އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ(ފައިލް ފޮޓޯ) އޮޑިޓު އޮފީސް
އޮޑިޓާ ޖެނަރަލް މިހާރު އެދަނީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރައްވަމުން: އެމްޑީޕީ
އޮޑިޓާ ޖެނަރަލް ހުސެއިން ނިޔާޒީ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ނުފޫޒެއްގެ ދަށުގައި ކަމަށާއި އެބޭފުޅާ ގެންދަވަނީ ސިޔާސީ ވަކި މަގުސަދުތަކެއް ހާސިލުކުރުމަށް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވަމުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން މިގޮތަށް ބުނީ، ކުރީގެ ސަރުކާރުގައި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އަހްމަދު ސައީދު ހުންނެވިއިރު ހިންގި މުއާމަލާތްތަކުގައި ހުރި މައްސަލަތައް ފާހަގަކޮށް އޮޑިޓާ ޖެނަރަލްގެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓަށް ފާޑުވިދާޅުވެ، އެ ޕާޓީގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ކޮރަޕްޝަންގެ 'ހާއްޔެއް'ގެ ގޮތުގައި އޮތް ފެނަކައިގެ 2021-2023ގެ އޮޑިޓް ރިޕޯޓެއް އޮޑިޓް އޮފީހުން އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގަ އެވެ.
ބުނީ ކީކޭ؟ - މި ނޫސްވެރިންގެ ބައްދަލުވުމުގައި އައިކު އަހުމަދު އީސާ ވިދާޅުވީ، ދައުލަތުގެ އިދާރާތަކުން ދަންވަރު ގަޑީގައި އޮފީސް ހުޅުވައިގެން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށާއި އެކަމަށް ރަސްމީ މަސައްކަތު ގަޑިއަކާއި އުސޫލުތަކެއް އޮންނަ ކަމަށެވެ. އެ ރިޕޯޓު ކޮންމެހެން ވެސް އެރޭ ދަންވަރު ކުއްލިއަކަށް ނެރުނީ "ރިޕޯޓު ނެރެފައި ނޫނީ ގެއަށް ވަޑައިގަންނަވައިގެން ނުވާނެ" ކަމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފަ އޮތުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އައިކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ:
-
އޮޑިޓާ ޖެނަރަލް މިވަގުތު ހުންނެވީ ވަޒީފާގެ ބިރުވެރިކަމެއްގައި؛ މިހާ ކުއްލި ގޮތަކަށް އެފަދަ ރިޕޯޓެއް ނެރެން ޖެހުނީ ވަޒީފާގެ ދިފާއުގައި ކަމަށް ލަފާކުރެވޭ
-
ރިޕޯޓުގައި ހުރި ކަންކަމުގެ ހަގީގަތް މިދަނީ ބަލަމުން، މިހާރު ވެސް ވަރަށް ބައިވަރު މައްސަލަތައް ފާހަގަކުރެވިފައިވޭ؛ ރިޕޯޓުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ
-
އޮޑިޓާ ޖެނަރަލްއަކީ ސިޔާސީ ބޭފުޅަކަށް ވެގެން ނުވާނެ، އެ މަގާމު ސިޔާސީ ބޭނުމަށް ބޭނުންކުރާނަމަ މިހާރު ހުންނެވި އޭޖީގެ ކިބައިން އެ ސިފަތައް ފެންނާކަށް ނެތް
-
ރައްޔިތުންގެ އިތުބާރު އޮޑިޓާ ޖެނަރަލަށް ގެއްލިއްޖެނަމަ އެތަނުން ނެރޭ ރިޕޯޓުތަކަށް އިތުބާރެއް ނޯންނާނެ
-
އެ ރިޕޯޓު އަނބުރާ ގެންދިއުމަށާއި މައްސަލަތައް އިސްލާހުކޮށް ހަގީގަތް ނޯޅޭނެ ގޮތަށް އެ ރިޕޯޓު އާންމުކުރެއްވުމަށް ގޮވާލަން
"އެހެންވީމާ ރައީސް ލަފާފުޅަކަށް ދަންވަރު ގަޑީގައި ނެރޭ ރިޕޯޓަކީ އަޅުގަނޑުމެން ބަލައިގަންނާނެ ރިޕޯޓެއް ނޫން. ހަރުކަށި އިބާރާތުން މި ރިޕޯޓު ކުށްވެރި ކުރަން އަދި މިހެން މިކަން ނުކުުރެއްވުމަށް ގޮވާލަން ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް،" އައިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެނަކައިން ވެސް ގޯހަށް ކަމެއް ކޮށްފަ އޮތްނަަމަ އެކަން އާންމުންނަށް އެނގެންޖެހޭނެ ކަމަށާއި އެކަން ހާމަކުރަން ވެސް ޖެހޭނެ ކަމަށެވެ. އެކަމަކު އެކަން ކުރައްވަން ޖެހޭނީ އާންމުންނަށް ހަގީގަތް ނޯޅޭނެ ގޮތަކަށް ސައްހަ މައުލޫމާތުތަކާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު އާންމުކޮށްފައިވާ ރިޕޯޓުގައި ކަންކަން އޮޅޭގޮތަށް ވަރަށް ގިނަ މައުލޫމާތުތައް ހިމަނައި، ބައެއް މައުލޫމާތުތައް ތަފްސީލު ނުކޮށްދީ ވެސް އެބައޮތް ކަމަށް އައިކު ވިދާޅުވި އެވެ. އެގޮތުން އެ ރިޕޯޓުގައި ހުރި އެފަދަ ކަންކަމުގެ ގޮތުގައި ވިދާޅުވީ:
-
ކުންފުންޏެއް ނުވެސް އުފައްދަނީސް، އެ ކުންފުނިން މަސައްކަތްތަކެއް ކޮށްފަ ހުރި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވޭ؛ ރިޕޯޓުގައި އޮތީ 2021ގަ އެ ކުންފުންޏާ މަސައްކަތެއް ހަވާލުކޮށްފައިވާ ކަމަށް އެކަމަކު އެއީ 2022ގައި އުފެއްދި ކުންފުންޏެއް
-
އެއްވެސް ބިޑިންނަކާ ނުލައި ސިންގަލް ސޯސްކޮށް މަސައްކަތް ހަވާލުކޮށްފައި އޮތުމަކީ ވެސް ކޮރަޕްޝަންގެ ގޮތުގައި ރިޕޯޓުގައި ސިފަކޮށްފަވޭ
-
ރަށްރަށުގައި މަޝްރޫއުތައް ހިންގާއިރު އެރަށެއްގައި އުޅޭ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުމަކީ ގާނޫނާ ގަވާއިދުތަކުގެ ދަށުން ހުއްދަ ކަމެއް
-
ފެނަކައިގެ ޕްރޮކިއުމަންޓް އުސޫލުތައް ބަޔާންކުރުމަށްފަހު އެ އުސޫލުތަކާ ހިލާފުވަނީ ކިހިނެއްކަން މި ރިޕޯޓުގައި ބަޔާންކުރަން ޖެހޭނެ
-
އޮޑިޓެއް ހަދާއިރު އެކަމާ ގުޅޭ ހުރިހާ ލިޔެކިއުމެއް އެ ފަރާތަށް ލިބެންޖެހޭނެ؛ ފެނަކައިގައި ހުރި ކަމާގުޅޭ ހުރިހާ ލިޔެކިއުންތައް އޮޑިޓަށް ހަވާލުނުކުރާ ކަމަށް އެނގިފައިވޭ
-
އެހެންވީމާ އެގޮތަށް ހަވާލުނުކުރާ ކޮންމެ ލިޔެކިއުމެއްވެސް ރިޕޯޓުގައި ދައްކާފައި އޮންނާނީ އެއްވެސް ލިޔެކިއުމެއް ނެތި ގާނޫނާ ހިލާފަށް ކޮށްފަ އޮތް އެއްޗެއް ކަމަށް
-
ދެ ބިލިއަން ރުފިޔާގެ ހިޔާނާތުގެ ގޮތުގައި ދައްކަމުންދާ ވާހަކަތަކަކީ ވެސް ސަރުކާރުން ހިންގާ "ޖަރީމާއެއް"
މި ހަފްތާގެ ތެރޭގައި އޮޑިޓާ ޖެނަރަލް އޮފީހުން އަދި އިތުރު ރިޕޯޓުތަކެއް ނެރެން އުޅޭ ކަމުގެ މައުލޫމާތު ވެސް ލިބެމުންދާކަން ފާހަގަކުރައްވާ އައިކު ވަނީ، އެފަދަ އިސްނެގުމެއްގައި މިހާރުގެ ސަރުކާރުން ދައުލަތުގެ އިދާރާތައް ބޭނުންކޮށްގެން ކުރައްވަމުންދާ ކަންކަމުގެ އޮޑިޓެއް ނަހައްދަވަނީ ކީއްވެތޯ ސުވާލުކުރައްވާފަ އެވެ.
"އެހެންވީމާ ޑރ. މުއިއްޒުގެ ލަފާފުޅުގެ މަތިން ވެސް މިގޮތަށް ގާނޫނާ ގަވާއިދާ ހިލާފަށް އަމަލުކުރައްވަންޏާ އެބޭފުޅުންނަށް ވެސް ގާނޫނު އަރާ ހަަމަކުރާނެ ދުވަހެއް އަންނާނެކަން އަޅުގަނޑު ހަނދާންކޮށްދޭން ބޭނުންވަނީ،" އައިކް ވިދާޅުވި އެވެ.
"އޮޑިޓާ ޖެނަރަލް މިހާރު އެދަނީ އެބޭފުޅާގެ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރައްވަމުން. މިއީ ވެސް ކޮރަޕްޝަން،"
ވަކި މީހެއްގެ ނުފޫޒެއްގެ ދަށުވެ، ސިޔާސީ ގޮތުން ކަންކަން ކުރައްވަން ޖެހޭނަމަ އޮޑިޓާ ޖެނަރަލްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް އައިކު ގޮވާލި އެވެ.
ކޮމެންޓް (2)
ވިސްނާލާ
ޥާލުސޮރު