ސަރުކާރުގެ ހަފްލާއެއްގެ ތެރެއިން ގާސިމް އަދި ޔާމީން

ވިލާއަށް ބަދަލުދޭ މައްސަލާގައި ގާސިމްގެ ރައްދު: 'ރައީސް މުއިއްޒަކީ ޔާމީން ކަހަލަ އަނިޔާވެރިއެއް ނޫން'

ގާސިމް ވިދާޅުވީ ވިލާ ކުންފުންޏާ ގުޅުވައި ޔާމީން ދޮގު ވާހަކަތައް ދައްކަވަނީ އެ ކުންފުންޏާއި ގާސިމްގެ މައްޗަށް ޔާމީންގެ ހިތުގައި އޮންނަ ގިލަންވެރިކަމާއި ޒާތީ ހަސަދައެއްގެ ސަބަބުން ކަމަށް

ގދ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ސަރުކާރުން ވިލާ ކުންފުންޏަށް ބަދަލުދޭން އުޅެނީ ރައީސް މުހައްމަދު މުއިއްޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންހެން ގާނޫނީ އިމުން ބޭރުން މީހުންނަށް އަނިޔާދޭޒާތުގެ މީހަކަށް ނުވާތީ ކަމަށް އެ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގދ. އަތޮޅުގެ ވެރިރަށް ތިނަދޫއާ އިންވެގެން އޮންނަ ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފައި އޮތީ ވިލާ ކުންފުންޏާ އެވެ. އެތައް އަހަރުތަކެއްވީއިރު އޭގެ އެއްވެސް ކަމެއް ނުކުރެވި، އެއާޕޯޓް ހަލާކުވަމުންދާތީ، އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓާ އެތަނަށް ސަރުކާރުން ބަދަލުދޭން އުޅޭތީ ޔާމީން މިފަހުން ވަނީ ފާޑުވިދާޅުވެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ޔާމީން ވަނީ ކޮންމެ ސަރުކާރެއް އަޔަސް، ކާޑެއްދޫ އެއާޕޯޓު މާމިގިލި ދާއިރާގެ މެމްބަރު ގާސިމަށް "ތަރިކަ މުދާގަނޑެއް" ގޮތަށް ދީފައި އޮންނަ ކަމަށް ބުނެ ފާޑުވިދާޅުވެފަ އެވެ.

ވިލާއިން އެތަން ހިންގަން އުޅެއުޅެ ނުހިންގިގެން އެންމެ ފަހުން ސަރުކާރު ބޮލުގައި އަޅުވަނީ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - އެ ވާހަކަތަކަށް ރައްދުދެއްވާ ރޭ ގާސިމް ނެރުއްވި ބަޔާނެއްގައި ވަނީ 2013 ވަނަ އަހަރު އެ އެއާޕޯޓު ހިންގުމަށް ވިލާއަށް ހަވާލުކުރި ހިސާބުން ފެށިގެން މިއަދާ ހަމަައަށް ކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށްދެއްވާފަ އެވެ. އެއާޕޯޓު ތަރައްގީކުރުން ކޮންމެ ފަހަރަކު ވެސް މަޑުޖެހެނީ ސަރުކާރުގެ ސަބަބުން ކަމަށް ވިދާޅުވާ ވިދާޅުވުން ރޭ ވެސް ގާސިމް ތަކުރާރުކުރެއްވި އެވެ.

އެއަށް ފަހު ވިދާޅުވީ، ކުންފުންޏަށް ފައިދާވާނެ ގޮތަކަށް، ރަނގަޅު ޑީލަކާ އެކު އެއާޕޯޓު ސަރުކާރަށް ދޫކޮށްލުމަށް ހުށަހެޅީ އެތަން ހިންގުމުގައި މިހާތަނަށް ވިލާއާއިން ކޮށްފައިވާ މަސައްކަތްތަކާއި އެތަން ތަރައްގީކުރަން ކޮށްފައިވާ އިންވެސްޓުމަންޓުތަކާއި އެކިއެކި މަސައްކަތްތަކުގައި ހޭދަވި ހަރަދުތަކަށް ބަލާފަ ކަމަށެވެ.

އެގޮތުން ވިދާޅުވީ:

  • އެއާޕޯޓު ސަރުކާރަށް ދޫކޮށްލެވޭނެ ގޮތަކަށް ވިލާއިން ހުށަހެޅުމެއް ހުށަހެޅީ ގދ. އަތޮޅަށް ވެވަޑައިގެންނެވި އެއާޕޯޓުގެ ވައުދު ފުއްދޭނީ ވީހާ ވެސް އަވަހަކަށް އެތަން ސަރުކާރަށް ލިބިގެން ކަމަށްވުމުން

  • އޮންނަ އުސޫލުގެ ދަށުން އެ ހުށަހެޅުމަށް ސަރުކާރުގެ ފަރާތުން ކައުންޓާ އޮފާގެ ދެ އޮޕްޝަނެއް ވިލާއަށް ހުށަހެޅި

  • ވިލާއިން ވަނީ ކައުންޓާ އޮފާ ގަބޫލުކޮށް ގާނޫނީ ގޮތުން އެ އެއްބަސްވުމަށް ރުހުން އޮތްކަމަށް ބުނެފައި

"ރައީސް މުއިއްޒަކީ ޔާމީން ކަހަލަ ގާނޫނީ އިމުން ބޭރުން މީހުންގެ މުދާ ހިފައި އަނިޔާދޭ ޒާތުގެ ބޭފުޅަކަށް ނުވާތީ އެމަނިކުފާނުގެ ސަރުކާރުން އިސްކަންދެއްވީ ގާނޫނީ އިމުގެ ތެރެއިން އެއްބަސްވެވޭ އެދެވޭ ބަދަލެއް ދިނުމަށް ފަހު ވިލާ އެއާގެ އަތުން ކާޑެއްދޫ ސަރުކާރަށް ލިބޭނެގޮތަކަށް އަމަލުކުރެއްވުމެވެ،" ބަޔާނުގައިވެ އެވެ.

ގާސިމް ވިދާޅުވީ ވިލާއާ ބެހޭ ގޮތުން ޔާމީން އެރޭ ދެއްކެވި ވާހަކަފުޅަކީ ޒާތީ ހަސަދައިގައި ކުންފުނީގެ އަގުވައްޓާލައި އެ މައްސަލަ އޮޅުވާލުމަށް ދެއްކެވި ވާހަކަތަކެއް ކަމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި:

  • ވިލާ ކުންފުންނި އަދި އޭނާއާ މެދު ޔާމީންގެ ހިތުގައި އޮންނަ ގިލަންވެރިކަމުގައި އެބޭފުޅާގެ އަދި ކުންފުނީގެ އަގު ވައްޓާލަން އެފަދަ ކަންތައް ކުރައްވާތާ ކިތަންމެ ދުވަހެއް

  • ރޭގަނޑެއްގެ ދަންވަރު ކްރިމިނަލް ކޯޓު ހުޅުވައި އެބޭފުޅާ އައިސީޔޫގައި އޮންނަވަނިކޮށް ގާނޫނުއަސާސީއާ ހިލާފު ހުކުމެއް ކުރެއްވި އަދި ދަރިފުޅު ސިޔާދު ގާސިމް އެއްވެސް ހެއްކެއް ނެތި ފަސް މަސްދުވަހު ޖަލުގައި ބޭއްވި ބޭފުޅަކު، އަޅުގަނޑުގެ އާއިލާ އާއި އަޅުގަނޑާ މެދު ކޮށްފަ ނުކުރާނެ ކަމެއް ވެސް ނޭނގެ

  • ޔާމީންއަކީ މީހަކާ މެދު ނުރުހިއްޖެ ނަމަ އެމީހަކާ މެދު ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ ބޭފުޅެއް

"ތިމާ މީހަކަށް ހެދި އެއްބަފާ ބޭބެ އަދި ދިވެހި ގައުމަށް އެތަކެއް ހިދުމަތްތަކެއް 30 އަހަރު ކުރެއްވި ރައީސް މައުމޫން [އަބްދުލްގައްޔޫމް]އާ، މައުމޫންގެ ދޮށީ ދަރިކަލުން ފާރިސް [މައުމޫން] އާއި މައުމޫންގެ ދަނބިދަރިކަނލުން މުހައްމަދު ނަދީމް، ރޯދަމަހާ އެކު ނުވަ މަހަށް ވުރެ ގިނަ ދުވަހު ޖަލުގެ ތެރޭގައި އެއްވެސް ކުށެއްނެތި ގައިދުކުރި އިންސާނަކު އެނޫން ދުރުތިބީންނާއި އާންމުންނާ މެދު ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެކަން ދިވެހި ރައްޔިތުންނަށް އޮޅިފައެއް ނުވާނެ،" ގާސިމްގެ ބަޔާން ނިންމާލައްވަމުން ވިދާޅުވި އެވެ.

އެނގުން މުހިންމު - ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަގަން ބޭނުންވަނީ ގދ. އަތޮޅަށް ރައީސް މުއިއްޒު ވެފައިވާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވައުދު ފުއްދައިދިނުމަށެވެ. އެގޮތުން:

  • އެއާޕޯޓު ސަރުކާރަށް ދޫކޮށްލަން ވިލާއިން ހުށަހެޅީ 21 މިލިއަން ޑޮލަރުގެ ބަދަލެއް ލިބޭގޮތަށް 

  • އެކަމަކު ސަރުކާރުން ހުށަހެޅީ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ނުވަތަ 18 މަސް ދުވަހަށް ޓެކްސް ފައިސާ ދެއްކުމުގައި ލުއިގޮތްތަކެއް ހަދައިދިނުމަށް

ކާޑެއްދޫ އެއާޕޯޓު ހޯދަން ސަރުކާރުން ދެ ހުށަހެޅުމެއް ވިލާއަށް ހުށަހަޅާފައި އޮތްއިރު، މީގެ ތެރެއިން ހުށަހެޅުމެއް ބަލައިގަނެ ސަރުކާރަށް އެއާޕޯޓު ދޫކޮށްލަން އެއްބަސްވެފައިވާ ކަމަށް ގާސިމް މިރޭ ވިދާޅުވި އެވެ. އެކަމަކު އެބަސްވީ ކޮން ގޮތަކަށް ކަމެއް ހާމައެއް ނުކުރެ އެވެ. 

ފަސްމަންޒަރު - ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރީޖަނަލް އެއާޕޯޓު ކަމަށްވާ ކާޑެއްދޫ ތަރައްގީކޮށް، ހިންގަން ވިލާ އެއާއަށް 50 އަހަރަށް އެންމެ ފުރަތަމަ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2013ގަ އެވެ. އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން ރަސްމީކޮށް ފެށީ ޖެނުއަރީ 2014ގަ އެވެ. ނަމަވެސް:

  • އެ ސަރުކާރުން 2017ގައި އެ އެއާޕޯޓުގެ އެއްބަސްވުން ބާތިލްކޮށް ސަރުކާރަށް ނެގި

  • މޭ 2021ގައި ސުޕްރީމް ކޯޓުން އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ހުކުމްކުރި

  • ސުޕްރީމް ކޯޓުގެ ހުކުމާ އެކު ވިލާ އެއާއާ އަލުން އެ އެއާޕޯޓް ހަވާލުކުރި

އިތުރު އާޓިކަލް

އިތުރު އާޓިކަލް