ރައީސް މުއިއްޒު މާޅޮސް ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަނީ(ފޮޓޯ/ ރައީސް އޮފީސް)

ބ. މާޅޮސް

މާޅޮހަށް ރައީސް ދެއްވީ ވައުދުތައް ފުއްދައިދޭނެ ކަމުގެ ޔަގީންކަން

ރައީސް ވިދާޅުވީ މާޅޮހަށް ވެވަޑައިގެން ވައުދުތަކުގެ ތެރެއިން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދާ ކަމަކީ ބަނދަރުގެ މަޝްރޫއު ކަމަށް؛ އެރަށުގެ ސިއްހީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވި

މިދިޔަ ރިޔާސީ އިންތިހާބުގައި ބ. މާޅޮހަށް ވެފައިވާ ހުރިހާ ވައުދުތައް ފުއްދައިދޭނެ ކަމަށާއި އެ ވައުދުތަކުގެ ތެރެއިން ގިނަ މަސައްކަތްތައް މިއަހަރު ފެށޭނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އެ ޔަގީންކަން ދެއްވީ ބ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މާޅޮހަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި މާޅޮަހަށް ވަޑައިގެން ދަތިވެފައިވާ ވަރަށް ގިނަ މުހިންމު ކަންކަން ކޮށްދެއްވަން ވައުދުވެފައިވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެ ވައުދުތައް ފުއްދައިދިނުމަށް ވަަރަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކީގައި މަސައްކަތްތައް ކުރަމުން ގެންދާނަން. މިހާރު ވެސް އެގޮތަށް މިކުރިއަށް ގެންދަނީ އަދި ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް ދާނެ،" ރައީސް ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - މާޅޮހަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތަކީ ބަނދަރު މަޝްރޫއު ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ބަނދަރުގެ މައްސަލަ ހައްލުކުރަން ކުރަމުންދާ މަސައްކަތްތައް މިހާރަށް ވުރެ ހަލުވިކޮށް، އެ މަޝްރޫއުއާ ގުޅޭ އިތުރު މަސައްކަތަތްތައް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެެވެ. ބަނދަރާއި ރަށްގިރުމާ ގުޅޭ މަޝްރޫއުތައް ހިނގާއިރު، ބަނދަރަށް އިތުރުކުރާ ބިމާ އެކު އެތަނަށް އިންޖީނުގެ ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިތުރަށް މާޅޮހުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަންކަމުގެ ގޮތުގައި ރައީސް ވިދާޅުވީ:

  • ފުޓުސަލް ދަނޑު ބޮޑުކުރުން؛ މަސައްކަތް އޮތީ މިހާރު ފަށާފައި

  • ޒުވާނުންގެ މަރުކަޒާއި އައުޓު ޑޯ ޖިމްއެއްގެ މަސައްކަތް ވެސް މިއަަހަރު ފެށޭނެ

  • މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އިސްކަމެއްދީގެން މަސައްކަތްތަކެއް އެބަ ކުރަން

  • ފުލުހުންގެ މަރުކަޒުގެ މަސައްކަތް މިއަދު ފެށިފައިވޭ؛ މިއަހަރު ނިމޭއިރު ހުރިހާ ރަށެއްގައި މި މަރުކަޒުތައް އެޅުމުގެ މަސައްކަތް ފެށޭނެ އަދި ބައެއް ރަށްރަށުގައި ނިމޭނެ

  • ސިއްހީ މަރުކަޒުގެ މަސައްކަތް ވެސް ވަރަށް އަަވަހަށް ފެށިގެންދާނެ

  • 500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ވެސް ފެށޭނެ

  • މަގު ހެދުމާއި ސްކޫލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ

"މާޅޮހުގެ ތަރައްގީއަށް ބޭނުންވާ ހުރިހާ ކަމެއްގައި ވަރަށް އިސްކަމެއްދީގެން އަޅުގަނޑު ވީ ވައުދުތަކާއި އަދި އިތުރަށް ވެސް ކަންކަން ކޮށްދޭން ސަރުކާރުން ތިބޭނީ ރައްޔިތުންނާ އެކީގައި މާޅޮހުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަންކަން ކޮށްދިނުމަށް، އެ ޔަގީންކަން އަރުވަން މިއަދު އަޅުގަނޑު މިއައީ އެ ޔަގީންކަން ދެން. އިރާދަކުރެއްވިއްޔާ މި މަޝްރޫއުތައް އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސްެގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ދެން އަަރަށަށް ވަޑައިގަންނަވާއިރު އެކަންކަން ފުރިހަމަކޮށްފައި އެރަށަށް ވަޑައިގަތުމުގެ އުންމީދުކުރައްވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް