ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ރާއްޖެއާ ރަސްމީކޮށް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)
ތުރުކީން ހަދިޔާކުރި މިސައިލް ފޮނުވާ މަނަވަރު ރާއްޖެއާ ހަވާލުކޮށްފި
ތުރުކީން ރާއްޖެއަށް ހަދިޔާކުރި މިސައިލް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު ރޭ ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.
ވީ ކިހިނެެއް؟ - 'ދަރުމަވަންތަ'ގެ ނަން ދީފައިވާ މަނަވަރު ހަވާލުކުރީ، ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ރައީސް މުހައްމަދު މުއިއްޒާ އެކު ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި:
-
ރައީސް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ދިފާއީ ވަޒީރު މުހައްމަދު ގައްސާން މައުމޫން
-
ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ
މި މަނަވަރު ހަވާލުކޮށްދެއްވީ:
-
ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކާދިރް ޔިލްޑްޒް
-
އެމްއެންޑީއެފްގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތީ ހިލްމީ
ރޭގެ ރަސްމިއްޔާތުގައި:
-
ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ މުއިއްޒު ވަނީ ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރުގެ ނަން އިފްތިތާހުކޮށްދެއްވައި މަނަވަރުގެ ހިދުމަތް ފެށުމުގެ ލިޔުމާއި ރާއްޖޭގެ ގައުމީ ދިދަ ހަވާލުކޮށްދެއްވާފައި
-
މި ރަސްމިއްޔާތުގައި މަނަވަރާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެއްވި
-
ރައީސް ވަނީ މަނަވަރު ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައި
ތަފްސީލް - ރާއްޖެ-ތުރުކީ ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހަދިޔާކުރީ މިސައިލު ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެކެވެ.
މިއީ ރާއްޖޭގެ ތާރީހުގައި އަސްކަރިއްޔާއަށް އިތުރުކުރި އެންމެ ބޮޑު އުޅަނދެވެ.
ތުރުކީން ވަނީ އެ މަނަވަރުގައި މަސައްކަތްކުރާ ދިވެހި ސިފައިން ތަމްރީންކުރަން މިދިއަ އޭޕްރީލް އާއި މޭ މަހު އެ ގައުމުގައި ތަމްރީން ޕްރޮގްރާމެއް ވެސް ހިންގައިފަ އެވެ.
ތުރުކީން ހަދިޔާކުރި މަނަވަރާ ބެހޭ:
-
އެ ބާވަތުގެ މިސައިލް ބޯޓުތައް ނުވަތަ މަނަވަރު ތުރުކީގެ އަސްކަރިއްޔާގައި ބޭނުންކުރަން ފެށީ 1984ގައި
-
މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާ އެކު ތުރުކީ ކަނޑުގެ ސިފައިން ބޭނުންކުރަން ފެށި ފުރަތަމަ ބާވަތުގެ މަނަވަރު
-
މިދިޔަ އަހަރުން ފެށިގެން ތުރުކީ އަސްކަރިއްޔާއިން އެ މަނަވަރުތައް ބޭނުން ކުރަމުން ގެންދަނީ ތަފާތު ހަތިޔާރުތައް ޓެސްޓްކުރުމާއި ތަމްރީންތަކުގައި