ސިވިލް ކޯޓު ކައުންޓަރު ކައިރީގައި މީހަކު ހިދުމަތް ހޯދަނީ(ފައިލް ފޮޓޯ/ސޯޝަލް މީޑިއާ)

ފޭކް އިންވޮއިސް ހުށަހަޅައިގެން ސެންޓާ އެންޓާޕްރައިސަސްއިން ދައުލަތުން ފައިސާ ހޯދަން އުޅުނު މައްސަލަ ފުލުހަށް

މުދަލުގެ އަގު ނުލިބިގެން ކަމަށް ބުނެ ސެންޓާ އެންޓާޕްރައިސަސް އިން މިހާތަނަށް ހަތަރު މައްސަލައެއް ކޯޓަށް ހުށަހަޅާފައިވޭ؛ މި މައްސަލަތަކާ ގުޅިގެން 132 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް ދައްކަންޖެހޭ

އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އިން ދައުލަތާ ދެކޮޅަށް ކޯޓުގައި ދައުވާކޮށް، ފޭކް އިންވޮއިސް ހުށަހަޅައިގެން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އޮޅުވާލައިގެން ހޯދަން އުޅުން ކަމަށް ބުނާ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން ފުލުހަށް މިއަދު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ސެންޓާ އެންޓަޕްރައިސަސް އިން 2021 ވަނަ އަހަރު އަދި 2022 ވަނަ އަހަރުގައި ދައުލަތާ ދެކޮޅަށް ހަތަރު ދައުވާއެއް ސިވިލް ކޯޓަށް ހުށަހެޅި އެވެ.

ސަރުކާރުގެ އެކި ކުންފުނިތަކާ ދެކޮޅަށް ހުށަހަޅާފައިވާ އެ ހަތަރު ދައުވާގެ ތެރެއިން:

  • އެއް މައްސަލަ ފިޔަވައި ހުރިހާ މައްސަލައެއްގައި ވެސް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އެ ފައިސާ ދައުލަތުން ދައްކަންޖެހޭ ކަމަށް 

  • މިހާތަނަށް ޖުމްލަ 132 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް ދައްކަންޖެހޭ 

  • އެ ނިންމުންތައް ދައުލަތުން ވަނީ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި

ތަފްސީލް - ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ، އެ ދައުވާތަކާ އެކު، ސެންޓާ އެންޓާޕްރައިސަސް އިން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ސައްހަކަމާ މެދު އަދި ބައެއް މުއާމަލާތްތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭތީ، އެ މައްސަލަތައް 2022 ވަނަ އަހަރު އަދި އޭގެ ފަހުން ވެސް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ހަމަ އެ ތާރީހުގައި މި މައްސަލަތައް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އެ ތަނުން ބުންޏެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ:

  • އެ މައްސަލައާ ގުޅޭ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އަލުން ފުލުހަށް މިއަދު ހުށަހަޅާފައިވާނެ 

  • މި މައްސަލަ ފުލުހުންނަށް ހުށަހެޅީ، 'ސެންޓާ އެންޓާޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2008 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ މެޑިކަލް އިކިއުޕްމަންޓާއި ކޮންސިއުމަބްލްސްގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ހާއްސަ އޮޑިޓްގެ ރިޕޯޓް'ގައިވާ ކަންކަމަށް ބަލާފައި

"މި މައްސަލައާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންގެ ހިދުމަތަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރެލް އިރުޝާދު ދެއްވާފައިވާތީ، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެހާ ކަންކަމަށް ރިއާޔަތްކުރައްވައި ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި މި އޮފީހުން މިއަދު ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅައިފީމެވެ،" ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

އޮޑިޓް އޮފީހުން އެކަމާ ގުޅިގެން އާންމުކޮށްފައިވާ ރިޕޯޓްގައި ސެންޓާ އެންޓާޕްރައިސަސް އިން ފޯޖްކޮށްގެން އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއް ޝަރުއީ ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް އޮޑިޓާ ޖެނެރަލަށް ބުރަވެވޭ ކަމަށް ބުނެފައިވެ އެވެ. އަދި އެ ފަދައިން އެ ކުންފުނިން އަމަލުކޮށްފައިވަނީ މަކަރާއި ހީލަތުން ދައުލަތުގެ ކިބައިން ފައިސާ ހޯދުމަށް ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެނގުން މުހިންމު - ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސްއަށް 2006 އިން 2008ގެ ނިޔަލަށް، ސެންޓަ އެންޓަޕްރައިސަސް އިން ފޯރުކޮށްދިން ކަމަށް ބުނާ މުދަލުގެ އަގު ނުލިބިގެން ސިވިލް ކޯޓުގައި ދައުވާކުރުމުން، މިދިޔަ ފެބްރުއަރީ މަސް ތެރޭ ސިވިލް ކޯޓުން ވަނީ އެ ހިދުމަތުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް އަންގާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް