އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ފިލިޕީންސްގެ މޭރީ އާއި އޭނާގެ ފިރިމީހާ މާވިން: މޭރީ މަރާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް މިއަދު ވަނީ ދައުވާކޮށްފައި. (ފޮޓޯ/ ސޯޝަލް މީޑިއާ)
މޭރީގެ މަރުގެ މައްސަލައިގައި މާވިންއަށް ގަސްތު މަރުގެ ދައުވާ؛ ލަމްހާއަށް ބައިރިވުމުގެ ދައުވާ
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލި މައްސަލައިގައި ފުލުހުން ތުހުމަތު ކުރާ އޭނާގެ ފިރިމީހާ، މާވިން އެސްވައި ވާގަސް އާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ޅ. ހިންނަވަރު/މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް ދައުލަތުން މަރުގެ ދައުވާ މިއަދު އުފުލައިފި އެވެ.
މައްސަލައިގެ ފެށުން - 19 އޮކްޓޯބަރު 2021ގައި މއ. އުދުހޭކޮކާގޭގެ ފުރަތަމަ ބުރީގެ ކޮޓަރިއެއްގެ ތެރޭގައި މޭރީ ދަންޖެހުނު ކަމަށް ބުނެ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މާވިން އެވެ. އައިޖީއެމްއެޗުގެ ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރި މޭރީ މަރުވީ ދަންޖެހިގެން ކަމަށް އޭނާގެ ފިރިމީހާ މާވިން ބުންޏަސް، ފުލުހުންނަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށައި މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުން މޭރީ މަރާލާފައި ވާކަން ހާމަވި އެވެ.
ވީ ކިހިނެއް؟ - ޕީޖީ އޮފީހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާވިން އާއި ލަމްހާ ދުރާލައި ރާވައިގެން މޭރީ މަރާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މާވިންއަށް އެއް ދައުވާ އަދި ލަމްހާއަށް ތިން ދައުވާއެއް ކޮށްފައިވާ ކަމަށެވެ.
މާވިންއަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ
ޕީޖީ އޮފީހުން ބުނި ގޮތުގައި، އައިޖީއެމްއެޗުގެ ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މާވިންގެ މައްޗަށް މި ދައުވާ ކުރީ:
-
19 އޮކްޓޫބަރު 2021 ދުވަހުގެ މެންދުރު 12 އާއި 12:49އާ ދެމެދުގެ ވަގުތެއްގައި، އުދުހޭކޮކާގޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން މާވިން މޭރީ މަރާލާފައިވާތީ
އެނގުން މުހިންމު - މާވިން އަކީ ޣައިރު މުސްލިމަކަށް ވާތީ މަރަށް މަރެއް ނުހިފޭނެ އެވެ. އެހެންކަމުން، މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. ނަމަވެސް، ކުށުގެ ބާވަތަށް ބަލައި އަދަބު މިއަށް ވުރެ ބޮޑުވެދާނެ އެވެ.
ލަމްހާއަށް ކުރި ދައުވާތައް
އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ - އަސާސީ އަދަބު: 6 އަހަރުގެ ޖަލު ހުކުމެއް
އޭނާގެ މައްޗަށް މީހަކު މެރުމުގައި ބައިވެރުވުމުގެ ދައުވާ ކުރީ:
-
މޭރީ މަރާލުމުގައި މާވިންއަށް އެހީތެރިވެދީފައި ވާތީ
-
މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެފައި ވާތީ
-
މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައި ވާތީ
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ - އަސާސީ އަދަބު: ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ ކުރީ:
-
27 އޮކްޓޫބަރު 2021ގައި، ފުލުހުން ލަމްހާ ދިރިއުޅުނު ގެ ބަލައި ފާސްކުރި އިރު އޭނާގެ ކޮޓަރީގެ ތެރެއިން ފެނުނު ސިޓީއުރައެއްގެ ތެރެއިން، އައިޖީއެމްއެޗުގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ އިންޖެކްޝަންތަކެއް ފެނިފައިވާތީ
-
އެއީ ހުއްދަ ނުނަގައި ގެންދިއުން މަނާ އިންޖެކްޝަންތަކެއް
ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ - އަސާސީ އަދަބު: ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް
ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ކުރީ:
-
އޭނާގެ ކޮޓަރީގެ ތެރެއިން ހޮސްޕިޓަލް އަދި ފަރުވާ ދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީ