އއ. އަތޮޅު ކައުންސިލުގެ އެސްޖީ މުހައްމަދު ޝަފީގު

އއ. އަތޮޅު ކައުންސިލުގެ އެސްޖީ ސަސްޕެންޑުކޮށްފި

އއ. އަތޮޅުގެ އެމްޑީޕީގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ އަދި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ޝަފީގު ސަސްޕެންޑުކުރީ ރައީސް މުއިއްޒު އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔާ ޕޯސްޓުތަކެއް ކުރައްވާފައި ވަނިކޮށް

ވަކި ސަބަބެއް އެންގުމެއް ނެތި އއ. އަތޮޅު ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) ސަސްޕެންޑުކޮށްފި އެވެ.

ވީ ކިހިނެއް؟ - އއ. އަތޮޅުގައި އެމްޑީޕީން ހިންގާ ކެމްޕެއިންތަކުގައި ވެސް އިސްކޮށް އުޅުއްވާ މުހައްމަދު ޝަފީގު އެ މަގާމުން ސަސްޕެންޑުކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާއަށް ފޮނުވާފައިވާ ސަސްޕެންޝަން ސިޓީގައިވާ ގޮތުން:

  • އޭނާ ސަސްޕެންޑުކުރީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުސާރަ ލިބޭ ގޮތަށް

  • އެކަމަކު ސަސްޕެންޑުކުރަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ބުނެފައެއް ނުވޭ 

  • އެ ލިއުމުގައި ހަމައެކަނި އޮތީ ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާތީ

ބުނީ ކީކޭ؟ - މަގާމުން ސަސްޕެންޑުކުރުމާ ގުޅޭ ގޮތުން ޝަފީގު މިއަދު 'ދައުރު'އަށް ވިދާޅުވީ، މަގާމުން ސަސްޕެންޑުކުރިކަން އެނގިވަޑައިގަތީ އޮފީހުގައި ހުންނަވަނިކޮށް ކަމަށާއި އޭނާއަށް ފޮނުވި ލިއުމުގައި އެ ދުވަހުން ފެށިގެން އޮފީހަށް ނުނުކުތުމަށް އަންގާފައިވާ ކަމަށެވެ. އެކަމަކު އެ ފިޔަވަޅު އެޅި ސަބަބެއް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވި ގޮތުން، އޭނާއާ މެދު އެޅި ފިޔަވަޅަކީ ސީދާ ސިޔާސީ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ގަބޫލުކުރެވެ އެވެ. އެކަމަކު އޭނާ ސިޔާސީ ގޮތުން ސަރުކާރާ ތަފާތު ހިޔާލެއް ގެންގުޅުއްވިޔަސް ސިޔާސީ މަސައްކަތް ކުރައްވަނީ ރަސްމީ މަސައްކަތުން ބޭރުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކީ އެމްޑީޕީގެ ކެމްޕެއިންތަކުގައި އެންމެ އިސްކޮށް އުޅޭ ފަރާތް. މީގެ ކުރިން އެމްޑީޕީގެ އަތޮޅު ކައުންސިލުގެ ރައީސްކަމާއި މެމްބަރުކަން ވެސް ކުރެއްވިން. އެކަމަކު އެ މަަސައްކަތް އަޅުގަނޑު ކުރަނީ ރަސްމީ މަސައްކަތުން ބޭރުން. ސޯޝަލް މީޑިއާގައި އަޅުގަނޑު ޕޯސްޓުކުރަނީ ވެސް މަސައްކަތު ގަޑިން ބޭރުން، އެހެންވީމާ މީގަ ފިޔަވަޅު އަޅަންޖެހޭ ސަބަބެއް ނެތް،" ޝަފީގު ވިދާޅުވި އެވެ.

ފާހަަގަކޮށްލެވޭ ކަމެއް - 2021 ވަނަ އަހަރުން ފެށިގެން އެ މަގާމު އަދާކުރައްވަމުން ގެންދަވާ ޝަފީގު މަގާމުން ސަސްޕެންޑުކޮށްފައިވާއިރު، މިހާރު ރައީސް މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް ސަރުކާރަށް ފާޑުކިޔާ ސޯޝަލް މީޑިއާގައި އޭނާ ޕޯސްޓުތަކެއް ކުރައްވާފައިވެ އެވެ.

އެކަމަކު އެ ފިޔަވަޅު އެޅީ ސީދާ އެކަމާ ގުޅިގެން ކަމެއް ނޭނގެ އެވެ. މީގެ ކުރިން ސަރުކާރާ ދެކޮޅަށް އޭނާ ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރައްވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް