27 އޮގަސްޓު 2025: 'މީޑީއާ ކޮންޓްރޯލް ބިލު' ބޭރުކުރުމަށް ގޮވާލައި، ނުސްވެރިން މަޖިލިސް ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގުނުކުރަން އެމްއެމްސީން ގޮވާލައިފި
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކުން މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.
ވީކިިހިނެއް؟ - ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވެސް އޮއްވައި، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ އެ މަޖިލީހުން އެ ބިލު ފާސްކުރީ ވަރަށް އަވަސް އަރުވާލައިގެނެވެ.
މަޖިލީހުން ބިލު ފާސްކުރަން އަވަސްއަރުވާލަން އުޅެގެން މަޖިލީހުގެ ގަވާއިދުގައި ހުރި އިޖުރާއަތްތައް ވެސް ރަނގަޅަށް ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. އެ ގޮތުން:
-
މަޖިލީހުގެ ޖަލްސާއެއް ތާވަލުކުރާ ވަގުތުގެ 6 ގަޑިއިރު ކުރިން ގަޑިއާއި ޖަލްސާގެ އެޖެންޑާ އާންމު ކުރަން ޖެހޭނެ ކަމަށް ގަވާއިދު ބުނޭ
-
ނަމަވެސް މަޖިލީހުގެ ޖަލްސާގެ ވަގުތު މަޖިލީހުގެ މެންބަރުންނަށް ފޮނުވީ ވެސް ގަޑިއިރެއް ކުރިން؛ އެޖެންޑާ އާންމުކުރީ ޖަލްސާ ފަަށަން މިނެޓަކަށް ވުރެ ވެސް ކުޑަތަންވެފައި ވަނިކޮށް
-
ޖަލްސާ އިއްޔެ އޮންނާނެ ކަން މިދިޔަ ހޯމަ ދުވަހު ބުނި ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވޭ؛ އިއްޔެ މެންދުރުފަހުން ފެށިގެން ޖަލްސާ ފަށަންދެން ސައިޓު ވެސް ވަނީ ޑައުންވެފައި
-
ބިލު ދިރާާސާކުރި ކޮމިޓީއަށް އެ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ކައުންސިލަ ޖެނެރަލް ގާނޫނީ ގޮތުން ފޮނުވި ލަފާތައް ވެސް މަޖިލީހުން އާންމެއް ނުކުރޭ
ތަފްސީލް - މީޑިއާ ކައުންސިލްގެ މެންބަރުން މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ފުރަތަމަ ވެސް ފާހަގަކުރި ކަމަކީ އެ ބިލު މަޖިލީހަށް ހުށަހެޅީއްސުރެން ފެށިގެން މަސްލަހަތުވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެވެ. އޭގެ ތެރޭގައި:
-
މީޑިއާ ކައުންސިލް
-
ބްރޯޑްކާސްޓިން ކޮމިޝަން
-
ހިއުމަން ރައިޓްސް ކޮމިޝަން
-
ބާ ކައުންސިލް
-
ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)
-
ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތައް
މީޑިއާ ކައުންސިލުން ބުނީ އެ ހުރިހާ ކަންބޮޑުވުންތައް އަނެއްކާ ވެސް ފާހަގަކޮށް، ބިލު ތަސްދީގު ނުކުރެއްވުމަށް އެދި ރައީސް މުއިއްޒަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
މީޑިއާއާ ގުޅުންހުރި މައްސަލަތަކާއި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ހެޔޮ ނިޔަތެއްގައި އެދޭ ނަމަ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށާއި، ގައުމީ ފެންވަރުގައި ގިނަ ފަރާތްތަކުގެ ބައިވެރިވުމާ އެކު ދިރާސާކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދަން ގޮވާލި އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އަވަސް ދުވެއްޔެއްގައި ހާމަކަން ކުޑަވާ ގޮތަށް ކުރިއަށް ގެންގޮސް، ބައެއް މަރުހަލާތައް ނަމަކަށް ފުރިހަމަ ކޮށްލުމުގެ ނިޔަތުގައި ފުރިހަމަކޮށްގެން ބިލު ފާސްކުރި ކަމަށް ދެކޭ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެކަމުގެ ސަބަބުން، ފަހަށް ފުންކޮށް ވިސްނައި، ރަނގަޅަށް ބަހުސްކުރުމުގެ ފުރުސަތު ގެއްލިގެން ދިޔުމަކީ އެތައް މައްސަލައެއް އަލަށް ފެންމަތިވެގެން އަންނާނެ ކަމެއް ގޮތުގައި ވެސް މީޑިއާ ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.
ބިލު ގާނޫނަކަށް ވެއްޖެ ނަމަ، މީޑިއާ ރެގިއުލޭޓްކުރުމުގެ ބަދަލުގައި ކޮންޓްރޯލްކުރެވިގެން ދާނެ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ފާޑުކިޔާ އަޑުތައް މަޑުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ތައާރަފްކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ވެސް ބުންޏެވެ.
މިކަން މިހެން ވެއްޖެ ނަމަ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ރޭންކިން ވަރަށް ބޮޑަށް ދަށްވެގެން ދާނެކަމަށް ވެސް މީޑީއާ ކައުންސިލުން ބުންޏެވެ.
"މި ބިލު ތަސްދީގުކުރުމާ އެކު، މި ކައުންސިލް އުވިގެންދިޔަ ނަމަވެސް މިނިވަން ނޫސްވެރިކަމުގެ ރޫހު ދެމި އޮންނާނެ. މީޑިއާ ކައުންސިލް މެންބަރުން އުންމީދުކުރަނީ ދިމާވާ ކޮންމެ އަނދިރިކަމެއްގެ ތެރޭގައި ވެސް އަހަރުތަކެއް ވަންދެން އިންދަމުން އައި ނޫސްވެރިކަމުގެ ގަސްތައް ކުރިލައި ހެދޭނެ އަލި މަގެއް ފެނިގެންދާނެ ކަމަށް،" އެމްއެމްސީން ބުންޏެވެ.
އެނގުން މުހިންމު - ނޫސްވެރިން ބުނަމުންދާ ގޮތުގައި ބިލަށް މަޖިލީހުގެ ކޮމިޓީންނާއި ތަޅުމުން ގެނައި އިސްލާހުތަކުން ވެސް ނޫސްވެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެ އެވެ. އެ ގޮތުން:
-
ނޫސްވެރިންގެ ޑިމާންޑަކީ، މިހާރު މީޑިއާ ކައުންސިލް އޮންނަ ގޮތަށް ހަމައެކަނި ނޫސްތަކާއި މީޑިއާ ތަމްސީލްކުރާ މެންބަރުން ހިމެނުން
-
ނޫސްވެރިންނާއި މީޑިއާ ރެގިއުލޭޓްކުރުމުގެ ތެރެއަށް ސަރުކާރުންނާއި މަޖިލިސް ވަންނާކަށް ނުޖެހޭ
-
ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތައް އަދިވެސް ރެގިއުލޭޓްކުރެވޭ؛ މީޑިއާތަކަށް ހުރި އުސޫލުތައް އިލެކްޓްރޯނިކް ވަސީލަތްތަކަށް ހިނގާނެ ކަމާއި އިލެކްޓްރޯނިކް ވަސީލަތްތަކުގެ މާނައިގައި އަދިވެސް އިންޓަނެޓް ހިމެނޭ
-
ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިފައިވަނީ އެ ބިލުގެ ދިރާސާއަކާއި މީޑިއާ ކައުންސިލްގެ ގާނޫނަށް ގެނެވިދާނެ އިސްލާހުތަކުގެ ދިރާސާއެއް ހަދާފައި ހަތަރު މަސް ދުވަހުގެ ފުރުސަތެއް ދޭން