ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ. (އިންސްޓަގްރާމް ފޮޓޯ/ރާޅުމަރިޔަނބު)

މައީޝާގެ ދަރިއަކު ނެތިސް، ދަރިފުޅު އަތުލަން ޖެންޑާއިން އުޅެފި

މިނިސްޓްރީން މައީޝާގެ ގެއަށް ދިޔައީ ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ ކާކުކަން ނޭނގޭ މީހަކު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން. ނަމަވެސް މައީޝާ ބުނާ ގޮތުގައި އޭނާގެ ދަރިއަކު ނުވެސް ހުރޭ
23 އޮކްޓޯބަރު 2025
3

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާގެ ދަރިއަކު ނެތިސް، އޭނާގެ ދަރިފުޅު އަތުލުމަށް ކަމަށް ބުނެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އޭނާގެ ގެއަށް ދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ވީ ކިހިނެއް؟ - މައީޝާ 'އެކްސް'ގައި ހިއްސާކުރި ތުރެޑެއްގައި ކަން ހިނގާދިޔަ ގޮތް ވަނީ ހިއްސާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ޖެންޑާ މިނިސްޓްރީން އޭނާއަށް ގުޅުމުގެ ބަދަލުގައި ގުޅީ އޭނާގެ ދައްތައަށެވެ.

މިނިސްޓްރީން މައީޝާގެ ދައްތައަށް ގުޅީ ކާކުކަން ނޭނގޭ ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެން، މައީޝާގެ '2 އަހަރުގެ ދަރިފުޅު' ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކަމަށްވެ އެވެ.

އެ ހަބަރު ލިބިގެން ވެގެން އުޅޭ ގޮތް އޮޅުންފިލުވަން ގުޅި ނަމަވެސް މިނިސްޓްރީން ޖަވާބެއް ނުލިބުނެވެ. އަދި އަނެއްކާ ވެސް ދައްތަ އޭނާއަށް ގުޅައި، މިނިސްޓްރީގެ މުވައްޒަފުން މައީޝާގެ ގެއަށް ވަދެ އުޅޭ ކަމަށް ބުންޏެވެ.

"މިއީ ވަރަށް ސީރިއަސް ތުހުމަތުތަކެއް. އަހަރެންގެ ދަރިއަކު ނުހުރޭ،" އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެ ކަމަށް ބުނަމުން މައީޝާ ޕޯސްޓުކޮށްފައިވެ އެވެ.

މި ހުރިހާ ކަމެއް ހިނގީ އޭނާ މަސައްކަތުގައި އުޅެނިކޮށް ކަމަށާއި އޭގެ ފަހުން ވެސް ވަރަށް ގިނަ ކަންކަން ހިނގައިފި ކަމަށް ވެސް މައީޝާ ވަނީ ބުނެފަ އެވެ.

މައީޝާގެ ޕޯސްޓާ ގުޅިގެން އާންމުން އަންނަނީ ސޯޝަލް މީޑިއާގައި މިނިސްޓްރީއަށް ފާޑުކިޔަމުންނެވެ.

އެގޮތުން މިފަދަ ކަންކަމަކީ ހަމައެކަނި ދެކެވޭ ވާހަކަތަކަކަށް ބަލައި، އެއްވެސް ތަހުގީގެއްނުކޮށް ކުރަން ނުޖެހޭ ކަހަލަ ކަންތައްތައް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ވުޖޫދުގައި ވެސް ނެތް ކުއްޖަކު އަތުލަން ދިޔައިރު، އުފަންވާ ކުދިންގެ މައުލޫމާތު ވެސް މިނިސްޓްރީގައި ނުހުންނަނީތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދާފަ އެވެ.

މިކަމާ ގުޅޭގޮތުން ބަހެއް ހޯދަން ސޯޝަލް މިނިސްޓްރީއަށް ގުޅުމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިނިސްޓްރީން އަމަލުކުރީ އުސޫލުގައި އޮންނަ ގޮތުގެ މަތިން ކަމަށެވެ. އަދި މިވަގުތު އިތުރު އެއްވެސް ކޮމެންޓެއް ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (3)

ޖާނުއަލީ

25 އޮކްޓޯބަރު 2025
މަރިޔަނބުގެ އަބުރުގެއްލޭވަރުކަމެއްނޫން ތީ. މާ ކަންތައް ބޮޑުކޮށްލައިގެން އެންމެން ތިޔައުޅެނީ ކޮންކަމަކާތަ؟ ސަރުކާރުން އެކަންކުރަން އޮންނަ އެންމެ އަވަހަށް އެޓެންޑުވާނެ. އޮޅިގެންނޭވެސް އެބަބުނޭ. ނޫސްތަކުގަ އެހާވަރަށް ލިޔަންޖެހޭވަރުގެ ކަމެއްތަ އެއީ.
0 0

މުހަންމާ

23 އޮކްޓޯބަރު 2025
ތިހެންތިވަނީ ދުނިޔޭގެ ނިސްބަތުން ރާއްޖޭގައި ޖީ.ސީ.އީ އޯލެވެލްގެ ޓޮޕްޓެން ލިބުން އިތުރުވުމާއި، އެވިޑް،ސައިރިކްސް، ވިލާ މިފަދަ ވިޔަފާރި ކޮލެޖް ތަކުން ޑިގްރީ ނަގާ މީހުން ގިނަ ވީމަ..ބޯ ހަލާކު.
2 2

ހިރިގާ

23 އޮކްޓޯބަރު 2025
ރަނގަޅު މިނިސްޓްރީ އިން ތި ކަންކުރި ގޮތް. އެންމެ ފުރަތަމަ ސޭފްޓީ. ރިޕޯޓު ރަނގަޅު ރިޕޯޓަކަށްވެ، ތަހުގީގު ނިންމާފަ އެޓެންޑުވާން އުޅުނީމަ ލިބޭ ގެއްލުން މާ ބޮޑުވީސް
1 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް