އދ. މާމިގިލީގެ މަގު ހެދުމުގެ މަސައްކަތުގައި ބޭނުންކުރި ބައެއް ސާމާނު

އދ. މާމިގިލި

މާމިގިލި މަގު ހަދާ ޗައިނާ ގްރޫޕު ޗުއްޓީއަށް ގޮސް 'ގެއްލިއްޖެ'

މާމިގިލީގެ މަގު ހެދުމުގެ މަޝްރޫއު 2 އަހަރުން ނިންމާ ގޮތަށް އާރުޑީސީއާ ހަވާލުކުރީ 2020ގައި. ނަމަވެސް އެ މަސައްކަތް 5 އަހަރަށް ދިގުލައިގެން ގޮސް، އާންމުންނަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައި

އދ. މާމިގިލީ މަގު ހެދުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ހަވާލުކޮށްފައިވާ ޗައިނާގެ ހުނާން ނަންބަރު 6 ކުންފުނިން ޗައިނީޒް ނިއު އިޔާ ފާހަގަކުރަން ދިޔަ ގޮތަށް އެނބުރި ނާންނާތީ އެ މަޝްރޫއު މަޑުޖެހިއްޖެ އެވެ.

އެނގުން މުހިންމު - މާމިގިލީގެ މަގުތައް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2018 ވަނަ އަހަރު އެވެ. އެއަށް ފަހު މިދިޔަ އެމްޑީޕީގެ ސަރުކާރުން ޑިސެމްބަރު 2020ގައި އެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ވަނީ ހަވާލުކޮށްފަ އެވެ. އެއީ:

  • 95 މިލިއަން ރުފިޔާގެ އަގަކަށް، 2 އަހަރުގެ ތެރޭގައި ނިންމާ ގޮތަށް

  • އެ މަޝްރޫއުގެ ދަށުން 6 މަގު ހަދާނެ؛ އެއީ ޖުމްލަ 4.8 ކިލޯމީޓަރު

އާރުޑީސީއާ ހަވާލުކުރި ފަހުން އަންނަ މަހު ފަސް އަހަރު ހަމަވާއިރު، އަދިވެސް އެ މަޝްރޫއު އޮތީ ނުނިމި އެވެ.

އދ. މާމިގިލި މަތިން. (ފޮޓޯ/ ވިލާ އިންޓަނޭޝަނަލް އެއާޕޯޓް މާމިގިލި)

ބުނީ ކީކޭ؟ - މާމިގިލިން 'ދައުރު'އާ ވާހަކަދެއްކި މީހަކު ބުނީ އެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ކުރާ ޗައިނާގެ ހުނާން ނަންބަރު 6 ކުންފުނީގެ މުވައްޒަފުން ޗައިނީޒް ނިއު އިޔާއަށް ދިޔަ ގޮތަށް އެނބުރި ނާންނަ ކަމަށެވެ.

"އެ މީހުން ދިޔައީ އެ ކުންފުންޏަށް ދޭންޖެހޭ ފައިސާ ނުދައްކައިގެން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން އެއީ 200،000 ޑޮލަރު [ތިން މިލިއަން ރުފިޔާ]. އެ މީހުން ތިބީ 100،000 ޑޮލަރު ދިނަސް މަސައްކަތް ކުރާ ގޮތަށް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން އެ މީހާ ބުންޏެވެ.

ހުނާންގެ މުވައްޒަފުން އަނބުރާ ދިޔައީ އެ މަސައްކަތުގައި ބޭނުންކުރި މެޝިނަރީތައް ވެސް ދޫކޮށްލާފަ އެވެ. އޭގެ ތެރެއިން ގިނަ އުޅަނދުތައް ހުރީ، އެނގިފައިވާ ގޮތުގައި ބޭނުންނުކުރެވޭ ހާލަތުގަ އެވެ.

އޭނާ ބުނީ އެ މަޝްެރޫއުގައި ހަދާ މަގުތަކުގެ ތެރެއިން ކޮންމެވެސް އެއް މަގެއްގެ އޭބީސީ ފަށަލަ އަޅަން ފެށިތާ އެއް އަހަރު ވެއްޖެ ކަމަށާއި އެ މަސައްކަތް ވެސް އަދި ނުނިމޭ ކަމަށެވެ.

އދ. މާމިގިލީގެ މަގު ހެދުމުގެ މަސައްކަތުގައި ބޭނުންކުރި ބައެއް ސާމާނު.
އދ. މާމިގިލީގެ މަގު ހެދުމުގެ މަސައްކަތުގައި ބޭނުންކުރި ބައެއް ސާމާނު.

އެހެން މީހަކު ބުނީ ހުނާން ކުންފުންޏާ ހަވާލުކުރި މަސައްކަތުގައި އަމަލީ ގޮތުން އުޅުނީ ހަ ވަރަކަށް ޗައިނާ މީހުން ކަމަށާއި ދެން އުޅުނީ ބަންގްލަދޭޝް މީހުން ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ މީހުންގެ ޖުމުލަ އަދަދު 25އަށް ވުރެ މަދެއް ނުވާނެ އެވެ.

ތަފްސީލު - މިކަމާ ގުޅޭގޮތުން އާރުޑީސީއާ ސުވާލުކުރުމުން އެ ކުންފުނީގެ އޮފިޝަލަކު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.

މަސައްކަތް ކުރިއަށްދާ ކަން ފާހަގަކޮށް އޭނާ ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހު ވެސް ބައެއް މަގުތަކުގެ މަސައްކަތްތައް ސިސްޓަމަށް އަޕްޑޭޓުކޮށްފައި އެބަހުރި ކަމަށެވެ. ނަމަވެސް އެ އަޕްޑޭޓުތަކާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.

އާރުޑީސީގެ ވެބްސައިޓުން ދައްކާ ގޮތުގައި މުޅި މަޝްރޫއުގެ %89 ވަނީ ނިމިފަ އެވެ.

އާރުޑީސީއާ ހަވާލުކޮށްގެން ޒަމާނީ ފެންވަރަށް ތަރައްގީކުރާ މާމިގިލީގެ މަގުތައް.

ފާހަގަކޮށްލެވޭ - މަގުތަކުގެ މަސައްކަތް ނުނިމި، ދެ އަހަރުން ނިންމަން ދިން މަޝްރޫއެއް ފަސް އަހަރަށް ދިގުލައިގެން ގޮސްފައިވާއިރު، މަގުތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން މާމިގިލީގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.

ބައެއް މަގުތަކުގައި އޭބީސީ ފަށަލަ އެޅުމަށްފަހު އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓާލާފައި އޮތުމަކީ ވެސް އިތުރު މައްސަލަތަކާއި ދަތިތަކެއް ކުރިމަތިވާ ކަމެއް ކަމަށް ބައެއް މީހުން ފާހަގަކުރެ އެވެ.

އާ މަގުތަކެއް ހެދުމުގެ އިތުރުން އާރުޑީސީއާ ހަވާލުކުރި މަޝްރޫއުގެ ދަށުން:

  • ދުވާރު އަޅާނެ

  • ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމް ގާއިމްކޮށް، ކާނު ހަދާނެ

  • ސްޕީޑް ބްރޭކަރުތަކާއި މަގުމަތީގެ ނިޝާން އަދި މަގު ބައްތި ޖަހާނެ

  • މިހާރު ހުރި މަގުތަކުގައި ވެސް މަގުބައްތި ޖަހައި، ސްޕީޑް ބްރޭކަރު ގާއިމްކޮށް، ކަފިހި ހުރަސް ކުރަހާނެ

ކޮމެންޓް (6)

ބެރުދުންމާރި

14 އޯގަސްޓު 2025
އާރު ޑީސީން މިމަސައްކަތަށްނެގި މީހުންބބޭނުމެއްނުވޭ ތިކަން ނިންމާކަށް. ގިނަދުވަހަށްމުސާރަލިބޭ ކަމެއްގޮތުގަ ބާއްވަންބޭނުންވަނީ. އަނެއްކަމަކީ ކައުންސިލްގެ އިހުމާލު. ވާނުވާނޭނގި އެގޭމީހުންކުރެއަހާވެސްނުލާ ދޭ "އޯކޭ" އަކަށް އެއްމަސައްކަތެއް 3 4 ފަހަރުކުރަންޖެހޭ. އެމް ޑީ ޕީގެ ސަރުކާރު ނިމެންދެން ކުރީ ތަކުރާރުކޮށްއެއް މަސައްކަތެއް. ކައުންސިލަރުންނުކުމެ ފާޅުގަ ތަންތަން ހަލާކުކޮށްފަވެސް އެބަހުރި. ދެންއައީ މިސަރުކާރު. މިހާރުތިބިމީހުނާއި މިސަރުކާރަށް ތިކަންވުމަށްވުރެ ނުވުންކައިރީ.
1 0

ޙަސީ

14 އޯގަސްޓު 2025
ހުނާން ނަންބަރު 6 ރާއްޖޭގައި މަސައްކަތްކުރާތާ 10 ވަރަކަށް އަހަރުވެދާނެ. އެމީހުންގެ އޮފީސް ހުންނާނެ ހުޅުމާލެ ސެންޓުރަލްކައިރި ހުންނަ އިންފިނީ ހަބުގަ. ބަލާލާފަ ހަބަރު ލިޔެބަލަ. އެމީން މިހާރުވެސް އެމް.ޓީ.ޑީ.ސީ އޮފީސް އަޅަނީ.
1 0

ބުރަނދު

14 އޯގަސްޓު 2025
@ޙަސީ ޚަބަރުގައި އޮތީ އެމީހުން ޗުއްޓީއަށްކަމަށަބުނެ މާމިގިލިން ދިޔަވާހަކަ. އެމީހުން ދުނިޔެދޫކޮށްދިޔަ ވާހަކައެއްނޫން.
2 1

ކޮސް

14 އޯގަސްޓު 2025
މަހީކުރީ ޤާޞިމް ކޮށްދެއްވާ ކަމެއްކަމަށް...
0 2

ރާމިރުސް

14 އޯގަސްޓު 2025
@ކޮސް ގާސިމު ކުރާކަމެއްނަމަ މިވަރުވެސް ނުވީސް 25 އަހަރުން އެއާރޕޯޓެއްނުނިންމޭ މީހެއްތިބުނަނީ.
2 1

ވަނޫދު

15 އޯގަސްޓު 2025
@ރާމިރުސް ގާސިމު ކަންކަން ކޮށްދޭތީއެއް ނޫންތަ ފަންސަވީސް އަހަރު ވަންދެން އޭނާ އެ ގޮނޑިއަށް ތިޔަ ވަޑުވަނީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް