ޕީޖީ އޮފީސް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ޝަރީއަތް ދިގުލާތީ ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ވެސް ޕީޖީން ދޫކޮށްލައިފި
ޝަރީއަތް ދިގުލާތީ ކަމަށް ބުނެ ކުޑަކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައި ދައުވާކުރި މައްސަލައެއް ވެސް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ދޫކޮށްލައިގެން ހައި ކޯޓުން އިއްޔެ މައްސަލަ ބާތިލްކޮށްފި އެވެ.
ވީކިިހިނެއް؟ - ޝަރީއަތް ދިގުލާތީ ކަމަށް ބުނެ ޕީޖީން ބައެއް މައްސަލަތައް ދޫކޮށްލާފައިވާކަން ހައި ކޯޓުން މި މަހު ކުރި ބައެއް ހުކުމްތަކުން އެނގެ އެވެ.
އެއް މައްސަލާގައި މި ހިމެނެނީ ކަފާލާތާއި ޕެރޯލް ވެސް ނުދެވޭ ކުށެއް ކަމަށްވާ ކުޑަކުއްޖަކާ ބެހުމުގެ މައްސަލައެކެވެ.
ތަފްސީލް - ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން އެއީ އާއިލާގެ ކުޑަކުއްޖަކާ ބެހިގެން އުފުލި ދައުވާ އެކެވެ. އުފުލާފައިވާ ދައުވާއަކީ 'މީހަކު، އޭނާގެ އާއިލާގެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ' ދައުވާ އެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލަ ސާބިތުނުވާ ކަމަށް ހުކުމްކުރީ 23 ޖުލައި 2023ގަ އެވެ. އަދި ޕީޖީން ހައި ކޯޓުގައި އިސްތިއުނާފްކުރީ 13 ޑިސެމްބަރު 2023ގަ އެވެ.
މި މައްސަލަ ދޫކޮށްލުމަށް ޕީޖީ އޮފީހުން ނިންމީ:
-
ހާދިސާ ހިނގި ފަހުން 8 އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެފައިވާތީ
-
ހައި ކޯޓުގައި އިސްތިއުނާފުކުރިތާ 2 އަހަރެއްހާ ދުވަސްވީއިރު އަޑުއެހުންތައް ފެށިފައިނުވާތީ
-
ދަށު ކޯޓުގައި ހެކިބަސް ލިބުނު ގޮތަށް ވެސް ރިއާޔަތްކޮށްފައި
ފާހަގަކޮށްލެވޭ - މި މައްސަލާގައި ތުހުމަތުކުރެވޭ މީހާ މިހާރު ދިރިއުޅޭ އެޑްރެސްއަކަށް އޮތީ އެމްއެންޑީއެފްގެ ކަޅުތުއްކަލާކޮށްޓެވެ. އެ ތަނުގައި ދިރިއުޅެނީ އެމްއެންޑީއެފްގައި މަސައްކަތްކުރާ ސިފައިންގެ މީހުންނާއި ސިވިލް ސާވިސް މުވައްޒަފުންނެވެ.