އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ގައުމީ އިވެންޓެއްގައި ވާހަކަ ދައްކަވަނީ

ސަން ސިޔާމް

ކޮރަޕްޝަން އާންމުވެ ފިޔަވަޅު ނޭޅުމަކީ ގައުމިއްޔަތަށް އޮތް ނުރައްކަލެއް: ސިޔާމް

ކޮރަޕްޝަންގެ މައްސަލަ ނުބެލި އާންމުވުމުގެ ކަންބޮޑުވުން އެމްޑީއޭގެ ލީޑަރު ސިޔާމް ފާޅުކުރެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބެއްގައި
24 އޯގަސްޓު 2025

ރާއްޖޭގައި ކޮރަޕްޝަން އާންމުވެ އެފަދަ މައްސަލަތަކަށް ފިޔަވަޅު ނޭޅި އަޅައިނުލެވި އޮތުމަކީ ގައުމިއްޔަތަށް އިންތިހާއަށް ނުރައްކާ ބޮޑު ކަމެއް ކަމަށް އެމްޑީއޭގެ ލީޑަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ކޮރަޕްޝަންގެ އަމަލުތައް އާންމުވުމުން އެ ކަމުގެ ކަންބޮޑުވުން ސިޔާމް ފާޅުކުރައްވާފައި މި ވަނީ، މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި އޭނާ ނެރުއްވި ހިތޯބެއްގަ އެވެ.

ތަފްސީލް - ރައްޔިތުންގެ މަޖިލީހުގައި ދ. މީދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު ސިޔާމް ވިދާޅުވީ ދުރާލާ ރޭވިގެން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އެއްވެސް ޖެހިލުމެއް ނެތި ކުރުމަކީ ރާއްޖޭގައި އާދައިގެ ކަމަކަށް މިހާރު ވެފައިވާ ކަމަށެވެ.

މިފަދަ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ދައުލަތުގެ އިދާރާތަކުން މިފަދަ ކަންކަމާ މެދު އެކަށީގެންވާ ސަމާލު ކަމެއް ދެމުން ނުދާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ބުނީ ކީކޭ؟ - "ނުފޫޒާއި ބާރު ހުރި ފަރާތްތަކުން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް އެކަށީގެންވާ ފިޔަވަޅެއް އެޅެމުންދާ ތަން ނުފެންނަ ކަމީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. މިއީ އަޅުގަނޑުމެންގެ މިނިވަންކަމާއި ގައުމިއްޔަތަށް އޭގެ ނުރައްކާ އިންތިހާއަށް ބޮޑު ކަންކަން ކަމުގައި ދެކެމެވެ." ސިޔާމްގެ ހިތޯބުގައިވެ އެވެ.

މިފަދަ އަމަލުތައް ހުއްޓުވުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކުން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަދި އެ ކަންކަމާ ދެކޮޅަށް ދިވެހި ޒުވާނުން ނުކުމެ މަސައްކަތްތަކެއް ކުރުމަށް ސިޔާމް ގޮވާލެއްވި އެވެ.

"އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށާއި ދެމެހެއްޓެނިވި އަދި ފުދުންތެރި އިގުތިސޯދެއް ގާއިމުކުރުމަށް ޓަކައި މި ގައުމުގެ އެންމެހާ ޒުވާނުން މިއަދު ކަމަރު ބަނދެ، އާ ހިތްވަރާއި ފޯރިއާއެކު ދެމެހެއްޓެނިވި އަޒުމެއްގައި ހިތްވަރާއެކު މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަމެވެ." ސިޔާމްގެ ހިތޯބުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް