ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

ކުރީގެ މާލީ ވަޒީރު އަމީރު ހިޔާނާތުގެ ތުހުމަތުގައި އޭސީސީއަށް ހާޒިރުކުރަނީ

އަމީރު ތުހުމަތުކުރައްވަނީ އޭސީސީގެ ރައީސް އާއި މެންބަރުން މަގާމުގެ ދިފާއުގައި ނުހައްގުން މީހުން ފްރޭމްކޮށް އަދަބު ދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށް
9 އޮކްޓޯބަރު 2025
1

ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، އަންނަ އާދިއްތަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވުމަށް އަންގައިފި އެވެ.

ވީ ކިހިނެއް؟ - އަމީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އޭނާ އޭސީސީއަށް ހާޒިރުވާން އަންގާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން އޭނާ އޭސީސީއަށް ހާޒިރުވާން އަންގާފައި ވަނީ: 

  • އާދިއްތަ ދުވަހުގެ މެންދުރު 2:30އަށް 

ތަފްސީލް - އަމީރުގެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ އޭނާ 2019 އިން 2023އަށް މާލީ ވަޒީރުގެ ގޮތުގައި މަސައްކަތް ކޮށްފައި ވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ. އަދި ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އަމީރު ވިދާޅުވީ:

  • ވަޒީރުކަމުގައި ކޮންމެ ކަމެއް ވެސް ނިންމާފައި އަދި ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ދައުލަތަށް އެންމެ ފައިދާވާނެ ގޮތަށް ކަމަށް ވިދާޅުވި

  • އެ ޔަގީންކަން ނަފްސާއި މެދު އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވި

"އޭސީސީގެ ރައީސް އާއި މެމްބަރުންގެ ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލަން،" އަމީރު ވިދާޅުވެފައިވެ އެވެ.

އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އަދި ފުލުހަށް ގެންގޮސް، ބިރު ދައްކަން އުޅުނަސް އެއްވެސް ބިރެއް ނުގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޯ ގުދުކުރާނީ ހަމައެކަނި އާލަމްތަކުގެ ވެރި މާތްﷲއަށް. މުއިއްޒު ކަހަލަ ޚުދުމުހްތާރު ވެރިޔަކަށް ބޯނުލަބާނަން. ކުރާނެ ކަމެއް ކުރަން ވީ،" އަމީރު ވިދާޅުވެފައިވެ އެވެ.

އަމީރު އޭސީސީއަށް ހާޒިރުކުރާ ސީދާ މައްސަލައެއް އަދި ސާފެއް ނުވެ އެވެ.

ގުޅުންހުރި - އެމްޑީޕީގެ ވެރިކަމުގައި ސްވިފްޓް އިންޖިނިއަރިން ކިޔާ ކުންފުންޏަކަށް ބަދަލު ދޭން ނިންމި މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތުކޮށް އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް އޭސީސީއަށް ހާޒިރުކުރަން ވަނީ ޗިޓް ފޮނުވައިފަ އެވެ. އޭނާ ހާޒިރުކުރަނީ ހޯމަ ދުވަހު އެވެ. 

ކޮމެންޓް (1)

ޢީސަ

10 އޮކްޓޯބަރު 2025
އޭ.ސީ.ސީ ނިދިން ހޭލުއްވައިލައިފި!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް