ދާއޫދުއާ އެކު ރައީސް މުއިއްޒު: ދާއޫދުއަކީ ރައީސް މުއިއްޒުގެ ގާތް ބޭފުޅެއް
ދޮގު ބަޔާން ދިން މައްސަލައިގައި ދާއޫދުއާ ސުވާލުކޮށް ތަހުގީގު ކުރިއަށް
ހ. މިޓާޒް ގޭގެ ފުރާޅުމަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ދޮގު ބަޔާންދިން ކަމަށް ތުހުމަތުކުރެވިގެން މަގާމުން ވަކިކުރި ރައީސް އޮފީހުގެ ކުރީގެ އަންޑަސެކްރެޓަރީ ދާއޫދު އަހުމަދު ޒިލާލްގެ ބަޔާން ނަގާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގައި އެކުލަވާލި ރިޔާސީ ކޮމިޝަނުން އާންމުކުރި ރިޕޯޓްގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅައި މައްސަލަ ތަހުގީގުކުރަން ލަފާދީފައިވެ އެވެ. އެގޮތުން:
-
އެ މީހުންގެ ތަހުގީގު ގޮސްފައިވާ ހިސާބު ސާފުކުރަން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މީގެ މަސްތަކެއް ކުރިން ލިޔުމުން ޖަވާބު ހޯދުމަށް ހޯމް މިނިސްޓަރު އަލީ އިހުސާންއަށް ވަނީ ސުވާލު ފޮނުވާފައި
-
އެ ޖަވާބު މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ އިއްވާފައި
ތަފްސީލް - އެ ޖަވާބުގައި ބުނެފައި ވަނީ:
-
ޖިނާއީ ތަހުގީގު ހިންގަން ބުނެފައިވާ މީހުންގެ ތެރެއިން މިހާތަނަށް ބަޔާން ނަގާފައި ވަނީ ދާއޫދުގެ އެކަނި
-
އެ މައްސަލައިގައި މިހާރު ކުރަމުންދާ މަސައްކަތަކީ ހ. މާއިރާ ގެއިން ދާއޫދާ ބައްދަލުވި އިތުރު މީހުންނާ ސުވާލުކޮށް ބަޔާން ނެގުމުގެ މަސައްކަތް
އެނގުން މުހިންމު - ދާއޫދު ކޮމިޝަނަށް ދިން ބަޔާނުގައި ބުނެފައި ވަނީ ޔުމްނު ވެއްޓުނު މައްސަލައިގައި ސަރުކާރުގެ އެއްވެސް ފަރާތަކާ ގުޅާ އެކަމާ ގުޅޭ ވާހަކައެއް ދައްކާފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް:
-
އެ ކޮމިޝަނަށް މިިނިސްޓަރު އިހުސާން ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ތުހުމަތުވި ދާއޫދުގެ ކޮއްކޮ ރައުދު އަހުމަދު ޒިލާލް ހައްޔަރުކުރުމާ ގުޅޭ ގޮތުން ދާއޫދު އޭނާއަށް ގުޅުއްވާ މެސެޖްކުރެއްވި ކަމަށް
-
އެކަން ބަލައިލާނޭ ކަމަށް ދާއޫދަށް ދެންނެވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވޭ
-
ކޮމިޝަންގެ ރިޕޯޓާ އެކު ދާއޫދު މަގާމުން ވަކިކުރީ އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން ވަޒީފާއިން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު
ގުޅުންހުރި - މީގެ އިތުރަށް މެންބަރު މުހައްމަދުު އިބްރާހިމް ވަނީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ގޮސްފައިވާ ހިސާބާއި އެ މައްސަލައާ ގުޅިގެން ފާހަގަވި ކަންކަމާ ގުޅިގެން އަޅާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތަފްސީލް ސާފުކުރަން ވެސް އެދިފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި އިހުސާން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ:
-
ވަކިވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ބަލަން ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ވަކިވަކި ފުލުހުންނާ ސުވާލުކޮށް ތަހުގީގު ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ދޭ
-
ޕޮލިސް ކޮމިޔުނިކޭޝަން ސެންޓަރުގެ އެސްއޯޕީ ވަނީ ހަރުދަނާކޮށް އެއަށް ވަނީ ފުލުހުން އަހުލުވެރި ކުރުވާފައި
"މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި އަޅަން ބުނެފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގެ ދެންނެވީމެވެ،" އިހުސާން ފޮނުއްވި ޖަވާބުގައިވެ އެވެ.