ކުރިން ބޭއްވި ޅަވިޔަނި ޓާޓަލް ފެސްޓިވަލްގެ ތެރެއިން.

ޅަވިޔަނި ޓާޓަލް ފެސްޓިވަލް މި އަހަރު ކުލަގަދަވާނެ: ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތައް

މި އަހަރުގެ ފެސްޓިވަލްގައި އަށް އަތޮޅެއްގެ 14 ސްކޫލަކުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައި
4 ސެޕްޓެމްބަރު 2025

ސިކްސް ސެންސަސް ކަނުހުރާ ރިސޯޓާއި އެޓޯލް މެރިން ސެންޓާ (އޭއެމްސީ) ގުޅިގެން ޅ. ނައިފަރުގައި ޅަވިޔަނި ޓާޓަލް ފެސްޓިވަލް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޅ. ނައިފަރުގެ ވެލާ ބީޗުގައި މި މަހުގެ 5 އިން 6އަށް ބާއްވާ ޅަވިޔަނި ޓާޓަލް ފެސްޓިވަލަކީ އާންމުންނަށް ބައިވެރިވެވޭނެ އެކި ހަރަކާތްތަކާ އެކު ތިމާވެށި ރައްކާތެރިކުރުމާއި ވެލާ ހިމާޔަތްކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން ފަތުރަން ބާއްވާ ފެސްޓިވަލެކެވެ.

ތަފްސީލް - މި އަހަރުގެ ފެސްޓިވަލްގައި އަށް އަތޮޅެއްގެ 14 ސްކޫލަކުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ޓާޓަލް ފެސްޓިވަލްގައި އެންމެ ގިނަ އަދަދަކަށް ދަރިވަރުން ބައިވެރިވާ އަހަރެވެ. އެގޮތުން:

  • ބ.، ރ.، ނ. އަދި އއ. އަތޮޅުގެ ބައެއް ސްކޫލުތަކުން ވެސް ބައިވެރިވާނެ

  • މާލޭގެ ސްކޫލުތަކުން ވެސް މި އަހަރުގެ ފެސްޓިވަލްގައި ބައިވެރިވާނެ

  • އޭގެ އިތުރުން 18 ޖަމިއްޔާއަކާއި ރިސޯޓުތަކާއި އެހެނިހެން ފަރާތްތަކުން ވެސް އެ ފެސްޓިވަލްގައި ބައިވެރިވާނެ

މި އަހަރުގެ ޅަވިޔަނި ޓާޓަލް ފެސްޓިވަލަށް 3000އަށް ވުރެ ގިނަ މީހުން ދާނެ ކަމަށް ބެލެވޭއިރު، އެ ފެސްޓިވަލްގެ ސަބަބުން އެކި ފަރާތްތަކަށް ގުޅުން ބަދަހިކޮށް، ފަހި މާހައުލެއްގެ ތެރެއިން ވެލާ ހިޔާމަތްކުރުމާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ހުކުރު ދުވަހު ރަސްމީކޮށް ފެސްޓިވަލް ފެށުމަށް ފަހު އޮންނާނީ ތިން ވަނަ އެޓޯލް މެރިން ސިމްޕޯޒިއަމެވެ. އެ ސިމްޕޯޒިއަމްގައި:

  • އެކި ޖަމިއްޔާތަކާއި ޖަމާއަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ ފަރާތްތަކުން އިލްމީ ވާހަކަތައް ދައްކާނެ 

  • އޭގެ ތެރޭގައި އޮލިވް ރިޑްލީ ޕްރޮޖެކްޓް، ދަ ވައިބް، ޕާލޭ މޯލްޑިވަސް، މިޔަރު-ޝާކް ޕްރޮގްރާމް، އެޓޯލާ އަދި މޯލްޑިވަސް ރެޒިލިއަންޓް ރީފްސް ހިމެނޭ

ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ފެސްޓިވަލްގެ ސްޓޯލްތައް އާންމުންނަށް ހުޅުވާނެ އެވެ. އެގޮތުން، އެ ސްޓޯލްތަކުގައި ދިވެހީން އަމިއްލަ އުފެއްދުންތައް ބަލާލައި ތަފާތު ކާނާތަކުގެ ރަހަ ބަލައި ގޭމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ އިތުރުން، ސަލާމަތްކޮށްފައިވާ ވެލާތަކުގެ ހާލަތު ބަލައި އެ ސޮރުމެން ރިހެބިލިޓޭޓުކުރަން ކުރި މަސައްކަތްތައް އަޑުއަހާލުމުގެ ފުރުސަތު ލިބޭނެ އެވެ.

އެ ފެސްޓިވަލްގައި ސްކޫލު ކުދިންނަށް ގިނަ މުބާރާތްތަކެއް ބޭއްވުމަށް ވެސް ވަނީ ރާވައިފަ އެވެ. އެގޮތުން:

  • މުބާރާތްތަކުގެ ތެރޭގައި އެންމެ ރަނގަޅު ސްޓޯލް ޑިޒައިން، ވެލިން ވެލާގެ މޮޑެލް ހެދުން އަދި ކުނިން ވެލާގެ ސްކަލްޕްޗާ ހެދުން ހިމެނޭ 

  • ޕްލާސްޓިކް ފުޅި އެއްކުރުމުގެ މުބާރާތް، ކަނޑުއަޑީގެ ފޮޓޯގްރަފީ މުބާރާތް، ސަގާފީ ނެށުމުގެ މުބާރާތް އަދި ރީސައިކަލްކޮށްގެން ދަބަހާއި ފޭރާން ހެދުމުގެ މުބާރާތް ހިމެނޭ

މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ އެ ފެސްޓިވަލަށް ތައްޔާރުވުމުގެ ގޮތުން ފްލާސްޓިކް ފުޅި އެއްކުރުމުގެ މުބާރާތެއް ފަށައިފަ އެވެ. ސްކޫލު ކުދިން ބައިވެރިވި އެ މުބާރާތުގައި ހޮވި ފުޅިތައް އިއްޔެ ކިރާލި އިރު، ޖުމްލަ ބަރުދަނުގައި 7005.88 ކިލޯ ހުއްޓެވެ. އެންމެ ގިނައިން ޕްލާސްޓިކް ފުޅި އެއްކުރި ޓީމު އިއުލާނުކުރާނީ ފެސްޓިވަލްގެ ތެރެއިންނެވެ.

ސިކްސް ސެންސަސް ކަނުހުރާ އަނެއްކާވެސް ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެފައިވާއިރު، މި އަހަރަކީ ފެސްޓިވަލަށް އެންމެ ގިނަ އަދަދެއްގެ ސްޕޮންސަރުން ލިބުނު އަހަރެވެ. އެގޮތުން މައި ހަ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ:

  • 1-

    މޯލްޑިވްސް އިސްލާމިކް ބޭންކް

  • 2-

    އެމެރަލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާ

  • 3-

    ނޯކު މޯލްޑިވްސް

  • 4-

    ކޯރާ ކޯރާ މޯލްޑިވްސް

  • 5-

    ދަ ސްޓޭންޑަޑް-ހުރުވަޅި މޯލްޑިވްސް

  • 6-

    މަންޓާ އެއާ

އެޓްމޮސްފިއާ ކަނިފުށި އަދި ޕަޓީނާ މޯލްޑިވްސް-ފަރި އައިލެންޑްސް ފަދަ ކޯ-ސްޕޮންސަރުންގެ ފަރާތުން ވެސް އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވާއިރު، ކޯ-ސްޕޮންސާ ޕްލަސް ގޮތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ދިރާގު އަދި އެހެނިހެން ރިސޯޓުތަކާއި ތިމާވެށްޓަށް ރައްޓެހި ވިޔަފާރިތައް ހިމެނެއެވެ.

ފާހަގަކޮށްލެވޭ - ޅަވިޔަނި ޓާޓަލް ފެސްޓިވަލް އެންމެ ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރު އެއް ދުވަހުގެ ފެސްޓިވަލެއްގެ ގޮތުގަ އެވެ. ނަމަވެސް، ގިނަ ބައެއްގެ ތަރުހީބާ އެކު އެ ފެސްޓިވަލް ފުޅާވެ، މިހާރު ގިނަ ހަރަކާތްތަކާ އެކު ބާއްވަމުން އަންނަނީ ދެ ދުވަހަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް