އިބްރާހިމް އާތިފް ޝަކޫރު:

އާތިފް ޝަކޫރު

އާތިފްގެ ދައުވާ ނެގީ ނަސޭހަތް ދެވޭ ވަރުގެ ކުށަކަށްވާތީ އާއި މައްސަލަ ލަސްވާ ކަމަށް ބުނެ

ޕީޖީ އޮފީހުން ބުނި ގޮތުގައި ދައުވާ މުރާޖައާކޮށް އަނބުރާ ނެގުމަށް ނިންމީ އެއީ ނަސޭހަތް ދެވޭ ވަރުގެ ކުށަކަށްވާތީ އާއި އެ މައްސަލަ ކޯޓުގައި ހިނގާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވާތީ
14 އޮކްޓޯބަރު 2025
2

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔަަކަށް އިބްރާހީމް އާތިފް ޝަކޫރު ހުންނެވިއިރު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މުއާމަލާތެއް ރިޕޯޓްނުކުރި ކަމަށް ބުނާ މައްސަލާގައި އުފުލި ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ވީ ކިިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިނގި އެ ހިޔާނާތުގެ މައްސަލާގައި އާތިފްގެ މައްޗަށް މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާ އުފުލީ 27 ފެބްރުއަރީ 2020ގަ އެވެ.

މި ސަރުކާރުގައި މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓެއްގެ މަގާމުގައި ހުންނެވި އާތިފް ވަނީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދިވަޑައިގެން ދައުވާ މުރާޖައާ ކޮށްދިނުމަށް ހުށަހަޅުއްވައިފަ އެވެ.

ތަފްސީލް - ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު 'ދައުރު'އަށް ވިދާޅުވީ އާތިފްގެ މައްޗަށް ކުރާ ދައުވާއަކީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ލިބޭ ވަރުގެ ކުށެއް ކަމަށެވެ. 

އާތިފްގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ އަސާސީ އަދަބަކީ:

  • 10،000ރ. އާއި 500،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން

  • އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 98 ވަނަ މާއްދާގައި އޮންނަ ގޮތުން ދައުވާ ކުރުމުގެ ބަދަލުގައި ނަސޭހަތް ދެވޭނީ:

  • ކުށަށް އިއުތިރާފްވެފައިވުމުން

  • ޕީޖީ އޮފީހުން ކަނޑައަޅާ ޝަރުތުތަކަށް ކުށުގެ ތުހުމަތުގައިވާ މީހާ ގަބޫލުކުރުމުން

  • ކުރިކަމަށް އިއުތިރާފްވާ ކުށަކީ އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމުގެ އަދަބެއް ކަނޑައެޅިފައިވާ ކުށަކަށް ނުވުން

މީގެ އިތުރުން އެ ފުރުސަތު ދިނުމުގައި ބަލާފައިވާނީ މައްސަލަ ދިގުލައިގެންދާ މުއްދަތަށްކަން ޝަފީއު ފާހަގަކުރެއްވި އެވެ.

"2020 ވަނަ އަހަރުން ފެށިގެން މި މައްސަލަ ކޯޓުގައި އެ ހިނގަނީ. އެހެންވެ އެ ކަމަށް ދެން ރިއާޔަތްކޮށްފައިވާނީ،" ޝަފީއު ވިދާޅުވި އެވެ.

އެނގުން މުހިންމު - ނަސޭހަތް ދިނުމަށް ވުރެ އާންމު މަސްލަހަތު ހުރި ގޮތަކީ ދައުވާކުރުން ކަމަށް ބަލާނެ ކަންކަން ވެސް ގާނޫނުގައިވެ އެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ:

  • ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ހިންގި އަމަލަކަށް ވުން

  • ކުށް ކުރި މީހަކީ މުޖުތަމައުގައި ޒިންމާދާރު މަގާމެއްގައި ހުރި މީހެއް ކަމުގައިވުން

އެފްއައިޔޫގެ ވެރިޔަކަށް ހުންނަ މީހަކު އަދާކުރަން ޖެހޭ އެއް ޒިންމާއަކީ ޝައްކު އުފެދޭ މުއާމަލާތްތައް ޓްރެކްކުރުމާއި އޭގައި ގޯހެއް އުޅޭ ނަމަ ކަމާ ގުޅުން ހުރި އިދާރާތަކަށް ރިޕޯޓްކުރުމެވެ.

އާތިފްގެ މައްޗަށް ކުރެވޭ ތުހުމަތަކީ ދައުލަތަށް ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ގެއްލުނު ބޮޑު ހިޔާނާތެއް ރިޕޯޓްކުރުމުގައި އޭނާގެ ރަސްމީ ޒިންމާ އަދާނުުކުރި ކަމުގެ ތުހުމަތެވެ. 

އާތިފް އޭރު ޒިންމާދާރު މަގާމެއްގައި ހުންނެވުމާއި އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ހިންގި އަމަލެކެވެ.

ކޮމެންޓް (2)

ތެފައާސާ.

14 އޮކްޓޯބަރު 2025
ޚަބަރުގެ ސުރުޚީ ކިޔާފައި ތިރީގައިމިވާ އިބާރާތް ކިޔާލީމާ މި ޚަބަރުގައި އަސްލު މިވީގޮތް ސާފު ވާނެ. "..އާތިފް ހުންނެވީ މި ސަރުކާރުގައި މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓެއްގެ މަގާމުގައެވެ.."
1 0

ބޮލުރޮނދިރާޖާ

14 އޮކްޓޯބަރު 2025
ސުވާލަކީ އާތިފުގެ ބަދަލުގައި ތިޔަ މައްސަލައިގައި ޖާމިނުވަނީ އިދިކޮޅު ޕާޓީ މީހެއްނަމަ ނުވަތަ ނިކަމެތި ރައްޔިތެއްނަަމަ ޕީޖީން ތި ސްޓޭންޑް ނަގާނެތޯ. ޖަސްޓިފިކޭޝަނުން ދުވަނީ ކުނިވަސް. ޗީޑި ޕީޖީ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް