ރައީސް މުހައްމަދު މުއިއްޒު. (ފޮޓޯ/ރައީސް އޮފީސް)

ކުރީގެ ރައީސުންނާއި މެމްބަރުންނަށް ދޭ އިނާޔަތްތަކުން ބައެއް ކަނޑާލަން ހުށަހަޅަނީ

މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާކުރާ މީހުންނަށް މިހާރު ދެމުން އަންނަ ޕެންޝަން އިނާޔަތްތައް ވެސް އެއްހަމަ ކުރަން ހުށަހަޅުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި
10 ސެޕްޓެމްބަރު 2025

ކުރިން ރައީސުލްޖުމްހޫރިއްޔާ ކަމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ގާނޫނުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށްޓަކައި ގާނޫނުތައް އިސްލާހުކުރަން މަޖިލީހަށް ހުށަހަޅަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މިފަދައިން ނިންމެވީ ކުރީގެ ރައީސުންނާއި މެމްބަރުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭތީ އެކަމާ ދެކޮޅަށް އާންމުންގެ ތެރެއިން ބައެއް މީހުން ވެސް އަޑުއުފުލަމުންދަނިކޮށެވެ.

އޭގެ އިތުރުން ކުރީގެ ރައީސުންނާއި ކުރީގެ މަޖިލިސް މެންބަރުންނަށްދޭ އިނާޔަތް ކުޑަ ކުރަން ފެނިވަޑައިގަންނަވާ ކަމަށް، މީގެ ތިން ދުވަސް ކުރިން ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް އެ މަނިކުފާނު ފޮނުއްވި މެސެޖެއްގައި ވެސް ވިދާޅުވެފައިވެ އެވެ.

ތަފްސީލު - ގާނޫނުތައް އިސްލާހުކޮށްގެން އޭގެ ތެރެއިން ބައެއް އިނާޔަތްތައް އުނިކުރަން ހުށަހަޅަން ނިންމެވިކަން ރައީސް އިއުލާންކުރެއްވީ އެމަނިކުފާނު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވާނީ ނިންމާފައި،" އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާކުރާ މީހުންނަށް މިހާރު ދެމުން އަންނަ ޕެންޝަން އިނާޔަތްތައް ވެސް އެއްހަމަ ކުރަން ހުށަހަޅުއްވާނެ ކަމަށް އެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

"އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައިވާ ގޮތުން:

  • އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 50،000ރ. 

  • އެއް ދައުރަށް ވުރެ ގިނަ ދުވަސް ވަންދެން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް 75،000ރ.

  • ދިރިއުޅުއްވާ ތަނުގެ ހަރަދަށް ކޮންމެ މަހަކު 50،000ރ. 

  • މުޖްތަމައުއަށް ފައިިދާ ހުރި މަސައްކަތެއް ކުރައްވާ ނަމަ، އެ ކަމަށް އޮފީސް ހިންގުމުގެ ހަރަދަށް މަހަކު ގިނަވެގެން 175،000ރ.

 މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މަޖިލީހުގެ އެއް ދައުރު ނުވަތަ ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް ވެސް އުމުރުން 55 އަހަރުން މަތިވުމުން ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން އިނާޔަތްދޭންޖެހެ އެވެ. އެގޮތުން:

  • އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް: މުސާރައިގެ %30 ދޭންޖެހޭ

  • ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް: މުސާރައިގެ %45 ދޭންޖެހޭ 

  • މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތް އިންޝުއަރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންޖެހޭ

އުމުރުން 55 އަހަރު ވިޔަސް، މެންބަރުކަމުގައި ތިބޭ އިރު އިނާޔަތް ނުލިބޭނެ އެވެ. މިއީ މެންބަރުކަމުން ވަކިވުމުން ދޭ އެލަވަންސެކެެވެ. ޕީއެންސީގެ ބައެއް މަޖިލިސް ބައެއް މެންބަރުންގެ ކަންބޮޑުވުމަކީ،  މިހާރުވެސް އެހެން ބައެއް ދާއިރާތަކުގައި އުޅުއްވާ ބޭފުޅުން ހިދުމަތުން ރިޓަޔާ ކުރެއްވުމަށްފަހު ވެސް، އެހެން ވަޒީފާއެއްގައި އުޅުއްވަމުންވެސް ޕެންޝަން ފައިސާ ނަންގަވާތީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް