ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު. (ދައުރު ފޮޓޯ/ހުސެން ސުނޭން)

ފެނަކަ ސައީދު

ސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފި، ދައުވާއަށް އިންކާރުކުރި

އަހުމަދު ސައީދު ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިރު ހިނގި ކޮރަޕްޝަންގެ މައްސަލައެއްގައި ހުކުމްކޮށްފައިވާއިރު އިތުރު މައްސަލައެއްގައި އޭނާއަށްކުރާ ދައުވާގެ ޝަރީއަތް ފަށައިގެން ކުރިއަށް އެބަދޭ
16 އޮކްޓޯބަރު 2025
1

މިހާރު ވެސް ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ އިތުރު މައްސަލައެއްގެ ޝަރީއަތް ފަށައި ދެވަނަ އަޑުއެހުން މިއަދު ބާއްވައިފި އެވެ.

ވީ ކިހިނެއް؟ - މި ޝަރީއަތަކީ، ލ. މާމެންދޫގައި ބެހެއްޓި އައިސްޕްލާންޓެއް ފެނަކައަށް ގަތުމުގައި އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ސައީދުގެ މައްޗަށް އުފުލި ދައުވާއެއްގެ ޝަރީއަތެކެވެ. އެގޮތުން:

  • ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ

  • ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުން؛ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުން

ތަފްސީލް - މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ބާއްވާފައިވެ އެވެ. ކޯޓުން މައުލޫމާތު ދިން ގޮތުގައި، މިއަދު ބޭއްވީ މައްސަލައިގެ އިބްތިދާއީ މަރުހަލާގެ ދެވަނަ އަޑުއެހުމެވެ. އެގޮތުން:

  • މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވައި، ދައުވާއަށް ޖަވާބުދާރީވެފައިވޭ؛ ސައީދު ވަނީ ދައުވާއަށް އިންކާރުކޮށްފައި

  • ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައިވޭ؛ އެ ގޮތުން ދައުލަތުން އެދުނީ ކޯޓަށް އައިސް ހެކިތައް ބަލަން

  • މައްސަލަ ބައްލަވާ ގާޒީ އާމިނަތު އަޒްލިފާ ނިންމެވީ ޝަރުތުތަކެއް ކުރުމަށްފަހު، ދައުލަތުގެ ހެކިތަކުގެ ލިޔެކިޔުންތަކާއި މައުލޫމާތު ދިފާއަށް ދިނުމަށް

މި މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދިފާއީ ހެކި ހުށަހެޅުމެވެ.

މައްސަލައިގެ ހުލާސާ - ފެނަކަ އާއި ފިޝަރީޒް މިނިސްޓްރީއާ އެކު ހެދި އެއްބަސްވުމުގައި ސައީދު ސޮއިކުރެއްވުމަށް ފަހު، މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ހިންގީ އުސޫލުތަކުގެ ބޭރުން ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި:

  • މާމެންދޫގައި ފެނަކައިން އައިސްޕްލާންޓެއް އެޅުމުގެ ބަދަލުގައި އެ ރަށުގައި އޭރު ވެސް ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުން ހުށަހެޅީ އާދަޔާހިލާފު ބޮޑު އަގެއް ކަމަށްވާ 11.2 މިލިއަން ރުފިޔާ

  • އައިސްޕްލާންޓް ގަތުމަށް ނިންމީ ފެނަކައިން އިންހައުސްކޮށް އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން ބޯޑުގެ ބައްދަލުވުމުގައި ސާފުކޮށް ނުދީ؛ އަދި އެ ވާހަކަ ހުއްޓުވާފައިވޭ

  • އެ ގޮތަށް ނިންމީ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔެއް ހޯދުމަކާ ނުލައި، އަދި އެއީ ފެނަކައިގެ ބިޒްނަސް ޕްލޭންތަކުގައި ވެސް މާލީ ގޮތުން ގެއްލުން ބޮޑު މަޝްރޫއުއެއްކަން ބަޔާންކޮށްފައިވަނިކޮށް

  • ކައިޒާން އިންވެސްޓްމަންޓްއަށް ފެނަކައިން އެހާ ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ގޮތް މެދުވެރިކުރަން މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ސައީދު ސޮއިކޮށްފައިވޭ

ފާހަގަކޮށްލެވޭ - މިހާރު އޮތް ދައުވާގެ އަސާސީ އަދަބު ކުޑަ ނަމަވެސް ޒިންމާދާރު އިސް މަގާމެއްގައި ހުންނަވައިގެން ހިޔާނާތް ހިންގާނަމަ ދެވެން އޮތް އެންމެ ބޮޑު އަދަބު ދިނުމަށް ކްރިމިނަލް ކޯޓުން މި ފަހުން ހުކުމްކޮށްފައިވެ އެވެ.

އެ ގޮތަށް ކުރި އެއް ހުކުމަކީ ވެސް ސައީދުގެ މައްޗަށް ހަތަރު އަހަރަށް ޖަލަށް ލުމަށް މިދިޔަ މަހު 28ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމެވެ. އެއީ:

  • މާކެޓިން، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމެންޓް ކުންފުންޏެއް ކަމަށްވާ، ބްލޭޒަން އިންކްއާ ފެނަކައިން ހަވާލުކުރި މަސައްކަތެއް ނިންމިކަން ކަށަވަރުކުރުމެއް ނެތި އެ ކުންފުންޏަށް ފައިސާ ދޫކުރި ކަމަށް ބުނާ މައްސަލައެއް

  • އޭގެ ސަބަބުން ފެނަކައަށް 848،000ރ.ގެ ގެއްލުމެއް ލިބިފައިވާ ކަމަށް ބުނޭ

މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނަކައިން ހިންގި ކަމަށް ތުހުމަތުކުރާ ހިޔާނާތުގެ 75 މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ކުރިން ބުނެފަ އެވެ.

ކޮމެންޓް (1)

ތަންކޮޅެއް ގިނަ އަދި

16 އޮކްޓޯބަރު 2025
ރިހާކުރުފުޅިއެއް ވަގަށް ނެގީމަ ހަތަރު އަހަރު. ރައްޔިތުންގެ ކުންފުނިތައް ފެންފޮދަކާ ނުލައި ދިރުވައިލީމަވެސް ހަތަރު އަހަރު؟ މިއީ ކޮންކަހަލަ ގާނޫނެއް އޮންނަ ގައުމެއް؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް