ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އދ.ގެ އާންމު މަޖިލީހުގެ ބަހުސްގައި.

ފަލަސްތީނުގެ ގަތުލުއާންމަކީ ގަރުނުގެ އެންމެ ދެފުށްދެގޮތް، ލަދުވެތި އަމަލު: ހަލީލު

މިނިސްޓަރު ހަލީލު ވިދާޅުވީ އިޒްރޭލުން ހިންގާ ގަތުލްއާންމަށް ފައިސާ އާއި ހަތިޔާރު ދެނީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ކަމަށް ދައުވާކުރާ ގައުމުތަކުން ކަމަށް. އަދި މިފަދަ ކަންކަމުގައި ދޫދީފި ނަމަ، އެ ފަހިކޮށްދެވެނީ އެކަން ތަކުރާރު ކުރުމުގެ ފުރުސަތު ކަމަށް ވެސް ހަލީލު ވިދާޅުވި
28 ސެޕްޓެމްބަރު 2025

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް ދުނިޔޭގެ މަސްލަހަތާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ކަމަށް ބުނާ ގައުމުތަކުން ހަތިޔާރާއި ފައިސާ ދިނުމަކީ ދެފުށްދެގޮތް އަދި ގަރުނުގެ އެންމެ ލަދުވެތި އަމަލުކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގައި ރޭ ބަހުސްކުރައްވަމުން ހަލީލު ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ބައިނަލްއަގްވާމީ ނިޒާމު ފުނޑާލައި، ހެދިފައި ހުރި ގާނޫނުތަކާ ހިލާފަށް ހާރިޖީ ގުޅުމާއި ދޭދޭ ގައުމުތަކާ މެދު އެ އިރެއްގައި ހިތުހުރި ގޮތަކަށް އަމަލުކުރުމުގެ ސަބަބުން މުޅި ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށެވެ.

ބުނީ ކީކޭ؟ - އެކަމަށް ބާރުދެއްވަމުން ހަލީލު މިސާލެއްގެ ގޮތުގައި ދެއްކެވީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި މިހާރު ހިންގަމުންދާ ލާއިންސާނީ އަމަލުތަކެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • އެ ގަތުލުއާންމުގައި 66،000އަށް ވުރެ ގިނަ އާންމު ރައްޔިތުން މަރާލާފައިވާ ކަމަށް

  • އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިން

  • ހުޅަނގު އައްސޭރީގައި ގަދަކަމުން ވަޒަންވެރިވުން އިތުރުވެ، ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ގެންދަނީ ބޭރުކުރަމުން

ހަލީލު ވިދާޅުވީ އިޒްރޭލުން ތަކުރާރުކޮށް، އެއްވެސް ލަދަކާ ނުލައި ގަސްތުގައި ބައިނަލްއަގްވާމީ ގާނޫނުތަކާ ދެކޮޅުވެ، އދ.ގެ ސެކިއުރިޓީ ކައުންސިލާއި އާންމު މަޖިލީހުގެ ގަރާރުތަކާ ވެސް ދެކޮޅަށް އަމަލުކުރަމުންދާ ކަމަށެވެ.

"އެންމެ ދެފުށްދެގޮތް ކަމަކީ، މި ގަތުލުއާންމަށް ހަތިޔާރާއި ފައިސާ ދެނީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ކަމަށް ބުނާ ގައުމުތައް. ފުނޑާލަމުންދާ ގާނޫނުތައް ހެދި ގައުމުތައް،" ހަލީލު ވިދާޅުވި އެވެ.

"މި ގައުމުތަކުން، އަމަލުން މި ބުނެދެނީ ފަލަސްތީނުގެ ރައްޔިތުންނަކީ ހަމަހަމަ، ދިރިއުޅުމާއި މިނިވަންކަމުގެ ހައްގު އޮންނަން ޖެހޭ ބައެއް ނޫން ކަމަށް. މިއީ މި ގަރުނުގެ ވެސް އެންމެ ބޮޑު ލަދު."

ހަލީލު ވިދާޅުވީ ބަޔަކު ބަނޑަށް ޖެއްސުމަކީ ހަނގުރާމައިގެ ހަތިޔާރަކަށް ނުހެދޭނެ ކަމަށާއި ކުށެއް ނެތް ބަޔަކަށް ހަމަލާދީ، ހިތަށް އެރި ގޮތަކަށް ޖަލަށް ލައި، ރަހުމުކުޑަކޮށް މަރާލުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

މިފަދަ ކަންކަމުގައި އެއް ފަހަރު ވެސް ދޫދީފި ނަމަ، އެ ފަހިކޮށްދެވެނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަން ތަކުރާރު ކުރުމުގެ ފުރުސަތެވެ. އަދި އޭނާ ވަނީ އިޒްރޭލުން ގާނޫނުތަކަށް ވުރެ މަތިން ބާރުގެ ބޭނުންކޮށް، ފަލަސްތީނުގެ އިތުރުން ގަތަރު، ސީރިއާ، ލުބުނާން، ޔަމަން، ޓިއުނީޝިއާ އަދި އީރާނަށް ހަމަލާ ދިންކަން ފާހަގަކުރައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް