މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ސަލީމް. (ފޮޓޯ/މަޖިލިސް)

އަބުރުގެ ދައުވާ ކާމިޔާބުނުވެ ހީނާ އާއި ދިޔަރެސްއަށް 15،000ރ. ދައްކަން ސަލީމަށް ޖެހިއްޖެ

ސަލީމާ ދެކޮޅަށް މައްސަލަ ނިމުނީ، އަބުރާ ބެހުނު ކަމަށް ބުނެ ކޯޓަށް ހުށަހެޅި ހަބަރުގެ މައްސަލަ މީޑިއާ ކައުންސިލަށް ވެސް ހުށަހަޅާފައިވާތީ އާއި މީޑިއާ ކައުންސިލަށް އެފަދަ މައްސަލައެެއް ހުށަހެޅޭނީ ކޯޓަށް ހުށަހެޅުމުގެ ހައްގު ދޫކޮށްލާފައި ކަމަށްވާތީ ކަމަށް ސިވިލް ކޯޓުން ބުނި

'ދިޔަރެސް' ނޫހުގައި ޖެހި ހަބަރަކާއި ގުޅިގެން، އެ ނޫހުގެ އެޑިޓަރެއްގެ ގޮތުގައި އޭރު ހުންނެވި ހީނާ ވަލީދާއި ދިޔަރެސް މީޑިއާއާ ދެކޮޅަށް ކުރި އަބުރުގެ ދައުވާ ކާމިޔާބުނުވެ، ކޯޓު ހަރަދުގެ ގޮތުގައި 15،000ރ. ދައްކަން އެ ދައުވާ ކުރެއްވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ކުރީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ސަލީމް މި ދައުވާ ހުށަހެޅުއްވީ، ދިޔަރެސް ނޫހުގައި 25 ޖޫން 2022ގައި "ނޫސްވެރިޔާ ނަސީރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވެއްޖެ"، މި ނަމުގައި ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެންނެވެ.

އެ ހަބަރުގައި ސަލީމަށް ނިިސްބަތްކޮށް، "ނަސީރާ އެކު އެ ވީޑިއޯއިން ދެން ފެންނަ މީހާގެ މޫނެއް ނުފެނެ އެވެ. ނަމަވެސް، އަޑު ފެތުރިފައިވާ ގޮތުގައި، އެ ވީޑިއޯގައި ދެން ފެންނަ މީހަކީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކަމަށް ލިޔެފައިވެ އެވެ.

އެ ލިޔުމުގެ ސަބަބުން ގަދަރާއި އިއްޒަތަށް އުނިކަން ލިބިގެން ގޮސްފައިވާ ކަމަށް ބުނެ މި ދައުވާ ސަލީމް ހުށަހެޅުއްވީ 1 އޮގަސްޓު 2022ގަ އެވެ. ދައުވާގައި އެދިވަޑައިގަތީ:

  • ދިޔަރެސް މީޑިއާއިން އޭނާގެ އަބުރާ ބެހުމުގެ އަމަލެއް ހިންގާފައިވާ ކަމަށް ކަނޑައަޅައިދިނުމަށް

  • އެ ހަބަރުގައި ސަލީމަށް ނިސްބަތްކޮށް ލިޔެފައިވާ ބަޔަކީ އެއްެވެސް އަސާސެއް ނެތް ދޮގު ހަބަރެއް ކަމަށް ކަނޑައަޅައިދިނުމަށާއި އެކަމަށް ހީނާ އާއި އެ މީޑިއާއިން ވަކިވަކިން ޒިންމާވާންޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް

  • މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 5000ރ. ނަގައިދިނުމަށް

  • މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށް

  • ކޯޓު ހަރަދުގެ ގޮތުގައި 50،000ރ. ނަގައިދިނުމަށް

ބުނީ ކީކޭ؟ - އެންސްޕާގެ ސީއީއޯގެ މަގާމު މިހާރު އަދާކުރައްވަމުން ގެންދަވާ ހީނާ އަދި ދިޔަރެސް މީޑިއާއިން ވެސް މުޅި ދައުވާއަށް އިންކާރުކޮށް ދިފާއު ހުށަހަޅާފަ އެވެ. އަދި ޝަރީއަތުގެ އަޑުއެހުމަކާ ނުލައި އެ މައްސަލާގައި ހުކުމް ކޮށްދިނުމަށް އެދިފައި ވެއެވެ. ދިފާއުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ:

  • އެ ހަބަރުގައި ހަގީގަތާ ހިލާފު ވާހަކައެއް ބަޔާންކޮށްފައި ނުވާ ކަމަށާއި ފާހަގަކޮށްފައިވަނީ އެފަދައިން އަޑެއް ފެތުރިފައިވާތީ އެކަން ކަމަށް

  • އެ މައްސަލަ މީޑިއާ ކައުންސިލަށް ވެސް ހުށަހަޅާފައިވާތީ، މި ދައުވާ ކުރުމުގެ ހައްގު ސަލީމް އަމިއްލަ އިހުތިޔާރުގައި ދޫކޮށްލައި މީޑިއާ ކައުންސިލަށް ހުށަހެޅި ޝަކުވާ ފޯމުގައި ސޮއިކޮށްފައިވާ ކަމަށް

އިޖްތިމާއީ ކޮމިޓީގެ ބައްދަލުވުމެއްގައި ހީނާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މި ދިފާއުއާ ގުޅިގެން، ސަލީމުގެ ފަރާތުން ކޯޓަށް ހުށަހެޅި ދިފާއުގައި ވިދާޅުވީ މީޑިއާ ކައުންސިލަށް ހުށަހެޅީ މުޅިން އެހެން މައްސަލައެއް ކަމަށާއި ދެ މައްސަލާގައި ހޯދައިދޭން އެދިފައިވާ ފަރުވާ ވެސް ތަފާތުވާނެ ކަމަށެވެ. އެގޮތުން، ސަލީމް ވިދާޅުވީ:

  • ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އަބުރަށް ލިބުނު ގެއްލުމުގެ މައްސަލައެއްގެ ގޮތުގައި އެކަމުގެ ބަދަލު ހޯދަން

  • މީޑިއާ ކައުންސިލަށް މައްސަލަ ހުށަހެޅީ އެ ހަބަރަކީ މީޑިއާގެ ހަމަތަކާއި މިންގަނޑާއި ހިލާފު، ނޫސްވެރިކަމުގެ އާންމު އުސޫލުތަކާ ވެސް ހިލާފު ހަބަރެއް ކަމަށް ކަނޑައަޅައިދީ އެކަމަށް ދިޔަރެސް މީޑިއާއިން މައާފަށް އެދި ލިޔުމެެއް އާންމުކުރުމަށް އަންގައިދިނުމަށް އެދި

ކޯޓުން މި މައްސަލާގައި ހުކުމް ކުރީ، އެ މައްސަލަ މީޑިއާ ކައުންސިލަށް ވެސް ހުށަހަޅާފައިވާތީ އާއި މީޑިއާ ކައުންސިލަށް އެފަދަ މައްސަލައެއް ހުށަހެޅެނީ އަބުރުގެ ދައުވާ ކުރުމަށް ކޯޓަށް ހުށަހެޅުމުގެ ހައްގު ދޫކޮށްލާފައި ކަން އެނގެން އޮންނާތީ، އެ މައްސަލައަކީ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

އެ މައްސަލަ އޭނާއާ ދެކޮޅަށް ނިމުމުން، ދައުވާ ރައްދުވާ ހީނާ އާއި ދިޔަރެސް މީޑިއާއިން އެދިފައިވާ ކޯޓުގެ ހަރަދަށް 15،000ރ. ކުރިއަށް އޮތް ހަތް ދުވަސް ތެރޭ އެ ކޯޓަށް ދައްކާ ނިންމުމަށް ހުކުމްކުރި އެވެ.

ހުުކުމްގައި ބުނީ:

  • މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލައާ ކޯޓަށް ހުށަހެޅި މައްސަލައިގައި ހޯދައިދޭން އެދިފައިވާ ހައްލު ތަފާތުވިޔަސް، ދެ މައްސަލައަކީ ވެސް އެއް ކަމަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް

  • ކައުންސިލަށް ހުށަހަޅާ އެފަދަ މައްސަލައެއް މީޑިއާ ކައުންސިލުން ބަލަން ފަށަނީ ކޯޓަށް ހުށަހެޅުމަށް އޮންނަ ހައްގު ދޫކޮށްލާކަމުގެ އިގުރާރުގައި ސޮއިކުރުމުން؛ އެ އިގުރާރުގައި ސަލީމް ސޮއިކޮށްފައިވާކަން އެނގޭ

  • އެފަދަ އިގުރާރެއް ބޭނުންކުރަނީ މީޑިއާ ކައުންސިލަކީ ޝަރުއީ ކޯޓުން ބޭރުން ކަންކަން ހައްލުކޮށްދޭ ތަނަކަށްވާތީ

  • މީޑިއާ ކައުންސިލަށް ހުށަހެޅި މައްސަލަ ހުށަހަޅާފައިވަނީ އެ ހަބަރާ ގުޅިގެން އަބުރާބެހުމުގެ ދައުވާއެއް ކުރުމުގެ ހައްގު ދޫކޮށްލާފައި؛ އެހެންވެ، އަބުރުގެ މައްސަލައެއް ކޯޓަށް ހުށަހަޅައިގެން ކުރިއަކަށް ނުގެންދެވޭނެ

ކޮމެންޓް (1)

ލޯމާފާނު

23 ސެޕްޓެމްބަރު 2025
ތިޔަ ބުނާ މީޑިއާގެ މިނިވަންކަން ތަންމިނަށް ފުޅާކޮށްގެން އޮތް ޒަމާނުގައި މީހުންގެ އަބުރު ކަތިލާ ސާބިތު ނުހިފޭ ވާހަކަ ދެއްކި މީޑިއާތަކަށް، އަބުރުގެ ދައުވާ ކުރެވޭނޭ ކިޔާފައި މިހާރުވެސް ނިޒާމެއް އެބައޮތޭ ކިޔާ އެމްޖޭއޭ ނާއިފުމެން ކީހާ އެއްޗެތި ދިމާ އިދިކޮޅަށް އަސްލު އޮތީ. އަބުރު ރައްކާތެރިކުރާ ބިލެއް އޮތްނަމަ އަބުރު ރައްކާތެރި ކުރެވޭނެމަ ތިޔަ ބިލެއް ބޭނުމެއް ނުވީސް، މީޑިއާތައް ތޯތޯ ހީތަކެއްގެ މައްޗަށް ޚަބަރު ނުހެދީސް
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް