ބައްސާމް ކްރިމިނަލް ކޯޓުގެ އަޑުއެހުމަކަށް ވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މަނީ ލޯންޑަރިންގެ ދައުވާ ވެސް ސާބިތުވެ ބައްސާމަށް އިތުރު 5 އަހަރުގެ ޖަލު ހުކުމެއް

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްއަށް އެފްއޭއެމްއަށް 2018 ވަނަ އަހަރު ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި ކަމަށް ބުނާ މައްސަލާގައި
30 އޮކްޓޯބަރު 2025

ފުޓުްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާ ވެސް ސާބިތުވެ އިތުރު ފަސް އަހަރު ދުވަހަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފި އެވެ.

ހުލާސާ - ބައްސާމަށް ދައުވާކުރީ:

  • އެފްއޭއެމްއަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި 

  • ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި އެފްއޭއެމްގެ 10،000 ޑޮލަރުގެ ބޮޑު ބައެއް އޭނާ އާއި އަންހެނުންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެޓްމަންޓްސްގެ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރޭ

  • އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބައްސާމް ކުއްޔަށް ނަގައިގެން އުޅުއްވި ރެހެންދި ފްލެޓުގެ ކުލި ދެއްކެވި ކަމަށް ވެސް ތުހުމަތުކޮށްފައިވޭ

ވީ ކިހިނެއް؟ - ބައްސާމްގެ މައްޗަށް ދެ ދައުވާއެއް އުފުލި އެވެ. އެއީ ހިޔާނާތުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. 

ކުރިމިނަލް ކޯޓުން މި މަހުގެ 8 ވަނަ ދުވަހު ވަނީ ބައްސާމްގެ މައްޗަށް ހިޔާނާތުގެ ދައުވާ ސާބިތުވެފައިވާ ކަމަށް ކަނޑައަޅައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް މަނީ ލޯންޑަރިންގެ ދައުވާއާ މެދު އެ ދުވަހު ގޮތެއް ނުނިންމަ އެވެ. 

ތަފްސީލް - މިއަދު ކުރިމިނަލް ކޯޓުގައި އެ ދައުވާއަށް ހުކުމްކުރީ:

  • ފަސް އަހަރު ދުވަހަށް ޖަލަށް ލާން

  • ލޯންޑަކުރި ފައިސާގެ އަދަދު 154,000ރ. 6 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް

ބައްސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ޝަފީއު ހުކުމްކުރައްވަމުން ފާހަގަކުރެއްވީ:

  • ބައްސާމަށް ލިބުނު 10،000 ޑޮލަރަކީ އޭނާގެ މުސާރަ ކަމަށް އޭނާ ވިދާޅުވި ނަމަވެސް ފައިސާ ޖަމާކުރި ރަސީދުގައި ލިޔެފައިވަނީ "ސޭލްސް އޮފް ޑޮލަރު"

  • ބައްސާމަށް އުޖޫރައެއް ގޮތުގައި ދޭން ނިންމާފައިވަނީ މަހަކު 3،000 ޑޮލަރު، އެ އަދަދަށްވާ ދިވެހި ފައިސާ 5 އޮގަސްޓް 2018ގައި ބައްސާމްގެ އެކައުންޓަށް ޖަމާކުރި

  • މުސާރަ ނުވަތަ އެލަވަންސަށްވާ ފައިސާ ޖަމާކުރީ މަހުގެ ފަހުކޮޅު، 26 އޮގަސްޓް 2018ގައި އެލަވަންސްގެ ތިން ގުނަ އަދަދެއް ޖަމާކުރުމުން ވެސް އެއީ އެލަވަންސްގެ ފައިސާ ނޫންކަން ޔަގީންވޭ

  • ޑޮލަރު މާރުކުރަން 10،000 ޑޮލަރު އެފްއޭއެމްއިން ބައްސާމްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު އެ އަދަދަށްވާ ދިވެހި ފައިސާ އެފްއޭއެމްއަށް ނުދޭކަން ބައްސާމް ވެސް އެއްބަސްވޭ

  • މި ކަންކަމަށް ބެލުމުން ބައްސާމަށް ޖަމާކުރި ފައިސާއަކީ ޑޮލަރު މާރުކުރަން ދިން ފައިސާ ކަމާއި އެ ފައިސާއަށް ބައްސާމް ހިޔާނާތްތެރިވިކަން ސާބިތުވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް