އޭޖީ އޮފީހުގައި ނޫސްވެރިންނާއެކު މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި އޭޖީ އުޝާމް (މ)، އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދު (ވ)، އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ހަލީލު (ވ) - (ފޮޓޯ/ އޭޖީ އޮފީސް)
ސިއްރު ކޮމިޓީގައި ބަލަނީ އޭޖީއާއި މުއައްސަސާތަކުން މީޑިއާ ބިލަށް ދިން ހިޔާލުތައް
މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ސިއްރުކޮށްގެން ބަލަމުންދަނީ ދައުލަތުގެ މުއައްސަސާތަކުން ފޮނުވާފައިވާ ހިޔާލުތައް ކަން އެނގިއްޖެ އެވެ.
ވީކިހިނެއް؟ - ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ ކޮމިޓީން ސިއްރުކޮށްގެން ދިރާސާ މި ކުރަނީ، ސަރުކާރުގެ ބާރު ފޯރުވޭ ގޮތަށް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން އަދި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް މައުލޫމާތު ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ބިލެކެވެ.
އިއްޔެއާއި މިއަދުގެ ކޮމިޓީ ސިއްރުކޮށްގެން މި ގެންދަނީ ކޮމިޓީއަށް ބިލާ ގުޅޭ ގޮތުން އާންމުން ފޮނުވާފައިވާ ހިޔާލުތަކުގައި މީހުންގެ ޒާތީ މައުލޫމާތު ހުރެގެން ކަމަށް ބުނެ އެވެ.
ތަފްސީލް - މި ކޮމިޓީގައި އިންނަވާ، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ ސިއްރުކޮށްގެން ގެންދާ ކޮމިޓީގައި މިއަދު ބަލަން ފަށާފައިވަނީ އެކި މުއައްސަސާތަކުން ކޮމިޓީއަށް ފޮނުވާފައިވާ ހިޔާލުތައް ކަމަށެވެ. އެ ގޮތުން:
-
މީގެ ތެރޭގައި އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ފޮނުއްވި ހިޔާލުތައް ވެސް އެބަހުރި، އެ ދިރާސާކުރުން މިއަދު ކުރިއަށް އެބަ ގެންދޭ
-
ދެން ވެސް ދައުލަތުގެ އެކި ކަމާ ގުޅުން ހުރި މުއައްސަސާތަކުން ފޮނުވި ހިޔާލުތައް ހިމެނޭ؛ މީޑިއާ ކައުންސިލް، ބްރޯޑްކާސްޓިން ކޮމިޝަން، އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ކުރިން ވެސް ވަނީ ބިލު ގޯސްކަން ފާހަގަކޮށްފައި
Miadhu committee sirru kuree gavidhaa hilaafah: @MickailNaseem #CtrlBillBeyrukurey pic.twitter.com/5S6URsNIZU
— Muzayyin Nazim (@tedmaldives) September 10, 2025
ފާހަގަކޮށްލެވޭ - 'މީޑިއާ ކޮންޓްރޯލް ބިލު'އާ ގުޅޭ ގޮތުން ކޮމިޓީން މިހާތަނަށް ހިޔާލު ހޯދި ކޮންމެ މަސްލަހަތުވެރިއެއްގެ ފަރާތުން ވެސް ފާހަގަކޮށްފައިވަނީ ކަންބޮޑުވުންތަކެވެ. އަދި މަޝްވަރާކުރުމެއް ނެތި ތައްޔާރުކޮށްފައިވާ ބިލެއް މަޖިލީހަށް ބަލައިގަތުމުން އެ ކަމުގެ ނުރުހުން ވެސް ވަރަށް ބޮޑަށް ފާޅުކުރި އެވެ. އެ ގޮތުން:
-
މިދިޔަ އާދީއްތަ ދުވަހު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުންނާ ކޮމިޓީން ބައްދަލުކުރި އިރު ވެސް މަޝްވަރާކުރުމެއް ނެތި ހަދާފައިވާ ބިލުގައި ހުރި ބޮޑެތި މައްސަލަތައް ކޮމިޓީގައި ފާހަގަކުރި
-
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގެ ތެރެއިން މިދިޔަ ހޯމަ ދުވަހު 22 މީޑިއާއެއްގެ ފަރާތުން ނޫސްވެރިން ކޮމިޓީއަށް ގޮސް ހިޔާލު ފާޅުކުރި އިރު އެންމެ މީޑިއާއެއް ފިޔަވައި ދެން ހުރި މީޑިއާތަކުގެ ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލުމަށް ގޮވާލާފައި
މިހާރު ހުށަހަޅާފައިވާ ބިލުގެ އެނަލިސިސްއެއް ވެސް ހިމެނޭ ގޮތަށް، މީޑިއާ ކައުންސިލްގެ ނިޒާމުގައި ހުރި މައްސަލަތައް ފާހަގަކޮށް ގެންނަންވީ އިސްލާހުތަކުގެ ދިރާސާއެއް ހަދައި މަޖިލީހަށް ހިއްސާކުރުމަށް ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މަޖިލީހުގައި އެދިފައި ވެސް ވެ އެވެ.
އެނގުން މުހިންމު - ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އަމިއްލަ ގޮތުން މަޖިލީހުގައި އިންނެވި ނަމަވެސް ސަރުކާރަށް ތާއީދުކޮށްގެން އިންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ. މިއީ ހަންނާން މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ދެވަނަ ފަހަރެވެ. ކުރީ ފަހަރު ބިލު ގެންދިޔައީ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށެވެ.
ދެވަނަ ފަހަރު ހަންނާން އެ ބިލު ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ވެސް އެހީތެރިކަމާ އެކު ބިލަށް މަދު ބަދަލުތަކެއް ގެނައުމަށް ފަހުގަ އެވެ.
ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ޑިމާންޑުކޮށް މުލިއާގެއާއި ރައީސް އޮފީސް ކުރިމަތީ އިހުތިޖާޖުކޮށްފަ އެވެ. ނޫސްވެރިންގެ ޕްރެޝަރުތަކާ އެކު މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ސީނިއާ ނޫސްވެރިންނާ ރައީސް ބައްދަލުކުރެއްވި އެވެ.
ނަމަވެސް ނޫސްވެރިން އެދުނު ގޮތަށް ބިލު ބޭރުނުކޮށް އިސްލާހުކުރުމުގެ މަސައްކަތް ގެންދަން ސަރުކާރުން ނިންމިކަން، އެ ބައްދަލުވުމަށް ފަހު އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ބޭއްވި ޕްރެސް ކޮންފެރެންސެއްގައި އެ ދުވަހު ވިދާޅުވި އެވެ.
ކޮމެންޓް (1)
ތެފައާސާ.