ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް. ކުރީގެ ސުޕްރީމް ކޯޓުން ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ހެދި ޑިވިޝަންތައް އުވާލަން ސުޕްރީމް ކޯޓުން މިއަދު ވަނީ އަންގާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޖުޑިޝަރީ

ސުޕްރީމް ކޯޓުގެ އެންގުމަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ހެދި ޑިވިޝަންތައް އުވާލަން އަންގައިފި

މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަނުގައިވާ ގޮތުން ދެން މި ދެ ކޯޓުގެ މަސައްކަތް އޮންނާނީ ކޯޓުތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިހްތިސާސްއާ އެއްގޮތަށް
4 ޖެނުއަރީ 2022

ގާނޫނުގައި އިހްތިސާސް ކަނޑައަޅާފައި އޮއްވައި ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ޑިވިޝަންތަކެއް ހަދައި މަސައްކަތްތައް ބަހާލަން ކުރީގެ ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއް މިއަދު ބާތިލުކޮށްފި އެވެ.

އެނގުން މުހިންމު - ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއި ކުރައްވައި 2015 ވަނަ އަހަރު ނެރުނު ސާކިއުލާއެއްގެ ދަށުން:

  • ސިވިލް ކޯޓުގައި ފަސް ޑިވިޝަން ގާއިމުކުރަން 

  • ހިބަ އާއި ވަސިއްޔަތާއި ތަރިކައިގެ މައްސަލަތަކާއި ވާރިސުން ގިންތިކުރުމުގެ މައްސަލަތަކާއި މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުން އެދި ހުށަހެޅޭ މައްސަލަތައް ފެމިލީ ކޯޓުގައި ގާއިމުކުރާ ޑިވިޝަނުން ބަލަން އެންގި

ވީ ކިހިނެއް؟ - އެހެން ނަމަވެސް، އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން ސޮއި ކުރައްވައި ސުޕްރީމް ކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ ސުޕްރީމް ކޯޓުގެ 2015 ވަނަ އަހަރުގެ އެ ސާކިއުލާ ބާތިލު ކޮށްފަ އެވެ. އެއީ ކޯޓުތަކުގެ ގާނޫނުގައި ދީފައިވާ އިހްތިސާސްއާ އެއްގޮތަށް މަސައްކަތްތައް ތަރުތީބު ކުރުމަށެވެ.

ތަފްސީލު - އެ ސާކިއުލާއާ ގުޅިގެން ނެރުނު އިތުރު ދެ ސާކިއުލާއެއް ވެސް ބާތިލު ކުރި އެވެ.

މިއަދު ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ:

  • ކޯޓުތަކުގެ އިހްތިސާސް އާއި މަސައްކަތްތައް ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށް

  • ކޯޓުތަކުގެ މަސައްކަތްތައް ތަރުތީބުވެފައި އޮންނަން ވާނީ އެ ގާނޫނުގައިވާ ގޮތަށް ކަމަށް

މަދަނީ މައްސަލަތަކުގެ ތެރެއިން އާއިލީ މައްސަލަތައް ފިޔަވައި އެހެން ހުރިހާ މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ދީފައިވާ ސުޕީރިއާ ކޯޓަކީ ސިވިލް ކޯޓުކަން އެ ޕްރެކްޓިސް ޑައިރެކްޝަންގައި ފާހަގަ ކުރި އެވެ. އަދި ފެމިލީ ކޯޓުން ބަލާނެ މައްސަލަތައް ވެސް އެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަކަން ފާހަގަ ކުރި އެވެ.

މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަނުގައިވާ ގޮތުން ދެން މި ދެ ކޯޓުގެ މަސައްކަތް އޮންނާނީ ކޯޓުތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިހްތިސާސްއާ އެއްގޮތަށެވެ. އަދި ކުރީގެ ސާކިއުލާއިން އުފެއްދި ޑިވިޝަންތައް ވެސް އުވިގެންދާނެ ކަމަށް ބުންޏެވެ.

މި ނިންމުމާއެކު ގެންނަން ޖެހޭ ބަދަލުތައް މި މަހުގެ ނިޔަލަށް ނިންމުމަށް ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ. އަދި އެ ޕްރެކްޓިސް ޑައިރެކްޝަންއަށް އަމަލު ކުރަން ފަށާނީ ފެބްރުއަރީ އެއް ވަނަ ދުވަހުން ފެށިގެންކަން ވަނީ އަންގައިފަ އެވެ.

ފަސްމަންޒަރު - އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ނެރުއްވި ސާކިއުލާއިން 2015 ގައި ސިވިލް ކޯޓުގައި އުފެއްދީ:

  • ޑިސްޕިއުޓް ރިޒޮލޫޝަންއާ ބެހޭ ޑިވިޝަން

  • މުދަލާއި ފައިސާއާ ބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޝަން

  • މުދަލާއި ފައިސާއާ ބެހޭ ކުދި މައްސަލަތަކާއި އަވަސް ނިޔާގެ މައްސަލަތައް ބަލާ ޑިވިޝަން

  • އިދާރީ މައްސަލަތައް ބަލާ ޑިވިޝަން

  • ހުކުމް ތަންފީޒު ކުރުމާ ބެހޭ ޑިވިޝަން

ކުރިން ނެރުނު ސާކިއުލާގައި ވަނީ އެ ނިންމުން ނިންމީ، ތަފާތު ކުރުމެއް ނެތި ފަސޭހަކަމާއެކު ރައްޔިތުންނަށް އިންސާފާ ހަމައަށް ވާސިލުވެވޭނެ ނިޒާމެއް ސިވިލް ކޯޓުގައި ގާއިމް ކުރުމަށް ކަމަށެވެ.





އިތުރު އާޓިކަލް

އިތުރު އާޓިކަލް