ގައުމީ ތަރައްގީގެ 20 އަހަރުގެ ޕްލޭނަށް މައުލޫމާތު ހޯދަން ކުރިމަގު ސައްލާއެއް ކުރިއަށް ގެންދަނީ
މާލެ ސަރަހައްދުގައި ބާއްވާ 'ކުރިމަގު ސައްލާ' ބައްދަލުވުމުގައި ބައިވެރިވާން ހުޅުވާލައިފި
ކުރިއަށް އޮތް 20 އަހަރަށް ހަދާ ގައުމީ ތަރައްގީގެ ޕްލޭން 'ވިލުންތެރި ރާއްޖެ 2045: އެންމެނަށް ފާގަތިކަން"، އެކުލަވާލަން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މާލެ ސަރަހައްދުގައި ބާއްވާ 'ކުރިމަގު ސައްލާ' ބައްދަލުވުންތަކުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ނެކްސިއާ މޯލްޑިވްސްއިން ހުޅުވާލައިފި އެވެ.
މީގެތެރެއިން މާލޭގައި ދެ ބައްދަލުވުމެއް، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އިތުރުން ވިލިމާލޭގައި ވެސް ބައްދަލުވުމެއް ބާއްވަން ނެކްސިއާއިން ވަނީ ނިންމައިފަ އެވެ.
މި ބައްދަލުވުންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ:
• 14 އޮކްޓޫބަރު - ވިލިމާލެ، ރޭގަނޑު 8:15
• 15 އޮކްޓޫބަރު - މާލެ، ރޭގަނޑު 8:15
• 16 އޮކްޓޫބަރު - ހުޅުމާލެ ފޭސް 2، ރޭގަނޑު 8:15
• 17 އޮކްޓޫބަރު - މާލެ، ރޭގަނޑު 8:15
• 18 އޮކްޓޫބަރު - ހުޅުމާލެ ފޭސް 1، ރޭގަނޑު 8:15
މި ބައްދަލުވުންތަކުގައި ބައިވެރިވާން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެ އެވެ.
ނެކްސިއާއިން ބުނީ މި ބައްދަލުވުންތައް ކުރިއަށް ގެންދަނީ މަސައްކަތު ބައްދަލުވުންތަކެއްގެ ގޮތުގައި ގުރޫޕް ހަރަކާތްތައް ހިމެނޭ ގޮތަށް ކަމަށެވެ. އެގޮތުން ގުރޫޕްތަކަކަށް ބަހާލައިގެން ބައިވެރިން ކުރާ މަސައްކަތްތަކުން މައުލޫމާތު އެއްކުރެވޭނެ ކަމަށް ބުންޏެވެ.
ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ މަޝްވަރާ ހޯދަން ބާއްވާ މި ބައްދަލުވުންތަކުގައި ބައިވެރިންގެ ފަރާތުން ގައުމުގެ ކުރިމަގާ މެދު ކުރާ ތަސައްވުރުތައް ދެނެގަނެވޭނެ އެވެ. އަދި 2045 އަންނަ އިރު ބައިވެރިންގެ ނަޒަރުގައި އެކި ދާއިރާތައް ކުރިއަރައިގެން ދާނެ ގޮތް ހޯދޭނެ އެވެ. މިގޮތުން ތައުލީމު އުނގެނުން، ސިއްހަތު، އިގުތިސާދު، ތިމާވެށި، އުމުރާނީ ތަރައްގީ، ދަތުރުފަތުރާއި ގުޅުންތައް ފަދަ ދާއިރާތަކަށް އަންނަން ބޭނުންވާ ތަރައްގީތަކަކީ ކޮބައިތޯ ދެނެގަނެވޭނެ ކަމަށް ވެސް، ނެކްސިއާއިން ބުންޏެވެ.
ކުރިމަގު ސައްލާގެ ބައްދަލުވުންތައް މިހާތަނަށް ރާއްޖޭގެ 100 ރަށެއްގައި ނެކްސިއާގެ ޓީމުތަކުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ތަފާތު ދާއިރާތަކާއި އުމުރުފުރާތަކުގެ މީހުން މި ބައްދަލުންވުންތަކުގައި ބައިވެރިވެ ގިނަ ހިޔާލުތަކެއް ހުށައެޅި އެވެ.
ނެކްސިއާއިން ބުނީ މިހާރުވެސް ރާއްޖޭގެ ހަ ސަރަހައްދެއްގައި ޓީމުތައް އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ. ކުރިއަށް އޮތް ހަތަރު ހަފުތާގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ބައްދަލުންވުންތައް ބާއްވާ ނިންމާލެވޭނެ ކަމަށް ނެކްސިއާއިން އުއްމީދުކުރެ އެވެ.
ކުރިމަގު ސައްލާގެ އިތުރުން ގައުމީ ތަރައްގީގެ ޕްލޭންގައި އެކި ގޮތް ގޮތުން ރައްޔިތުންނަށް ބައިވެރިވެވޭނެ ފުރުސަތު ވެސް ނެކްސިއާއިން ވަނީ ހުޅުވާލައިފަ އެވެ.
އެގޮތުން، އޮންލައިން ސާވޭގައި ބައިވެރިވުމާއި، އިލްމީ ލިޔުންތަކާއި ހިޔާލު ހުށައެޅެ އެވެ. އެގޮތުން ލިބޭ ފެންވަރު ރަނގަޅު ދިރާސީ ލިޔުންތައް ތަރައްގީގެ ޕްލޭނާ އެކު ޝާއިއުކުރެވޭނެ ކަމަށް ނެކްސިއާއިން ބުންޏެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އިން ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ފުރަތަމަ ދެލިކޮޕީ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އެކުލަވާލަން ވަނީ ހަމަޖެހިފަ އެވެ.