ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޝަހީމް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ (ފޮޓޯ/ މަޖިލީސް)

ބ. ތުޅާދޫ

ތުޅާދޫ މިސްކިތް މައްސަލައިގައި ޝަހީމް ހެދީ ދޮގު؛ އެއްވެސް ފައިސާއެއް ނުދޭ: ކައުންސިލް

ތުޅާދޫގެ މަސްޖިދުއްރަހްމާން ވަގުތީގޮތުން ބަންދުކުރީ އެ މިސްކިތުގައި ގަބުރުކަށި ހުރި ކަމަށް ގަބޫލުކުރެވިގެން، 10 ތަނަކުން ކޮނެގެން ބެލިއިރު އޭގެ ތެރެއިން 8 ތަނަކުން ގަބުރުކަށި ފެނުމުން
23 އޮކްޓޯބަރު 2025
4

ބ. ތުޅާދޫ މަސްޖިދުއްރަހްމާން ނުހުޅުވި ލަސްވަނީ އެ ރަށު ކައުންސިލުން އެއްބާރުނުލިބޭތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަޖިލީހުގައި ދެއްކެވި ވާހަކަތައް ކައުންސިލުން ދޮގުކޮށް، ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ - މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ހޯދަން އިއްޔެ ޝަހީމް ވަނީ މަޖިލީހަށް ހާޒިރުކޮށްފަ އެވެ.

އެ ޖަލްސާގައި މަސްޖިދުއްރަހްމާން ނުހުޅުވި ލަސްވާތީ އެކަމާ ބެހޭގޮތުން ސުވާލުކުރެއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު އެވެ.

އެ މިސްކިތް ވަގުތީ ގޮތުން ބަންދުކުރީ ގަބުރުތަކެއް ފެނިގެން، މިދިޔަ ޖެނުއަރީގަ އެވެ.

ބުނީ ކީކޭ؟ - އަބްދުލްހަންނާނުގެ ސުވާލަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ:

"ރަށުގައި އޮތް ކައުންސިލުން މިކަމަށް އެއްވެސް އެއްބާރުލުމެއް ނުދެއްވާ މިދިޔަ މުއްދަތުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް. އަޅުގަނޑު ވެސް އެކި ފަހަރު މަތިން ކައުންސިލްގެ އިސް ބައެއް ބޭފުޅުންނާ ވާހަކަ ދެއްކީމު. އަދި މިނިސްޓްރީން ވަފުދުތައް ވެސް އެ ރަށަށް ޒިޔާރަތްކުރި. އިލްމުވެރިން ވެސް ޒިޔާރަތްކުރި. އެހެން ނަމަވެސް ރަށުގެ ކައުންސިލުން ދަނީ އެކަމަށް ވަރަށް ބޮޑަށް ހުރަސްތައް ކުރިމަތި ކުރަމުން."

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޝަހީމް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ (ފޮޓޯ/ މަޖިލީސް)

ތަފްސީލު - ޝަހީމްގެ ވާހަކަތަކާ ގުޅިގެން ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ މިނިސްޓަރު ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ވާހަކަތައް ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ބަޔާނުގައި ފާހަގަކުރި މައިގަނޑު ނުކުތާތައް:

  • މިސްކިތުގެ މައްސަލައިގައި، 14 މެއި 2025 ވަނަ ދުވަހު ކައުންސިލާއި އެލްޖީއޭ އަދި އިސްލާމިކް މިނިސްޓްރީ ހިމެނޭހެން ބައްދަލުވުމެއް ބޭއްވި؛ ނަމަވެސް އެ ބައްދަލުވުމަށް މިނިސްޓަރު ޝަހީމް ވަޑައިނުގަންނަވާ

  • އެ މަސައްކަތަށް ފައިސާގެ އެހީ ދޭނެ ކަމަށް މިނިސްޓްރީން ބުނި ނަމަވެސް، މިއަދާ ހަމައަށް ވެސް އެފަދަ އެއްވެސް ފައިސާއެއް ނުދޭ

  • މިނިސްޓްރީގެ ވަފުދުތައް ތުޅާދޫއަށް ދިޔަ ކަމަށް ދޭހަވާ މޭރުމަކުން ޝަހީމް ވާހަކަދެއްކެވި ނަމަވެސް ރަށަށް ވަޑައިގަތީ ދީނީ އިލްމުވެރިޔަކާއި އިތުރު ދެ މީހުން ހިމެނޭ ވަފުދެއް؛ އެ ވަފުދުގެ ހަރަދުތައް ވެސް ހަމަޖެއްސީ ކައުންސިލުން

"އެ ވަފުދަކީ އެންމެ ފުރަތަމަ ގަބުރުކަށި ހުރިތޯ ބެެއްލެވުަށް ވަޑައިގެންނެވި ވަފުދެވެ،" ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނު ފަހުން ދީނީގޮތުން ކަން އޮތް ގޮތް އޮޅުން ފިލުވައިދެއްވުމަށް، ދީނީ އިލްމުވެރިއެއް ނުވަތަ އެ ނޫން ވެސް އެއްވެސް ފުރާނަ އެޅުއްވި މަހުލޫގެއް އިސްލާމިކް މިނިސްޓްރީން މި ރަށަށް ފޮނުއްވިކަން ދެނެހުރި އެއްވެސް އިންސާނަކު މި ބިންމަތީގައި އިހަށް ވެސް އަދާ ހަމައަށް ވެސް ތުޅާދޫގައި ހުރިކަމެއް މި ކައުންސިލަށް އެނގިފައެއްނުވެ އެވެ."

ތުޅާދޫ ކައުންސިލުން ބުނީ ރަށުގެ އާންމު މަސްލަހަތާ ގުޅިފައިވާ މިފަދަ ހައްސާސް މައްސަލައެއްގައި ކަން ހިނގާދިޔަ ގޮތް އެއްވެސް ވަރަކަށް ނުބައްލަވައި، ހަނި ދޭތެރެއަކުން ސުވާލުކުރަން ޖާގަ ހޯއްދަވައިގެން މެމްބަރު އަބްދުލްހަންނާނު ކުރެއްވި ނުކިއްސަރު އަމަލަކީ، ރަށުގެ އާންމު މަސްލަހަތު ހިމާޔަތްކުރަން އެއްވެސް ކަމަށް ކޮށްނުދެއްވާއިރު، މަސްހަލަތު ގެއްލުވައިލަން ކުރެއްވި ކަމެއް ކަމަށެވެ.

އެނގުން މުހިންމު - ތުޅާދޫ މަސްޖިިދުއްރަހްމާން މިސްކިތުގައި ގަބުރުކަށި ހުރި ކަމަށް ގަބޫލުކުރެވިގެން އެކަން ބަލަން ވެގެން މިސްކިތުގެ ފެންޑާއިންނާއި ހަރިންމަ ތެރެއިން ކޮނުނު 10 ތަނުގެ ތެރެއިން 8 ތަނަކުން ގަބުރުކަށި ވަނީ ފެނިފަ އެވެ.

އެއާ އެކު އެ މަސައްކަތްކުރި ވަފުދުން އެ މިސްކިތަށް ގަބުރުސްތާނެއްގެ ދަރަޖަ ދެވުނީކަމަށް ކަނޑައަޅައި، ވަގުތީ ގޮތުން އެ ތަން ބަންދުކޮށް، މިނިސްޓްރީން ވަކި އެއްޗެއް އަންގަންދެން އެ މިސްކިތް ނުހުޅުވުމަށް އެންގި އެވެ.

މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތުގެ ތަފްސީލު ރިޕޯޓު މި ލިންކުން ބަލައިލެވޭނެ އެވެ.

ކޮމެންޓް (4)

ދޮނަޅަ

23 އޮކްޓޯބަރު 2025
ދޮގާއި މަކަރާއި އޮޅުވާލުން ނޫން ކަމެއް މިބައިމީހުންގެ ނެތީބާ؟
0 0

ޢަލިބެ

23 އޮކްޓޯބަރު 2025
މިސްކިތް ކޮނެފައިވާބަޔަށް ވެލި އެޅުމަށް ވެލި ދޫކުރުމަށް އެދި މިނިސްޓްރީން ސިޓީ ފޮނުވާފައި އޮންނަތާ ހަފްތާއެއް. ޖަވާބެއް ނުދީ އެތިބީ އެއްބާރުލުން ދޭވަރުންތާދޯ. ކުރަނީ ހުސް ޖެއްސުން.
1 0

ޙުސޭނުބެ

23 އޮކްޓޯބަރު 2025
މިނިސްޓްރީން ދީނީ އިލްމުވެރިން ފޮނުއްވެވި. މިސްކިތްތަކުގައި ރައްޔިތުންނަށް މަޢޫމާތުދީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވި. ކައުންސިލަރުން ޖަމާއަތަށް ނޭރުނީމަ ތި ނޭނގުނީ. ޢިތުރުފުޅު ނަހައްދަވާ
0 0

މުނީޒް

23 އޮކްޓޯބަރު 2025
ތުޅާދޫ ކައުންސިލްގެ ބަޔާނުގައި އެތަށް ދޮގުތަކެއް. މިނިސްޓްރީން ފައިސާ ދޭން ނިންމަވާ އެންގެވި. ފައިސާ ނުލިބި ވަނީ ކައުންސިލުން މަސައްކަތް ފުރިހަމަ ނުކުރުމުން. ކައުންސިލުން ރައްޔިތުންނާއި މިނިސްޓްރީއަށް ކުރަނީ ޖެއްސުން. އެއްބާރުލުމެއް ނުދޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް