8 އޮކްޓޯބަރު 2025: ބައްސާމް ކްރިމިނަލް ކޯޓުގެ އަޑުއެހުމަކަށް ވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބައްސާމް ހަތަރު އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ބައްސާމްގެ މައްޗަށް އުފުލި ދައުވާގެ އަސާސީ އަދަބަކީ، އެއް އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް؛ ނަމަވެސް ފަނޑިޔާރަށް ލިބިގެންވާ ބާރުގެ ދަށުން އޭނާއަށް އިއްވީ އެ ދައުވާގެ އެންމެ ބޮޑު އަދަބު ކަމުގައިވާ ހަތަރު އަހަރު
8 އޮކްޓޯބަރު 2025
1

ފުޓުްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހުލާސާ - ބައްސާމަށް ދައުވާ ކުރީ:

  • އެފްއޭއެމްއަށް 2018 ވަނަ އަހަރު ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި 

  • ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި އެފްއޭއެމްގެ 10،000 ޑޮލަރުގެ ބޮޑު ބައެއް އޭނާ އާއި އަންހެނުންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެޓްމަންޓްސްގެ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރޭ

  • އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބޭނުންކޮށްގެން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދައްކާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވޭ

ވީ ކިހިނެއް؟ - ބައްސާމްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ހިޔާނާތުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

މިއަދު ކްރިނަލް ކޯޓުގައި އޮތީ މި މައްސަލައިގައި ހިޔާނާތުގެ ކުށުގެ ދައުވާއަށް ހުކުމް އިއްވުމުގެ އަޑުއެހުމެވެ. މަނީ ލޯންޑަރިންގެ ދައުވާއަށް ގޮތެއް ނިންމާނީ އަދި އެހެން ދުވަހެއްގަ އެވެ.

ތަފްސީލް - ބައްސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ޝަފީއު ހުކުމްކުރައްވަމުން ފާހަގަކުރެއްވީ:

  • ބައްސާމަށް ލިބުނު 10،000 ޑޮލަރަކީ އޭނާގެ މުސާރަ ކަމަށް އޭނާ ވިދާޅުވި ނަމަވެސް ފައިސާ ޖަމާކުރި ރަސީދުގައި ލިޔެފައިވަނީ "ސޭލްސް އޮފް ޑޮލަރު"

  • ބައްސާމަށް އުޖޫރައެއް ގޮތުގައި ދޭން ނިންމާފައިވަނީ މަހަކު 3،000 ޑޮލަރު، އެ އަދަދަށްވާ ދިވެހި ފައިސާ 5 އޮގަސްޓް 2018ގައި ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވޭ

  • މުސާރަ ނުވަތަ އެލަވަންސަށްވާ ފައިސާ ޖަމާކުރި މަހުގެ ފަހުކޮޅު، 26 އޮގަސްޓް 2018ގައި އެލަވަންސްގެ ތިން ގުނަ އަދަދެއް ޖަމާކުރުމުން ވެސް އެއީ އެލަވަންސްގެ ފައިސާ ނޫންކަން ޔަގީންވޭ

  • ޑޮލަރު މާރުކުރުމަށް 10،000 ޑޮލަރު އެފްއޭއެމްއިން ބައްސާމްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު އެ އަދަދަށްވާ ދިވެހި ފައިސާ އެފްއޭއެމްއަށް ނުދޭކަން ބައްސާމް ވެސް އެއްބަސްވޭ

  • މި ކަންކަމަށް ބެލުމުން ބައްސާމަށް ޖަމާކުރި ފައިސާއަކީ ޑޮލަރު މާރުކުރަން ދިން ފައިސާ ކަމާއި އެ ފައިސާއަށް ބައްސާމް ހިޔާނާތްތެރިވިކަން ސާބިތުވޭ

ކުށް ސާބިތުވުމުން ދައުލަތުން އެދުނީ ގާނޫނުގައިވާ ގޮތުގެ މަތިން އެންމެ ބޮޑު އަދަބެއް ދިނުމަށެވެ. އެއީ އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން ކުރި ކުށަކަށްވާތީ، އާންމު މީހަކަށް ދެވޭ އަދަބަށް ވުރެ މަތީ އަދަބެއް ދިނުމަށް މިފަދަ އެހެން މައްސަލަތަކުގައި ވެސް ކޯޓުން ނިންމާފައިވާތީ އެވެ. 

ބައްސާމްއަށް ކުރި ދައުވާގެ އަސާސީ އަދަބަކީ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. 

މި ދައުވާއާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ބައްސާމްގެ ފައިނޭންޝަލް އެސެސްމަންޓް ރިޕޯޓުގައި އޭނާއަށް މުސާރައިގެ ގޮތުގައި ލިބޭ ފައިސާއާ ނުބައްދަލު އަދަދަކަށް ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާވެފައިވާކަން އެނގެން އޮވެ އެވެ. އެހެންވެ، އަދަބު މަތިކުރުމަށް ފަނޑިޔާރަށް ލިބިގެންވާ ބާރުގެ ދަށުން ބައްސާމްގެ މައްޗަށް އިއްވާފައި ވަނީ މި ހުކުމްގެ އެންމެ ބޮޑު އަދަބު ކަމުގައިވާ ހަތަރު އަހަރަށް ޖަލަށްލުމެވެ. 

ކޮމެންޓް (1)

ހަންބޯ

8 އޮކްޓޯބަރު 2025
ބައްސާމަށް ކުށްކުރީމަ އަދަބު ދިނުން ރަގަޅު.ހަމަ އެފަދައިން އެޗްޑީސީ އިން ބޭބެއަށާއި އަދި އެހެނިހެން މީހުންނަށް ފްލެޓާއިގޯތި ބެހިމިހާ އަށް ވެސް އަދަބު ދެވުނުނަމަ ރަގަޅުވީސް. އެހެންނަމަވެސް ބައްސާމާކީ ޖަހައިގަނެގެން އުޅޭ ޕާޓީއަށް މާފައިދާ ވާ މީހެއްނޫން. ހުސް ގޮޑިގެ އާއިލާއަށް ނިސްބަތްވާ މީހެއް ވީމަކަމަށް ފެނޭ މިހެން މިވީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް