ވޭޕާއި ޑްރަގް ވިއްކާ ކަމަށް ބުނާ ފުލުސް މީހާގެ މައްސަލާގައި ހައި ކޯޓުން ބޭއްވި އަޑުއެހުން -

ފުލުހުން

ވޭޕު މައްސަލާގައި ހައްޔަރުކުރުމުން ހުވާ ނުކުރާ ކަމަށް ބުނި ފުލުސް އޮފިސަރު އަލުން ހައްޔަރުކޮށްފި

އޭނާ އަލުން ހައްޔަރުކުރީ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ނިންމައި އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން ކުރި އަމުރާ ގުޅިގެން

ވޭޕް އާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން، ފުލުހުންގެ މަގާމުގެ ހުވާ ނުކުރާ ކަމަށް ބުނި ފުލުހުސް އޮފިސަރު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ. 

ވީ ކިހިނެއް؟ - އެ މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރީ ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހުމަދެވެ. އެގޮތުން:

  • އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރީ ވޭޕް ގެންގުޅޭ ކަމުގެ ތުހުމަތުގައި

  • ގދ. ތިނަދޫގައި އުޅޭ މީހުންނާއި ކުޑަކުދިންނަށް ވެސް ވޭޕް ވިއްކާ ކަމުގެ ތުހުމަތުކުރެވޭ

  • ގެ ބަލައި ފާސްކުރި އިރު 191.92 ގްރާމުގެ މަސްތުވާތަކެތި ވެސް ފެނިފައިވޭ

ތަފްސީލް - މި މައްސަލާގައި ސާޖިދު ހައްޔަރުކޮށްފައި ހުއްޓައި ތިނަދޫ މެޖިސްޓްރޭޓު ކޯޓުން  ދޫކޮށްލީ އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ. 

ސާޖިދު އަލުން ބަންދުކުރަން މިދިޔަ ބުރާސްފަތި ދުވަހު ތިނަދޫ ކޯޓުން ނެރުނު އަމުރުގައި ބަންދަށް 20 ދުވަސް ޖަހާފައިވެ އެވެ. އޭނާ ބަންދުކުރަން އެ ކޯޓުން އަމުރުކޮށްފައި މިވަނީ، ބަންދުން ދޫކޮށްލި ގޮތް ގޯސް ކަމަށް ކަނޑައަޅައި އަލުން ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ހައި ކޯޓުން ކުރި އަމުރަކާ ގުޅިގެންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި ސާޖިދު ވަނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ނަމަވެސް ފުލުހުންގެ ހުވާ ނުކިޔާ ކަމަށް ބުނެފަ އެވެ.

އެ މައްސަލާގައި ހައި ކޯޓުން މިމަހުގެ 13 ވަނަ ދުވަހު ކުރި ހުކުމްގައި ބުނީ، ސާޖިދު ދޫކޮށްލުމަށް ތިނަދޫ މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށެވެ.

ހައި ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ:

  • ވަޒީފާ އަދާކުރުމަށް ކުރަންޖެހޭ ހުވާގެ ރަސްމިއްޔާތުގައި ސާޖިދުގެ ދުލުން ހުވާ ނުކިޔާ ހުރި ކަމަށް ހައި ކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި ބުނެފައިވަނީ އަދުލުއިންސާފުގެ ތަސައްވުރަށް އެއްވެސް ޖެހިލުމެއް، ފަރުވާލެއް ނެތި

  • ޝަރީއަތުގެ އަޑުއެހުމުގައި، ހުވާ ނުކޮށް މުސާރަ ލިބުމުގައި ގޯހެއް އޮތް ކަމަށް ނުދެކޭ ކަމަށް ބެލެވޭ ބީދައިން ސާޖިދު ވާހަކަ ދެއްކި

  • މިއީ މާތްﷲ ގަންދީ ހުވާކުރުމާ ގުޅޭ ގޮތުން ކަންވެގެންވާނެ ގޮތް ނުވަތަ ޝަރީއަތުގައި އެފަދަ ހުވައަކާ މެދު އެއްވެސް މީހެއްގެ ބަސްމަގު ހުންނަންވާނެ ގޮތް ކަމަށް ނުދެކެން

  • ދައުލަތުގެ ވަޒީފާ އާއި މަގާމުތަކަށް ހޮވޭ މީހުންގެ ފަރާތުން ވަޒީފާގެ ހައިސިއްޔަތުން ކުރަން ޖެހޭ ހުވަ އާއި ހުވާގެ އިގުރާރުގައި ސޮއިކުރުމުގެ ގާނޫނީ ނަތީޖާ ސާފުވާގޮތަށް ނިޒާމު ހަރުދަނާ ކުރަންޖެހޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް