'ފުލުސްޓޮޕް' މުޒާހަރާ. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

މަދަނީ ބަސްނޭހުމަކާ އެކު ހައްގުތަކުގެ ދިފާއުގައި ސިލްސިލާ ހަރަކާތްތަކެއް ފަށައިފި

ހިޔާލު ފާޅުކުރުމުގެ ހައްގުތަކުގެ ދިފާއުގައި މީގެ ކުރިން ނޫސްވެެރިން އިއްވަމުންދިޔަ އަޑު ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ އަސާސީ ހުރިހާ ހައްގުތަކެއްގެ ދިފާއުގައި އުފުލާނެ ކަމަށާއި ރެއިން ފެށިގެން މަދަނީ ހައްގުތަކުގެ ދިފާއުގައި މޫވްމަންޓެއް ފެށިގެންދާނެ ކަމަށް އެމްޖޭއޭއިން ބުނޭ

މިނިވަން ހިޔާލާއި ނޫސްވެރިކަން ކޮންޓްރޯލުކުރަން ހަދާފައިވާ 'މީޑިއާ ކޮންޓްރޯލް' ގާނޫނާ ތަސްދީގުކުރުމާ އެކު، ރައްޔިތުންގެ މަދަނީ ހައްގުތަކުގެ ދިފާއުގައި މަދަނީ ބަސްނޭހުމަކަށް ގޮސް، 'ފުލުސްޓޮޕް މޫވްމަންޓް'ގެ ނަމުގައި ސިލްސިލާ ހަރަކާތްތަކެއް ނޫސްވެރިން ރޭ ފަށައިފި އެވެ.

ވީ ކިހިނެއް؟ - މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި މިނިވަން ހިޔާލާއި ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ ބިލު ރައީސް މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

ނޫސްވެރިންގެ އެތައް ކަންބޮޑުވުންތަކެއް އެ ބިލާ މެދު އޮއްވާ، ސަރުކާރުގެ ނޫފުޒު ފޯރުވޭނެ ގޮތަށް މީޑިއާ ރެގިއުލޭޓުކުރުން ވަކި ކޮމިޝަނަކާ ހަވާލުކޮށް ހަދާފައިވާ އެ ގާނޫނަށް އަމަލުނުކުރާނެ ކަމަށް ގިނަ އަދަދެއްގެ ނޫސްވެރިން ދަނީ ބުނަމުންނެވެ. އަދި އެކަމާ ދެކޮޅަށް ކުރާ އިހުތިޖާޖުތައް ކުރިއަށް ގެންދިއުމަށް ނޫސްވެރިން ވަނީ ނިންމާފަ އެވެ.

'ފުލުސްޓޮޕް' މުޒާހަރާ. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ތަފްސީލް - 'ފުލުސްޓޮޕް މޫވްމަންޓް'ގެ ނަމުގައި މި ހަރަކާތް ފަށާފައިވަނީ ރޭ 8:30ގައި އުސްފަސްގަނޑު ސަރަހައްދުގަ އެވެ. އެ ހަރަކާތުގައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި ބައެއް އާންމުން ވެސް ބައިވެރިވެފައިވެ އެވެ.

ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ވާހަކަދައްކަމުން އެ ޖަމިއްޔާގެ ނައިބު ރައީސް އަދި 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވިދާޅުވީ ރޭގެ އެއްވުމަކީ ވަރަށް ބޮޑު ހަރަކާތެއްގެ ފެށުން ކަމަށެވެ. 

އޭނާ ވިދާޅުވީ:

  • ހިޔާލު ފާޅުކުރުމުގެ ހައްގުތަކުގެ ދިފާއުގައި މީގެ ކުރިން ނޫސްވެެރިން އިއްވަމުންދިޔަ އަޑު ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ އަސާސީ ހުރިހާ ހައްގުތަކެއްގެ ދިފާއުގައި އުފުލާނެ

  • އެ ހަރަކާތް ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވާނެ

  • މިއަދު އެކުގައި މި ތެދުވަނީ ގައުމުގައި ހިނގާ ވައްކަމާއި ފަސާދާގައި ފުލްސްޓޮޕް ޖަހަން

  • މިއަދު މިތެދުވަނީ ވެރިންގެ އަބުވި ކަމާއި އާދަޔާ ހިލާފު ބާރުވެރިކަމުގައި ފުލުސްޓޮޕް ޖަހަން

  • މިއަދު މިތެދުވަނީ ވެރިން ކުރާ ބޭކާރު ހަރަދުތަކާއި ނާޖާއިޒް ފައިދާ ނެގުމުގައި ފުލުސްޓޮޕް ޖަހަން

  • ރޭގެ ހަރަކާތާ އެކު 'ފުލުސްޓޮޕް މޫވްމަންޓް' ގޮތުގައި މަދަނީ ހައްގުތަކަށް ވަކާލާތުކުރާ ހަރަކާތެއް ވުޖޫދުވާނެ

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެކިއެކި ޖަމިއްޔާތަކުން ވެސް އެ ހަރަކާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކުރި މީޑިއާ ބިލަކީ ސަރުކާރުގެ ވައްކަންތަކުގެ ވާހަކަ ދައްކާތީ އެ އަޑު ކަނޑުވާލަން ތައްޔާރުކުރި ގާނޫނެއް ކަމަށްވާތީ އެ ގާނޫނަށް އަމަލުނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ފިސާރި ވަރުގަދަ މަދަނީ ބަސްނޭހުމަކަށް. އަޅުގަނޑުމެންނެއް ނުހުއްޓުވޭނެ. އަޅުގަނޑުމެންނެއް ފަހަަތަކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ މިއަޑާ އެކު ސަރުކާރުގެ މަތީ މަގާމުތަކުގައި އެތިއްބެވި ބޭފުޅުން ތުރުތުރު އަރާވަރު ކޮށްލާނަން،" މީޑިއާ ކޮންޓްރޯލުކުރުމާ ދެކޮޅު ހަރަކާތުގައި ފެށުނީއްސުރެ އިސްކޮށް ހަރަކާތްތެރިވަމުންދާ ޝަހުޒާން ވިދާޅުވި އެވެ.

'ފުލުސްޓޮޕް' މުޒާހަރާ. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ރޭގެ އެއްވުމުގައި ވާހަކަދައްކަމުން އެމްޖޭއޭގެ ރައީސް އަދި 'ދައުރު' ނޫހުގެ ސީނިއާ އެޑިޓަރު އަހުމަދު ނާއިފް ވިދާޅުވީ ފުލުސްޓޮޕް ހަރަކާތުގެ އެންމެ ބޮޑު މަސައްކަތަކަށްވާނީ "ތާހިރު ވެރިކަމެއް ގާއިމުކުރުން" ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި މައްސަލަތަކަށް ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމާއި އެ މީހުންގެ މެނިފެސްޓޯ އަދި އެކަންކަމަށް ގެންނަން ބޭނުންވާ ހައްލުތައް ދެނެގަނެ، އެ އަޑުތައް އެ ހަރަކާތުގައި އިއްވައި ކުރިއަރުވާނެ ކަމަށް ނާއިފް ވިދާޅުވި އެވެ.

"މި ހަރާތުގައި އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން ކުރާނެ ކަމަކީ ރާއްޖޭގެ އިގްތިސޯދާ މެދު ޒުވާނުން ގެންނަ ވިސްނުންތައް، ރާއްޖޭގެ ސޯޝަލް ޖަސްޓިސްއާ މެދު ޒުވާނުން ގެންނަ ވިސްނުންތައް މިހުރިހާ ވިސްނުންތައް އެއްކޮށް މެނިފެސްޓޯއެއް އެކުލަވާލުން. އެހެންވީމާ ކުރިއަށް އޮތްތާ އެކަން އަޅުގަނޑުމެން ކުރާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިފެށުނީ އާ ބާބެއް، އާ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - 'މީޑިއާ ކޮންޓްރޯލް ގާނޫނޫ'ގެ ދަށުން ރައީސް އުފައްދަވާ ކޮމިޝަންގެ އިންތިހާބު ބޮއިކޮޓްކޮށް، ނޫސްތައް ރެގިއުލޭޓް ކުރަން އަމިއްލަ ނިޒާމެއް އެކުލަވާލަން އެމްޖޭއޭއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ނިންމާފަ އެވެ. މިއީ ގާނޫނުއަސާސީ އާއި ބެސްޓް ޕްރެކްޓިސްއާ ހިލާފު ގާނޫނެއްކަން ފާހަގަކޮށް، މި ގާނޫނު ބާތިލުކުރަން ކޯޓަށް ދާން ވެސް އެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ.

ކޮމެންޓް (3)

އަފުން

21 ސެޕްޓެމްބަރު 2025
ރައްޔިތުންގެ މަޖިލީހަކީ ގާނޫނުހަދަން އޮންނަ ތަނެއް، އެތަނުން ގާނޫނު ހަދާނެ، ހެދި ގާނޫނެއްގައި ގާނޫނުއަސާސީއާ ފުށުއެރުމެއް އޮތްނަމަ އެކަމަށް ހައްލު ހޯދާނީ ކޯޓަށް ގޮސްގެން. މަގުމަތިންނެއް ނޫން، ގާނޫނަށް ތަބާނުވާނަމޭ ބުނާ ބަޔަކު ނުކުމެ ކިހިނެއް ގާނޫނީ ހައްްގު ރައްޔިތުންނަށް ހޯދާދޭނީ.
0 1

މުއްތޭ

21 ސެޕްޓެމްބަރު 2025
ގައުމު ހަލަބޮލިކޮށްލަން ތިކުރާ ކަންތަކުގެ އަސަރު ކުރާނީ ހަމަ އެންމެންނަށް. އެއްވެސް އަސްލެއް އަސާސެއް ނެތް ކަމެއްގައި ތިވަރުކޮށްލަން ހެޔޮނުވާނެ. މިޤާނޫނާ އެކު ނޫސްވެރިންނަށް ގެއްލުނު ޙައްޤަކީ ތޯތޯ ވާހަކަތަކަށް ޚަބަރު ލިޔުން ހުއްޓުން އަދި އޭގެ ސައްޙަކަން ކަށަވަރު ކުރަން އިތުރު ބުރަ މަސައްކަތް ކުރުން. ކުރިން ފަސޭހަކަމާއެކު ކުރަމުން އައި ކަންތައް މިހާރު ތަންކޮޅެއް އުނދަގޫވީ. ނޫސްވެރިންނަކީ ކަންނެތް ބައެއް
1 2

ބޯހަމަ

20 ސެޕްޓެމްބަރު 2025
ޝަހުޒާނޫ. ހުއްޓުވޭނެ. ހުއްޓަން ޖެހޭނީ. މައިތިރިވެސް ވާނެ. ހީރޯ ހެދެން ނޫޅެ ބަސްއަހާ. ކަލޭމެނަށް ވެސް ޤާނޫނަށް ވުރެ މަތިން ނޫޅެވޭނެ. އަމަލު ވެސް ކުރަން ޖެހޭނީ. ކަލޭމެން ތީ ވަކި ކޮންބައެއް؟ އާންމު ރައްޔިތުން ނޫޅެ ތިޔަ ބިލަކާއި ހެދި ކަންބޮޑުވެގެނެއް. މޮޔަނުވޭ.
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް