ޕެޓިޝަން ކޮމިޓީން ކުރިން ބޭއްވި ބައްދަލުވުމެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީއަށް ނޫސްވެރިންގެ ޕެޓިޝަން ފޮނުވަން ޕެޓިޝަން ކޮމިޓީން ނިންމައިފި

ޕެޓިޝަން ކޮމިޓީން މިއަދު ނިންމީ ނޫސްވެރިން ހުށަހެޅި ޕެޓިޝަން މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީން ޕެޓިޝަނުގައި ހުރި ކަންކަމަށް ރިއާޔަތްކޮށްދޭން
15 ސެޕްޓެމްބަރު 2025

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކުރަން ގޮވާލާ ނޫސްވެރިން ހުށަހެޅި ޕެޓިޝަން، ބިލު ދިރާސާކުރާ ކޮމިޓީއަށް ފޮނުވަން ޕެޓިޝަން ކޮމިޓީން މިއަދު ނިންމައިފި އެވެ.

ވީކިހިނެއް؟ - ސަރުކާރުގެ ބާރު ފޯރުވޭ ގޮތަށް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް މައުލޫމާތު ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ހުށަހަޅާފައިވާ އެ ބިލު ބޭރުކޮށްލުމަށް ގޮވާލައި 151 ނޫސްވެރިއަކު ސޮއިކޮށް މި ޕެޓިޝަން ރައީސް އޮފީހާއި މަޖިލީހަށް ހުށަހެޅީ މި މަހުގެ 3 ވަނަ ދުވަހު އެވެ.

އެ ޕެޓިޝަން ދިރާސާކުރުމަށް ޕެޓިޝަން ކޮމިޓީން މިއަދު ބައްދަލުވުމެއް މި ބޭއްވީ، ޕެޓިޝަން ހުށަހެޅިތާ ދެ ހަފުތާ ވީއިރު ވެސް އެ މަސައްކަތް ނުކުރާ އިއްޔެ ބައެއް ނޫސްތަކުން ސުވާލު ވެސް ކޮށްފައިވަނިކޮށެވެ. 

ނޫސްވެރިންގެ ޕެޓިޝަން، މީޑިއާ ބިލް ދިރާސާކުރަމުންދާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. 

އަބްދުއްލަތީފް ހުށަހެޅުއްވި ގޮތަށް ކޮމިޓީގައި ތިއްބެވި މެންބަރުން އިއްތިފާގުވެވަޑައިގަތެވެ. އެ ގޮތުން:

  • މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާނީ ޕެޓިޝަނުގައި ހުރި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެ ކޮމިޓީން ރިއާޔަތްކުރުމަށް ލަފާ ދީފައި

  • މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގޮތެއް ނިންމުމުން، އެ ނިންމުމުގައި ޕެޓިޝަންގައި ހުރި ކަންކަމަށް ރިއާޔަތްކުރި ވަރު ޕެޓިޝަން ކޮމިޓީން ފަހުން ބަލާނެ

  • މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގޮތެއް ނިންމުމުން، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރި ވަރު ބެލުމަށް ފަހު ޕެޓިޝަން ކޮމިޓީން ތަޅުމަށް ރެކޮމެންޑޭޝަންތަކެއް ފޮނުވާނެ

ފާހަގަކޮށްލެވޭ ކަމެއް - މިހާރު ޗުއްޓީގައި އޮތް މަޖިލިސް، ދައުރުން ބޭރުން މި މައްސަލައާ ގުޅޭ ގިނަ ކޮމިޓީ ބައްދަލުވުންތަކެއް ބާއްވައިގެން ބިލުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދާއިރު، މިއަދަކީ އެ ބިލު ދިރާސާކުރަން ކޮމިޓީން ކަނޑައަޅާފައިވާ ސުންގަޑި ހަމަވާ ދުވަހެވެ.

މިއަދު ހެނދުނު 11:15އަށް ބިލު ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް އެޖެންޑާ ވެސް ކޮށްފައިވެ އެވެ. 

އެނގުން މުހިންމު - ނޫސްވެެރިން ހުށަހަޅާފައިވާ ޕެޓިޝަނުގައި ބުނެފައިވަނީ އެ ބިލު ފަރުމާ ކުރުމުގައި ނޫސްވެރިންނާއި އާންމުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާޖަމާއަތްތަކުގެ މަޝްވަރާ އެއްވެސް ވަރަކަށް ހޯދާފައިނުވާ ކަމަށެވެ.

އޭގެ އިތުރަށް ޕެޓިޝަނުގައި ބުނެފައިވަނީ:

  • ބިލު ފަރުމާކޮށްފައިވަނީ ނޫސްެރިންނަށް މިނިވަންކަމާއެކު އެ މީހުންގެ ޒިންމާތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް އަދި އެ ޒިންމާ އިތުރަށް ހަނިވެ ވަކި ބަޔަކަށް ނޫސްވެރިން ކުރާ މަސައްކަތަށް ބާރު ފޯރުވޭ ގޮތަށް

  • ބިލުގައި އުފައްދަން ބުނާ ކޮމިޝަނުން މައްސަލައެއް ބަލަން ފަށަމުން ވެސް ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން ވަކި ނޫސްތަކަށް ޓާގެޓުކޮށް ވަކި މުއްދަތެއް ނެތް ގޮތަށް ނޫސްތައް ބަންދުކޮށްފައި ބެހެއްޓުމުގެ ފުރުސަތު އެބަ އޮތް

  • ރާއްޖޭގައި މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރުން ހިންގާ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލުކުރުން ވާނީ މީޑިއާގެ މިނިވަންކަން ގެއްލި މިނިވަން ނޫސްވެރިކަން ހީނަރުވެގެންދާ ނިންމުމަކަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް