ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި 1 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅި މާދަމާގެ އެއްވުމަށް ނުކުންނަނީ
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރަން އެއްބަސްވެ، މާދަމާ ބާއްވާ ބޮޑު މުޒާހަރާގައި އަދާލަތުން ވެސް ބައިވެރިވާން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - 'ލޫޓޫވައިފި، ލޫޓުވައިފި' ނަމުގައި އެމްޑީޕީން އިސްނަގައިގެން މާދަމާ ބޮޑު މުޒާހަރާއެއް ބާއްވަން ވަނީ ނިންމާފަ އެވެ. އެމްޑީޕީން ބުނާ ގޮތުގައި މި މުޒަހާރާ ބާއްވަނީ:
-
ޕީއެންސީގެ ސަރުކާރުން ރާއްޖޭގެ އިގުތިސާދު ފުނޑާލާފައިވާތީ
-
ރައްޔިތުން ބޭސްފަރުވާއިން މަހުރޫމުކޮށްފައިވާތީ
-
ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ނިޒާމު ސީދާ ރައީސް މުއިއްޒުގެ އަތް ދަށަށް ގެނެސްފައިވާތީ
-
ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތައް ސަރުކާރުގެ މުށުތެރެއަށް ނަގާފައި ވާތީ
-
ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތު ސަރުކާރަށް އިއްވައިދިނުމަށް
ބުނީ ކީކޭ؟ - އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މާދަމާ ބާއްވާ ބޮޑު އެއްވުމުގައި ދެ ޕާޓީއަށް ތާއީދުކުރާ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލައިފަ އެވެ.
މި ބަޔާނުގައި ބުނީ:
-
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމާ އެކު ޒިންމާދާރު ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތުން ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް ވައުދުތައް ފުއްދުމަށް އެކަށީގެންވާ ވަގުތު ދީފައިވާނެ
-
ނަމަވެސް ދައުރު ދެބައިވެގެން ދާއިރު ގައުމުގެ ހާލަތު މުޅިން ބޮއްސުންލާފައިވާ ކަމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ޕާޓީއަށް ވެސް އެއްބަސްވެވުނު
-
ހައްގު ހޯދަން ރައްޔިތުން ޝަކުވާ ހުށަހަޅަން ދާނެ ތަނެއް އަދި ހައްގުތައް ހިމާޔަތް ކޮށްދޭނެ ދައުލަތުގެ މުވައްސަސާއެއް މިހާރު ރާއްޖޭގައި ނެތް
-
މި ހާލަތުގައި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ހަމައެކަނި ގޮތަކީ ގިނަ ސިޔާސީ ޕާޓީތައް ގުޅިގެން ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރުން ކަމަށް އަދާލަތު ޕާޓީ އާއި އެމްޑީޕީއަށް ވެސް އެއްބަސްވެވޭ
-
އެހެންވެ މިއަދުގެ ބައްދަލުވުމުގައި ވަނީ މި ސަރުކާރު ޖަވާބުދާރީކުރުވުމަށް ދެ ޕާޓީ ގުޅިގެން މަސައްކަތްކުރަން އެއްބަސްވެވިފައި
"މިގޮތުން އެމްޑީޕީން އިސްނަގައިގެން މާދަމާ ބާއްވާ ސުލުހަވެރި އިހުތިޖާޖަކީ ގައުމުގެ ހައްގުގައި ކޮންމެހެން ކުރުން މުހިންމު ކަމަކަށް ވާތީ ދެ ޕާޓީގެ ވީހާވެސް ގިނަ މެންބަރުންނާއި ވީހާވެސް ގިނަ އާންމު ރައްޔިތުން ވަކި ސިޔާސީ ވިސްނުމަކަށް ބެލުމެއް ނެތި މި އެއްވުމުގައި ބައިވެރިވުމަށް ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.
ކޮމެންޓް (3)
ބޮއިހަލާކު
ދިއްދޫ މޫސާލަތީފް
ޓިނު އެދުރުބެ