ހަމަނުޖެހުން ހިންގަން ހިތްވަރުދޭ ގޮތަށް ޕޯސްޓެއް ކުރި އަލީ އާނިމް މުފީދު

ފުލުހުން

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ތުހުމަތު އޮތް އާނިމް ކޯޓުން ދޫކޮށްލައިފި

އާނިމް މުފީދު ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލާ ގުޅިގެން ނޫސްވެރިން ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމުގެ ތުހުމަތުގައި
21 އޯގަސްޓު 2025

މީޑިއާގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ނޫސްވެރިން ހަމަނުޖެހުން ހިންގަން ހިތްވަރުދޭ ގޮތަށް ޕޯސްޓެއް ކުރި ކަމަށް ބުނެ ރޭ ހައްޔަރުކުރި މީހާ މިއަދު ކޯޓުން ދޫކޮށްލައިފި އެވެ. 

ވީ ކިހިނެއް؟ - އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ހައްޔަރުކުރީ އަލީ އާނިމް މުފީދު، 29، އަތަމާވިލާ/ސ. ހިތަދޫ އެވެ. 

ފުލުހުން މިއަދު ބުނީ އޭނާ ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ކަމަށެވެ. 

ތަފްސީލް - ފުލުހުން ބުނީ އޭނާގެ މައްޗަށް ކުރަނީ:

  • ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު - ޓީވީ، ރޭޑިއޯ އަދި އިންޓަނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މައުލޫމާތު ފެތުރުން - 10 ވަނަ މާއްދާގެ (ހ)؛ ގާނޫނުގެ 8 ވަނަ މާއްދާ އާއި 9 ވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ޓީވީ ނުވަތަ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކުރުމުގެ ކުށް

  • ގާނޫނުލްއުގޫބާތު - އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލުކުރުން - 615 ވަނަ މާއްދާގެ (ހ)ގެ 6 ވަނަ ނަންބަރު؛ އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގި ހުރެ، ޖާއިޒު މަގްސަދެއްގައި ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި ނުވަތަ މާއްދީ ގޮތުން ހުތުރު ނުވަތަ މީހުން ބިރުގަންނަ ފަދަ ހާލަތެއް އުފެއްދުން

  • ގާނޫނުލްއުގޫބާތު - ކުށެއް ކުރަން އުޅުން - 80 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރު؛ ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުން

ފާހަގަކޮށްލެވޭ ކަމެއް - ސަރުކާރަށް މީޑިއާތަކުގެ ކޮންޓްރޯލް ލިބޭ ގޮތަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު'ގެ ނަމުގައި މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ބިލެއް ހުށަހެޅުއްވީ، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ. އެކަމަކު އެއީ ސަރުކާރު އަޑީގައި އޮވެގެން ކުރި ކަމެއް ކަމަށް، މައުލޫމާތު ހުރި މީހުން ބުނެ އެވެ. އެގޮތުން:

  • މި ބިލު ތައްޔާރުކުރުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ނާޒިމް ވަނީ ވިދާޅުވެފައި

  • މީގެ ކުރިން ވެސް ހަންނާން މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި. ނަމަވެސް އެ ފަހަރު ވެސް ނޫސްވެރިންގެ އިހުތިޖާޖުތަކާ އެކު ޕްރެޝަރު ބޮޑުވެ ބިލު އަނބުރާ ގެންދެވި

  • ހަންނާނަކީ މަޖިލީހުގައި އަމިއްލަ ގޮތުން އިންނެވި މެންބަރަކަށް ވީ ނަމަވެސް ގިނަ ވޯޓުތައް އޭނާ ދެއްވަނީ ސަރުކާރުން ބޭނުންވާ ގޮތަށް

އެ ބިލުގައި ހުރި ނުރައްކާތަކުގެ ސަބަބުން ނޫސްވެރިން ދަނީ އެކަމާ އިހުތިޖާޖުކޮށް، އެ ބިލާ ދެކޮޅަށް ބޮޑު ކެމްޕެއިނެއް ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް