ގައުމީ ތަރައްގީގެ ޕްލޭންއާ ބެހޭ ގޮތުން ނެކްސިއާއިން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިން މަޝްވަރާކުރަނީ (ފޮޓޯ: ނެކްސިއާ މޯލްޑިވްސް)

'ވިލުންތެރި ރާއްޖެ 2045'އާ ބެހޭ ވަށްމޭޒު ޖަލްސާގެ ފުރުސަތު ހުޅުވާލައިފި

މިއީ ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭންއާ ގުޅޭ ގޮތުން އެކި ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުންނަށް ހާއްސަކޮށްގެން ބާއްވާ ބައްދަލުވުންތަކެއް
15 އޮކްޓޯބަރު 2025

ގައުމީ ތަރައްގީގެ ޕްލޭން "ވިލުންތެރި 2045: އެންމެންނަށް ފާގަތިކަން"ގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާ އިރު މި މަސައްކަތުގައި އެކި ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުންނާ އެކު ބާއްވާ ވަށްމޭޒު ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ނެކްސިއާ މޯލްޑިވްސްއިން ހުޅުވާލައިފި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދާ ނެކްސިއާއިން ރާވާފައިވަނީ ގައުމީ ތަރައްގީގެ ޕްލޭން ތައްޔާރުކުރާ އިރު އެކި ފަރާތްތަކުގެ ބައިވެރިވުން ވީހާވެސް ފުޅާކޮށް ހޯދާށެވެ.

އެހެންކަމުން މިފަހަރު މި ހުޅުވާލީ އެކި ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުންނަށް އެ ދާއިރާތަކުގެ ކުރިމަގު އޮންނަންވީ ގޮތުގެ ތަސައްވުރު އެކުލަވާލުމުގެ ވަށްމޭޒު ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތެވެ.

މިގޮތުން އިގްތިސާދީ، އިޖުތިމާއީ، ތިމާވެށި، ގަވާނަންސް، އަދި ސްޕެޝަލް ޕްލޭނިންގެ ދާއިރާތަކުގެ ތަޖުރިބާކާރުން އެއިން ކޮންމެ ދާއިރާއަކަށް ހާއްސަކޮށްފައިވާ ވަށްމޭޒު ބައްދަލުވުންތަކުގައި ބައިވެރިވެ އެ ދާއިރާތައް ރާއްޖޭގައި ކުރިއަރައިގެން ދާން ބޭނުންވާ ގޮތާއި، ހުރި ގޮންޖެހުންތަކާއި ހައްލުތަކާ ގުޅޭ ގޮތުން ކުރެވޭ މަޝްވަރާކުރެވޭނެ އެވެ. އަދި ގައުމީ ތަރައްގީ ޕްލޭން އެކުލަވާލާއިރު ހުށައަޅާ ހިޔާލުތަކަށް ސަމާލުކަން ދޭނެ އެވެ.

ނެކްސިއާއިން ބޭނުންވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ހިޔާލުތައް ހޯދަން (ފޮޓޯ/ ނެކްސިއާ މޯލްޑިވްސް)

ނެކްސިއާއިން ބުނީ ގައުމީ ތަރައްގީއަށް މުހިއްމު ދާއިރާތަކުން 62 މައުލޫއުއަށް ޖުމްލަ 20 ވަށްމޭޒު ޖަލްސާ ކުރިއަށް ގެނދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލަން އާއްމުންގެ ހިޔާލު ހޯދުމަށް ނެކްސިއާއިން މިހާރު އަންނަނީ 'ކުރިމަގު ސައްލާތައް' ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ބާއްވަމުންނެވެ. އެ ސައްލާތަކުގައި ރައްޔިތުން ފާޅުކުރާ އުންމީދުތަކާއި ހިޔާލުތައް، ތަޖުރިބާކާރުންގެ ވަށްމޭޒު ޖަލްސާތަކާ ހަމައަށް ގެންދާނެ ކަމަށް ނެކްސިއާއިން ބުންޏެވެ.

ނެކްސިއާއިން ބާއްވާ 'ކުރިމަގު ސައްލާ'ގައި އޮފިޝަލަކު ވާހަކަ ދައްކަވަނީ (ފޮޓޯ/ ނެކްސިއާ މޯލްޑިވްސް)
ކުރިމަގު ސައްލާގެ ބައިވެރިންތަކެއް ހިޔާލު ހުށައަޅަނީ (ފޮޓޯ/ ނެކްސިއާ މޯލްޑިވްސް)

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލަން ނެކްސިއާއިން މިހާތަނަށް ރާއްޖޭގެ 100އަށް ވުރެ ގިނަ ރަށުގައި ކުރިމަގު ސައްލާ ވަނީ ބާއްވައިފަ އެވެ. 

އެ ސައްލާތަކުގައި ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ ނިޒާމެއް

  • ރަށުގެ އިގުތިސާދީ ހާލަތަށް ހެޔޮ ބަދަލުތަކެއް އައުން

  • ފުދުންތެރި ދިރިއުޅުމެއް ލިބުން

  • އާންމު ހިދުމަތްތައް ތަރައްގީވުން

  • އެއް ބަޔަކު އަނެއް ބަޔަކާ އޮންނަ ގުޅުން ބަދަހިވުން

ގައުމީ ތަަރައްގީގެ ޕްލޭން އެކުލަވާލަން މ. އަތޮޅަށް ނެކްސިއާގެ ޓީމުން ކުރި ދަތުރުގެ ތެރެއިން (ފޮޓޯ/ ނެކްސިއާ މޯލްޑިވްސް)

މީގެ އިތުރުން 'ރަށުވަންތަކަން' ގެއްލިގެން ނުދާނެ ގޮތަށް ރާއްޖޭގެ މާހައުލަށް ފެތޭ އަދި ވަށައިގެންވާ ވެއްޓާއި މާހައުލީ ނިޒާމްތައް ފަނާނުވާ ފަދަ ތަރައްގީގެ ތަސައްވުރުތައް ސައްލާގެ ބައިވެރިން ވަނީ ނެކްސިއާއާ ހިއްސާކޮށްފަ އެވެ.

ވަށްމޭޒު ބައްދަލުވުންތަކުގައި ތަޖުރިބާކާރުންގެ ހުށައެޅުންތައް ބޭނުންވަނީ ރައްޔިތުންގެ އެ އުއްމީދުތައް ހާސިލްކުރަން ހުރި ގޮންޖެހުންތަކާއި ހައްލުތަކުގެ މައްޗަށެވެ.

"މި ހުރިހާ މަސައްކަތެއްގެ ނަތީޖާއަކަށް ވެގެންދަނީ ފުޅާ ދާއިރާގެ ހިޔާލާއި މަޝްވަރާ އަދި އިލްމީ ދިރާސާ އާއި ހެކީގެ މައްޗަށް އެކުލެވޭ ސިޓިޒަން ސެންޓްރިކް ޕްލޭނެއް ހެދިގެން ދިއުން،" ނެކްސިއާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ނެކްސިއާގެ ޓީމެއް އެންޖީއޯ ފޯރަމްގައި  ބައިވެރިވަނީ (ފޮޓޯ: ނެކްސިއާ މޯލްޑިވްސް)
ނެކްސިއާއިން ވަނީ މިހާތަނަށް އެކި ދާއިރާތަކުން 5،000 އަށް ވުރެ ގިނަ މީހުންނާ ބައްދަލުކޮށް މައުލޫމާތު އެއްކޮށްފައި (ފޮޓޯ: ނެކްސިއާ މޯލްޑިވްސް)

އެހެންކަމުން ނެކްސިއާއިން އެދެނީ ތަފާތު ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުން ވަށްމޭޒު ޖަލްސާތަކުގައި ބައިވެރިވުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް