ވިލާ ކޮލެޖުގެ އޮފިޝަލުން. (ފޮޓޯ/ވިލާ ކޮލެޖު)

ވިލާ ކޮލެޖު

ވިލާ ކޮލެޖުން ގާނޫނީ ދާއިރާގެ 3 މާސްޓާސް ޕްރޮގްރާމެއް ތައާރަފްކޮށްފި

ވިލާ ކޮލެޖުގެ މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ އިންޓޭކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 3ގެ ނިޔަލަށް ވަނީ ހުޅުވާލާފައި
20 އޯގަސްޓު 2025

ވިލާ ކޮލެޖުން މާސްޓަ އޮފް ލޯ (އެލްއެލްއެމް)ގެ ތިން ޕްރޮގްރާމެއް އަންނަ މަހުގެ އިންޓޭކަށް ތައާރަފްކޮށްފި އެވެ.

ވީ ކިހިނެއް؟ - ވިލާ ކޮލެޖުގެ މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ އިންޓޭކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 3ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ތަފްސީލް - މި ޕްރޮގްރާމްތަކަކީ:

  • ކޯޕަރޭޓް ގަވަނަންސް

  • އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން

  • އިސްލާމިކް ފައިނޭންސްގެ ދާއިރާތަކުން ގާނޫނީ މާހިރުން އުފެއްދުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް

މި ޕްރޮގްރާމްތަކުގެ މައިގަނޑު މަގްސަދަކީ، ވިލާ ކޮލެޖުން ބުނި ގޮތުގައި، ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅުންނަށް، ވަކިވަކި ދާއިރާތަކުން ހާއްސަވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

އެލްއެލްއެމް އިން ކޯޕަރޭޓް ގަވަނަންސް

މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ކޯޕަރޭޓް ގާނޫނުތަކާއި އެ ގާނޫނުތައް އަމަލީ ގޮތުން ބޭނުންކުރުމާއި ކޮމްޕްލަޔަންސްގެ ދާއިރާއިން ދަރިވަރުންގެ ގާބިލްކަން އިތުރުކުރުމަށެވެ.

މީގެ މައިގަނޑު މަގްސަދަކީ ކޯޕަރޭޓް ދާއިރާގައި ކާމިޔާބު ކެރިއަރެއް ބިނާކުރުމަށް ބޭނުންވާނެ ހުނަރުތައް ދަރިވަރުންނަށް ހޯދައިދިނުމެވެ.

ޕްރޮގްރާމްގެ މޮޑިއުލްތަކުގެ ތެރޭގައި ހިމެނޭ މުހިންމު މާއްދާތަކަކީ:

  • ޓްރާންސްނޭޝަނަލް ކޯޕަރޭޓް އެންޑް ކެޕިޓަލް މާކެޓްސް ލޯ 

  • އިންޓަނޭޝަނަލް ކޮމާޝަލް ލޯ 

  • ދަ ޕްރިންސިޕަލްސް އެންޑް ޕްރެކްޓިސަސް އޮފް ކޯޕަރޭޓް ގަވަނަންސް

އެލްއެލްއެމް އިން އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން

މި ޕްރޮގްރާމަކީ ދެބަސްވުންތައް ހައްލުކުރުމުގެ ހުނަރުތައް، ހާއްސަކޮށް ކޯޓުން ބޭރުގައި މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން އިތުރުކުރުމަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ.

އާބިޓްރޭޓަރުންނާއި މީޑިއޭޓަރުންނާ އަދި ނެގޯޝިއޭޝަން ވަކީލުންގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ އިލްމާއި ހުނަރު މި ޕްރޮގްރާމުން ލިބޭނެ އެވެ.

ކިޔަވައިދެވޭ މޮޑިއުލްތަކުގެ ތެރޭގައި ހިމެނޭ މާއްދާތަކަކީ:

  • ޕަބްލިކް އިންޓަނޭޝަނަލް ލޯ

  • ނެގޯޝިއޭޝަން އެންޑް މީޑިއޭޝަން 

  • އިންޓަނޭޝަނަލް ޑިސްޕިއުޓް ސެޓަލްމަންޓް

އެލްއެލްއެމް އިން އިސްލާމިކް ފައިނޭންސް

އެލްއެލްއެމް އިން އިސްލާމިކް ފައިނޭންސް ޕްރޮގްރާމަކީ، އިސްލާމީ މާލީ މުއާމަލާތްތަކާއި ވިޔަފާރީގެ ގާނޫނީ އުސޫލުތަކަށް އަހުލުވެރި، އަމަލީ ތަޖުރިބާ ލިބިފައިވާ ގާނޫނީ މާހިރުން އުފެއްދުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ އެންމެ ހާއްސަ ކަމަކީ، އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެއިފް) ޔުނިވަސިޓީގެ ތިން މައިކްރޯ-ކްރެޑެންޝަލް މޮޑިއުލް ހިމެނުމެވެ.

މައިކްރޯ-ކްރެޑެންޝަލްއަކީ ވަކި ހުނަރެއް ނުވަތަ ގާބިލްކަމެއް ލިބިފައިވާކަން އަންގައިދޭ، ކުރު މުއްދަތެއްގެ ހާއްސަ ކޯހެކެވެ. އެގޮތުން:

  • ޝަރީއާ އެސްޕެކްޓްސް އޮފް ބިޒްނަސް އެންޑް ފައިނޭންސް، އިސްލާމިކް ބޭންކިން ޕްރެކްޓިސަސް އަދި ރިސްކް މެނޭޖްމަންޓް އިން ބޭންކްސް މޮޑިއުލް ފުރިހަމަކުރާ ދަރިވަރުންނަށް އިންސެއިފްގެ ޕްރޮފެޝަނަލް ސެޓްފިކެޓް ދޭނެ 

  • މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަކީ އަމަލީ އަދި ދާއިރާއާ ގުޅުންހުރި ހުނަރުތައް ލިބިފައިވާ، ބައިނަލްއަގްވާމީ ފެންވަރުގައި ގަބޫލުކުރެވޭ، އިސްލާމިކް ފައިނޭންސްގެ މާކެޓުގައި ވާދަވެރި، ގާބިލް ބަޔަކަށް ވާނެ

މި ތިން ޕްރޮގްރާމަށް ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަދި ރާއްޖޭގެ ބާ ކައުންސިލްގެ އެކްރެޑިޓޭޝަން ލިބިފައިވެ އެވެ. އަދި މި ތިން ޕްރޮގްރާމް އޮންލައިންކޮށް ވެސް ކިޔެވޭނެ އެވެ.

ބުނީ ކީކޭ؟ - "ރާއްޖޭގެ އިގްތިސާދީ އަދި ގާނޫނީ މާހައުލު ބަދަލުވަމުން އަންނައިރު، ހާއްސަ ދާއިރާތަކުން ތަމްރީނުވެފައިވާ ޕްރޮފެޝަނަލުންނަށް އޮތް ޑިމާންޑް ދަނީ އިތުރުވަމުން. އަޅުގަނޑުމެން މި ތައާރަފްކުރި ތިން ޕްރޮގްރާމަކީ، މި ބޭނުންތަކަށް ޖަވާބުދިނުމުގެ ގޮތުން ފަރުމާކުރެވިފައިވާ ޕްރޮގްރާމްތަކެއް،" ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން އަސްނާ އަހުމަދު ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ގާނޫނީ ތައުލީމުގެ ފަލްސަފާއަކީ، އެ ކޮލެޖުން ބުނި ގޮތުގައި، ޒަމާނީ، ފުޅާ އަދި ކުރިމަގަށް އަމާޒުކުރެވިފައިވާ ފަލްސަފާއެކެވެ. މި ޕްރޮގްރާމްތައް ފަރުމާކުރެވިފައިވަނީ، އެ ތަނުން ބުނި ގޮތުގައި، ތިއަރީ އާއި އަމަލީ މަސައްކަތް ގުޅުވައިދޭ އަދި އެންމެ ފަހުގެ ދިރާސާތަކުގެ އަލީގައި، ދަރިވަރުންނަށް ފުރިހަމަ ގާނޫނީ ތައުލީމެއް ފޯރުކޮށްދިނުމަށެވެ.

"މި ޕްރޮގްރާމްތައް ފުރިހަމަކުރާ ދަރިވަރުން ވެގެންދާނީ ރާއްޖޭގެ ކޯޕަރޭޓް ދާއިރާ ހަރުދަނާކޮށް، ވިޔަފާރީގެ ދެބަސްވުންތައް ހަލުވިކަމާ އެކު ހައްލުކޮށް އަދި އިސްލާމީ މާލީ ދާއިރާއަށް ގާނޫނީ ލަފާ ދެވޭނެ ފަދަ ގާބިލް ލީޑަރުންނަށް. މިއީ ވިލާ ކޮލެޖުން ގައުމީ ތަރައްގީއަށް ފޯރުކޮށްދޭ އިލްމީ ހިއްސާގެ މުހިންމު ބައެއް،" ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް