ ސަބަބު ކޯޓަށް ކުރިއާލާ އެންގުމަކާ ނުލާ ގަޑިއަށް ހާޒިރުނުވުމުން މައްސަލަ ބާތިލްކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ. އެ އިހުތިޔާރު ކޯޓަށް ލިބޭކަން، ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކުރާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން ކަން ހިނގައިދިޔަ ގޮތަކީ:

  • ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު 11:30އަށް؛ އެ ގޮތަށް އެންގިކަމުގެ ޗިޓު ވަނީ ރައްދުކޮށްދީފައި

  • ނަމަވެސް ގަޑި ޖެހުމުން ވަކީލުން ކޯޓަށް ހާޒިރުވެފައިނުވާތީ، އެ ދުވަހުގެ ހެނދުނު 11:43 ހާއިރު އިދާރީ މޭޒުން ގުޅުމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އަޑުއެހުމެއް ނިމިގެން ސިވިލް ކޯޓަށް ހާޒިރުވަނީ ކަމަށް ބުނެ ވަކީލުން ޖަވާބުދިން

  • ނަމަވެސް އޭގެ ފަހުން، 11:49ގައި އިދާރީ މޭޒަށް ގުޅައި ލޯފާމްގެ ހުރިހާ ވަކީލުން މި ވަގުތު ތިބީ ޝަރީއަތްތަކުގައި ކަމާއި ހުހަށްހުރި ހަމައެކަނި ވަކީލު ވެސް ބަލިކޮށް އުޅޭތީ މިއަދުގެ އަޑުއެހުމަށް ހާޒިރުވާން އުޒުވެރިވާކަން ފަހުން ލިޔުމުން ހުށަހަޅާނެ ކަމަށް އެންގި

އެނގުން މުހިންމު - ސިވިލް ކޯޓުން ކުރިން ކުރި ހުކުމުގައިވަނީ:

  • މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންފައިވާކަން ސާބިތުވާ ކަމަށް

  • އެހެންވެ، މަރިޔަމް ޒުބައިރުގެ އަތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިވަޑައިގަންނަވާކަން އަދި ގެއްލުމުގެ ބަދަލު ހޯއްދަވަން ދައުވާކުރެއްވޭނެކަން

  • މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީންނާއި ފައްޔާޒު ޒިންމާވާން ޖެހޭކަން ނުވަތަ ނޫންކަން ނިންމޭނީ މުޅި މައްސަލަ ބަލައިގެން

  • މާފަށް އެދެން އެންގުމަކީ ރާއްޖޭގެ ގާނޫނުތަކުން ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫން؛ އެހެންވެ އާންމުކޮށް މާފަށް އެދެން އަމުރު ކުރެވޭކަށް ނެތް

މަރިޔަމް ޒުބައިރު ދެއްކި ވާހަކައަކީ، ވޭޕް މަނާކުރުމަށް ސަރުކާރުން ނިންވީ ރައީސްގެ ދަރިކަލަކު ވޭޕް ބޭނުންކުރައްވާތީ އެކަމާ ކޯފާވެގެން ކަމަށް ރަށު ތެރޭގައި ދައްކާ ވާހަކައެއް އަޑުއިވޭ ކަމަށެވެ. ފަސްޓް ލޭޑީ ސާޖިދާގެ ފަރާތްޕުޅުން ވިދާޅުވެފައިވަނީ އޭނާގެ ދޮށީ ދަރިކަލުން އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.

ކޮމެންޓް (1)

ތަކުރުފާނު

2 ނޮވެމްބަރު 2025
އަބަދު ނިދާފަ ތިބެގެން ނުވާނެ އެއްކަމެއްވެސް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް