އޮޅުވާލައިގެން އެކި ގޮތްގޮތަށް، އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވޭ

މަކަރާއި ހީލަތް

ކްރިޕްޓޯކަރަންސީގެ އާ ސްކޭމެއްގައި 2.9 މިލިއަން ރުފިޔާގެ މާލީ ގެއްލުން ދީފި

ފައިސާ ގަނެވިއްކުމުގެ މުއާމަލާތެއް ހިންގާ ކަމަށް ދައްކައިގެން ހިންގާ މި ސްކޭމްގައި މައިގަނޑު ގޮތެއްގައި ލަނޑު ދެނީ ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތް ކުރާ ޗައިނާ މީހުންނަށް
19 އޯގަސްޓު 2025

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށް، ކްރިޕްޓޯކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން މަކަރާއި ހީލަތުން އެކި މީހުންނަށް ޖުމްލަ 2.9 މިލިއަން ރުފިޔާގެ މާލީ ގެއްލުން ލިބުނު މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލަތަކުގައި މަކަރާއި ހީލަތް ހަދާ މީހުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތް ކުރާ ޗައިނާ މީހުންނަށް ކަމަށެވެ.

ތަފްސީލު - އެ މީހުން މި ސްކޭމް ހިންގާ ގޮތް ހާމަކޮށް ފުލުހުން ބުނިގޮތުގައި:

  • މަކަރު ހަދާ މީހުން ފުރަތަމަ ގުޅަނީ ރާއްޖޭގައި ކްރިޕްޓޯކަރަންސީ ވިއްކާ މީހުންނަށް (ހާއްސަކޮށް ޔޫއެސްޑީޓީ ވިއްކާ މީހުންނަށް)

  • ޔޫއެސްޑީޓީ ވިއްކާ މީހުންނަށް ވެސް އޮޅުވާލައިގެން، ރަނގަޅު ރޭޓެއްގައި ބޭރު ފައިސާ (ޗައިނީޒް ޔުއާން) ގަނެވިއްކުމުގެ މުއާމަލާތެއް ހުށަހަޅާ

  • މި މަރުހަލާގައި ފައިސާ ޓްރާންސްފާ ކުރަން ޔޫއެސްޑީޓީ ވިއްކާ މީހާއަށް ހުށަހަޅަނީ ވަކި ޑިޖިޓަލް ވޮލެޓް އެޑްރެހެއް

  • އެއަށްފަހު ހަމަޖައްސަނީ ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ގެންގުޅޭ ބޭރު ގައުމެއްގެ މީހަކު ޔޫއެސްޑީޓީ ވިއްކާ މީހާއާ ބައްދަލުކުރަން

  • ބިދޭސީ މީހާ މި މުއާމަލާތުގައި ބައިވެރިވަނީ އޭނާގެ އަތުގައި ހުންނަ ދިވެހި ފައިސާގެ ބަދަލުގައި އޭނާގެ ބޭންކް އެކައުންޓަށް ބޭރު ފައިސާ ޖަމާކުރެވޭނެ ކަމަށް ގަބޫލުކޮށްގެން

  • މި ދެ މީހުން ބައްދަލުކުރުމަށް ފަހު ބިދޭސީ މީހާ ޔޫއެސްޑީޓީ ވިއްކާ މީހާއާ ނަގުދު ފައިސާ ހަވާލުކުރޭ؛ އަދި އެއަށްފަހު ޔޫއެސްޑީޓީ ވިއްކާ މީހާ އެއާ އެއްވަރަށް ޔޫއެސްޑީޓީ ޓްރާންސްފާ ކުރޭ (މަކަރު ހަދާ މީހާ ކުރިން ދިން ވޮލެޓް އެޑްރެހަށް)

  • އެ ދެ މީހުންގެ މެދުގައި ހިލާފު އުފެދެނީ ބިދޭސީ މީހާގެ ބޭންކް އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާނުވާ ހިސާބުން

  • ނަގުދު ފައިސާގެ މިލްކުވެރިކަމާ މެދު ސުވާލު އުފެދި، އެކަކު އަނެކަކަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާ

ސްކޭމްތަކުގެ މައުލޫމާތު ފުލުހުންގެ 3322111 ނަންބަރު ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރު 911 އަށް ގުޅައިގެން ހިއްސާކުރެވޭނެ.

ފުލުހުން އަންނަނީ މި މައްސަލަތައް ތަހުގީގުކުރަމުންނެވެ. އަދި ކްރިޕްޓޯކަރަންސީ އާއި ފައިސާ ގަނެވިއްކުމުގެ އެހެނިހެން މުއާމަލާތްތަކުގައި ވެސް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"މީހަކާ އެކު މާލީ މުއާމަލާތެއް ކުރާ ނަމަ، އެ މީހަކީ ކާކުކަން އަބަދުވެސް ކަށަވަރު ކުރާށެވެ. ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ ގުޅުވައިދޭން މަސައްކަތްކުރާ ނުދަންނަ، ތިންވަނަ ފަރާތްތަކަށް އިތުބާރު ނުކުރާށެވެ. ތިމާ ގާތުގައި ނެތް، ނުދަންނަ އެހެން މީހެއްގެ އެކައުންޓަކަށް ނުވަތަ ވޮލެޓްތަކަށް ފައިސާ ނުވަތަ ކްރިޕްޓޯކަރަންސީ ފޮނުވުމަށް އެއްބަސްނުވާށެވެ،" ފުލުހުންގެ ނޫސް ބަޔާނުގައިވެ އެވެ.

ގުޅުންހުރި - ފުލުހުންގެ ބަޔާނާ ގުޅިގެން ޗައިނާ އެމްބަސީއިން ވެސް ވަނީ ރާއްޖޭގައި އުޅޭ ޗައިނާ ރައްޔިތުން މިފަދަ ސްކޭމްތަކަށް ސަމާލުވާން އެދި ބަޔާނެއް ނެރެފަ އެވެ.

މީގެ އިތުރުން މި މައްސަލަތަކާ ގުޅޭ ހަބަރު، ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ކަމަށްވާ ބައިނޭންސްގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް