މުހައްމަދު ފަރުސަތު ؛ މީޑިއާ ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރަން މަޖިލީހުގެ ކޮމިޓީން ނިންމައިފި

މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސަކަށް ފަރުސަތު އައްޔަންކުރަން ކޮމިޓީން ނިންމައިފި

މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސަކަށް ކަނޑައަޅާނެ މެންބަރު ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ކޮންމެ މެންބަރަކާ އިންޓަވިއުކޮށްފައި
23 އޮކްޓޯބަރު 2025
2

ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އެކުލަވާލާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސަކަށް މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުސަތު އައްޔަންކުރަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ވީކިހިނެއް؟ - މީޑިއާ ކޮންޓްރޯލް ގާނޫނުގައި އޮންނަ ގޮތުން ކޮމިޝަނުގެ ރައީސް ކަނޑައެޅުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންވެ އެ މައްސަލަ ދިރާސާކުރުމަށް އިއްޔެ މިިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށެވެ.

އެކަން ކުރުމަށް ކޮމިޓީން އިއްޔެ ނިންމީ ކޮމިޝަނުގެ ހުރިހާ މެންބަރުންނާ އިންޓަވިއުކުރުމަށެވެ. އިންޓަވިއު ކުރުން ކުރިއަށް ގެންދިޔައީ މިއަދެވެ.

ތަފްސީލް - ހުރިހާ މެންބަރުންނާ އިންޓަވިއު ކުރުމަށްފަހު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމީ ފަރުސަތު އައްޔަންކުރުމަށެވެ.

ކޮމިޓީގެ ނިންމުމަށް އަދި ތަޅުމުގައި ވޯޓަށް އަހާނެ އެވެ. ފަރުސަތު ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރުމާ މެދު ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.

ފާހަގަކޮށްލެވޭ - ފަރުސަތަކީ އެ ކޮމިޝަނުގައި ތިބޭ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރެކެވެ.

ކޮމިޝަނުގެ ހަތް މެންބަރުންގެ ތެރެއިން މަޖިލީހުން ކަނޑައަޅަނީ ތިން މެންބަރުންނެވެ. އެ ތިން މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން ވެސް ކޮމިޓީން އެންމެ ގިނަ މާކްސް ދިނީ ފަރުސަތަށެވެ.

މަޖިލީހުން ކަނޑައެޅި މެންބަރުންނާއި ކޮމިޓީ މަރުހަލާގައި ދިން މާކްސްއަކީ:

  • މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް (%90.50)

  • މިހާރު އުވާލާފައިވާ ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގު، ބިއްލޫރިވިލާ/ދ. މީދޫ (%88.88)

  • ބްރޯޑްކޮމްގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި (%87.88)

އެނގުން މުހިންމު - ކޮންޓްރޯލް ކޮމިޝަންގައި މީޑިއާތައް ތަމްސީލުކުރާ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. އެ މަގާމުތަކަށް ކުރިމަތިލީ މެންބަރުންގެ އަދަދު އިންތިހާބު ކުރަން ޖެހޭ އަދަދަށް ސީދާ ހަމަވެފައިވާތީ ވާދަވެރި އިންތިހާބަކާ ނުލާ މީޑިއާތައް ތަމްސީލުކުރާ ހަތަރު މަގާމަށް މެމްބަރުން ވަނީ ހޮވިފަ އެވެ.

ބްރޯޑްކާސްޓަރުން ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި ކޮންޓްރޯލު ކޮމިޝަނަށް އައްޔަނު ކޮށްފައިވަނީ:

  • އަބްދުލް އަޒީޒު އިބްރާހިމް، ށ.ފޭދޫ/މޫނިމާގެ

  • ޒަމްއަތު އަހުމަދު ވަހީދު، މަލަ/ގދ.ތިނަދޫ

އެހެނިހެން މީޑިއާ ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި ކޮންޓްރޯލު ކޮމިޝަނަށް އައްޔަނު ކޮށްފައިވަނީ: 

  • ސިމާހާ ނަސީމް، ވެލީގެ/ގދ. ރަތަފަންދޫ

  • ހުސެން ސަގީފް، ހިސާން/ހދ.ވައިކަރަދޫ

ކޮމެންޓް (2)

ތެފައާސާ.

23 އޮކްޓޯބަރު 2025
ފަރުސަތަށް މި ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާނޭކަމަށް އުންމީދުކުރަން.
1 0

ދެންދޯ

23 އޮކްޓޯބަރު 2025
ރައީސް ޑރ. މުއިއްޒުގެ ކްލާސްމޭޓް ކޮމިޝަންގެ ރައީސަކަށް. ވަރަށް ސަޅި!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް