ހޯޕް ޓްރެވަލްސްގައި ލޯންޗު ފެެރީ ހިދުމަތައް ބޭނުންކުރާ ލޯންޗެއްް؛ މި ވިޔަފާރި މީރާގައި ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހިންގާފައިވާ ކަމަށް މީރާއިން ތުހުމަތުކުރޭ

މީރާ

ޓެކުހަށް މަކަރު ހަދާ ކަމަށް ބުނެ ލޯންޗް ފެރީ ދުއްވާ ހޯޕް ޓްރެވަލްސްއަށް ދައުވާކުރަނީ

މީރާއިން ބުނީ އެ ވިޔަފާރީއަށް ލިބިފައިވާ އާމްދަނީގެ ތެރެއިން 54 މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި ތިން މިލިޔަނަށް ވުރެ ގިނަ ރުފިޔާ މީރާއަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް

ޓެކުހަށް މަކަރު ހަދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އަތޮޅުތަކަށް ލޯންޗު ފެރީގެ ހިދުމަތްދޭ 'ހޯޕް ޓްރެވަލްސް'ގެ މައްޗަށް ދައުވާކޮށްދޭން އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރަޓީ (މީރާ) އިން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ށ. އަދި ނ. އަތޮޅުގެ ރަށްތަކަށް ލޯންޗު ފެރީގެ ހިދުމަތްދޭ ފަރާތެއް ކަމުގައިވާ ހޯޕް ހޯލްޑިންގްސް ވިޔަފާރިން ގަސްދުގައި ޓެކުހަށް މަކަރުހެދިކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް މީރާއިން ހުށަހެޅީ އިއްޔެ އެވެ.

މި މައްސަލައިގެ ތަހުގީގުގައި މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރިއާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓާ އެ ފަރާތުގެ އޮފީސް ބަލައި ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ކުށުގެ ތުހުމަތުގައި މީހުން ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.

މި މައްސަލައިގައި ދައުވާކޮށްދޭން އެދުނީ:

  • ހޯޕް ހޯލްޑިންގްސް ވިޔަފާރީގެ މައްޗަށް 

  • އެ ވިޔަފާރީގެ އެއް ޕާޓްނަރު ކަމުގައިވާ ޝަހުދު އިބްރާހީމް މަނިކުގެ މައްޗަށް 

  • ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތެއް ކަމުގައިވާ މުހައްމަދު އަލީގެ މައްޗަށް 

ތަފްސީލް - މީރާއިން ބުނީ މި މައްސަލަ ތަހުގީގުކުރަން ފެށީ 2020ވަނަ އަހަރުގެ ޖުލަ މަހުން ފެށިގެން 31 މޭ 2023ގެ ނިޔަލަށް ހޯޕް ހޯލްޑިންގްސްއިން މީރާއަށް ހުށަހަޅައިފައިވާ ޖީއެސްޓީ ބަޔާންތަކާއި ޓެކްސް އަހަރު 2020 އަދި 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައިފައިވާކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައިކަމަށް ބެލެވިގެން ކަމަށެވެ.

މީރާއިން ބުނިގޮތުގައި:

  • ހޯޕް ހޯލްޑިންގްސް ޕާޓްނާޝިޕް ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައި ވީނަމަވެސް، އެ ވިޔަފާރީގެ ދަށުން ހިންގާ "ހޯޕް ޓްރެވަލްސް" ހަރަކާތް މީރާގައި ރަޖިސްޓަރީނުކޮށް ގިނަ ދުވަސްތަކަކަށް ހިންގާފައިވޭ

  • މި ވިޔަފާރި ހަރަކާތް ހިންގައިގެން ލިބިފައިވާ ޖުމުލަ އާމްދަނީގެ 89 އިންސައްތަ މީރާއަށް ހުށަހަޅައިފައިވާ ޖީއެސްޓީ ބަޔާންތަކުގައި ހިމަނައިފައެއް ނުވޭ 

  • އެ ވިޔަފާރީއަށް ލިބިފައިވާ އާމްދަނީގެ ތެރެއިން 54 މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި ތިން މިލިޔަނަށް ވުރެ ގިނަ ރުފިޔާ މީރާއަށް ރިޕޯޓުކޮށްފައި ނުވޭ 

  • ޓެކްސް އަހަރު 2020 އަދި 2021 އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 29 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހިމަނައިފައިނުވާކަން މީރާގެ ތަހުގީގަށް ހޯދިފައިވޭ

ޓެކުހާ ގުޅޭ މި ފަދަ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ފާހަގަކުރެވޭ ފަރާތްތަކާމެދު އަމަލުކުރާނޭ ގޮތް އެކަށައެޅުމަށްޓަކައި އެކުލަވައިލައިފައިވާ މީރާގެ "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ"ގެ ދަށުން އެ ވިޔަފާރީއާމެދު ފިޔަވަޅު އަޅަމުންދާނެކަމަށް މީރާއިން ބުންޏެވެ.

އެނގުން މުހިންމު - ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ. 

ކޮމެންޓް (1)

ޓެކްސްދައްކާ

18 އޯގަސްޓު 2025
ޓެކްސްދައްކާ ފަރާތްތަކަށް އިންސެންޓިވްސް ލިބޭނެ މަގުތައް ފަހިކުރުމަކީ ކޮންކަހަލަ ކަމެއް؟ ގިނަވިޔާފާރިތަކުން ދައްކާނެތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް