ބިދޭސީ މަސައްކަތްތެރިންތަކެއް ސިމެންތި ބަސްތާތަކެއް އުފުލަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ބިދޭސީ މަސައްކަތްތެރިން ބޭރަށް ފައިސާ ފޮނުވޭ ވަރު ދަށްނުކުރަން ޔުނިއަންތަކުގެ ކޮންފެޑެރޭޝަނުން ގޮވާލައިފި

ބައެއް ބޭންކްތަކުން ވަނީ ރާއްޖެއިން އެ ގައުމަށް ކޮންމެ މަހަކު ފައިސާ ފޮނުވެވޭ ދަށް އަދަދު އިތުރަށް ދަށް ކުރުމަށް ނިންމާފައި؛ ގާތްގަނޑަކަށް 400 ޑޮލަރުން 150 ޑޮލަރަށް ލިމިޓް ކުޑަކޮށްފައިވޭ
18 އޮކްޓޯބަރު 2025

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ކޮންމެ މަހަކު ބޭރަށް ފައިސާ ފޮނުވޭ ރެމިޓެންސް ލިމިޓް ދެގުނައަށްވުރެ ބޮޑުކޮށް ދަށްކުރުމުން، ކުރިން ހުރި ވަރަށް އިއާދަކުރުމަށް މަސައްކަތްތެރިންގެ ޔުނިއަންތަކުގެ ކޮންފެރޭޝަނުން އިއްޔެ ގޮވާލާފައިވެ އެވެ.

ވީކިހިނެއް؟ - ކޮންމެ މަހަކު ބޭރަށް ފައިސާ ފޮނުވޭ ލިމިޓް ކުޑަކުރަން ބޭންކުތަކުން ނިންމުމާ ގުޅިގެން މޯލްޑިވްސް ޓްރޭޑް ޔުނިއަންސް ކޮންފެޑެރޭޝަން (އެމްޓީޔޫސީ)ން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ވަނީ ނެރެފަ އެވެ.

ބަޔާނުގައިވާ ގޮތުން އެ ލިމިޓް ބޭންކްތަކުން ކުޑަކުރީ 400 ޑޮލަރުން 150 ޑޮލަރަށެވެ.

ބުނީ ކީކޭ؟ - މި ފިޔަވަޅުގެ ސަބަބުން މި ރެމިޓެންސްތަކަށް ބަރޯސާވާ ބޭރު މަސައްކަތްތެރިންނާއި އެ މީހުންގެ އާއިލާތަކުގެ ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ޓްރޭޑް ޔުނިއަންގެ ކޮންފެޑެރޭޝަނުން ބުންޏެވެ.

މި ސިޔާސަތަށް މި ބަދަލު ގެނައީ ބޭންކިން ނިޒާމުގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ތާށިކަމެއް އުޅޭ ދަނޑިވަޅެއްގަ އެވެ. ޑޮލަރުގެ ރަސްމީ އެކްސްޗޭންޖް ރޭޓާއި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ރޭޓުގެ ފަރަގު ވެސް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.

އެމްޓީޔޫސީން ބުނީ މިފަދަ ދަނޑިވަޅެއްގައި އެ މަސައްކަތްތެރިންގެ އާއިލާއަށް ފައިސާ ފޮނުވުމަށް، ގައުމަށް ކޮންމެ މަހަކު ފައިސާ ފޮނުވާ ލިމިޓް ކުޑަކުރުމުން އެ މީހުންގެ ދިިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަން އިތުރަށް ދަތިވާނެ ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ އާބާދީގެ ބޮޑު ބަޔަކީ ބިދޭސީން ކަމަށާއި މި މަސައްކަތްތެރިންގެ ތެރެއިން ގިނަ މީހުންނަށް މުސާރަ ލިބެނީ ބޭރު ފައިސާގެ ބަދަލުގައި ދިވެހި ރުފިޔާއިންކަން އެމްޓީޔޫސީން ފާހަގަކޮށްފައިވެ އެވެ.

މި މުވައްޒަފުންގެ އާއިލާތަކުން ދިވެހި ރުފިޔާއިން ލިބޭ މުސާރަ މާރުކޮށް އެ ގައުމަށް ފޮނުވެން އޮންނަ ލިމިޓަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހިފައިވާކަން ފާހަގަކުރި އެވެ. އަދި އެއީ އެ މީހުންގެ އާއިލާތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް އޮތް ހަމައެކަނި މަގު ކަމަށެވެ.

"މި ގޮންޖެހުންތަކަށް ރިއާޔަތްކޮށް، މި ނިންމުން އަލުން މުރާޖައާ ކުރުމަށް ކޮންފެޑެރޭޝަނުން ކަމާ ބެހޭ އިދާރާތަކަށް ގޮވާލަން. އެއީ 400 ޑޮލަރުގެ ރެމިޓެންސް ލިމިޓް އަލުން އިއާދަކޮށް، ނުވަތަ ބިދޭސީން މަަސައްކަތްތެރިންނަށް ދަތިނުވާނެ ސިޔާސަތެއް ގެނައުމަށް،" އެމްޓީޔޫސީގެ ބަޔާނުގައިވެ އެވެ.

ފާހަގަކޮށްލެވޭ - އެމްޓީޔޫސީގެ ބަޔާނުން ރެމިޓެންސް ލިމިޓް ކުޑަކުރި ވަކި ބޭންކެއް ފާހަގަކޮށްފައި ނެތް ނަމަވެސް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ރާއްޖޭގައި ހުރި އަވައްޓެރި ބައެއް ގައުމުތަކުގެ ބޭންކްތަކުން ރެމިޓެންސް ލިމިޓް ކުޑަކޮށްފައިވާކަން އެނގިފައިވެ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އެންމެ ގިނައީ ވެސް ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލް ފަދަ އަވައްޓެރި ގައުމުތަކުން އައިސް އުޅޭ މަސައްކަތްތެރިންނެވެ.

ބައެއް ދިވެހި ޓީޗަރުން ވެސް ބޭންކްތަކުގެ އެ ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ގޮތުން ޓީޗަރަކު ފޭސްބުކްގައި ލިޔެފައިވަނީ ތައުލީމީ ދާއިރާއަށް ބޮޑު ހިއްސާއެއް ފޯރުކޮށްދޭ ބިދޭސީ ޓީޗަރުންގެ ހައްގުގައި ނަމަވެސް ދިވެހި ސަރުކާރުން ކޮންމެ ވެސް ވަރެއްގެ މަގެއް ހޯދުމަށް މަސައްކަތްކޮށްދޭން ވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް