ކްރޮސްރޯޑްސް ކައިރީ ހެދިފައިވާ މުރަކަތަކެއް: އެތަނުން ކުރާ އެފަދަ މަސައްކަތްތަކާ ހުރެ ތިމާވެށީގެ ރޮގުން ދޭ ހާއްސަ ޝަރަފެއް ވަނީ ލިބިފައި (ފޮޓޯ/ކްރޮސްރޯޑްސް މޯލްޑިވްސް)
ކްރޮސްރޯޑްސްއަށް ތިމާވެށީގެ ދާއިރާގައި ފާހަގަކޮށްލެވޭ މަގާމެއް
ތައިލެންޑުގެ ސިންހާ އެސްޓޭޓުން ހިންގާ ކްރޮސްރޯޑްސް މޯލްޑިވްސް "އަދާ އިފެކްޓިވް އޭރިއާ ބޭސްޑް ކޮންޒަވޭޝަން މެޝާޒް" (އޯއީސީއެމް)ގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
އެނގުން މުހިންމު - އޯއީސީއެމް ތަކަކީ:
-
ގައުމީ ފެންވަރުގައި ފާހަގަކޮށްފައިވާ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ އިތުރުން ގުދުރަތީ ވެށި ރައްކާކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ވެށި ބެލެހެއްޓުމަށް މަސައްކަތްކުރާ ތަންތަން
-
މިއީ ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް، އެކި ގޮތްގޮތުން ކުރެވޭ ހިމާޔަތްކުރުމުގެ މަސައްކަތްތައް ފާހަގަކޮށް އެފަދަ ކަންކަމަށް އެހީތެރިވުން
ވީ ކިހިނެއް؟ - ކްރޮސްރޯޑުން ބުނީ އެ ރިސޯޓް އޯއިސީއެމްގެ ގޮތުގައި ކަނޑައެޅީ ތައިލެންޑްގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް މިނިސްޓްރީން ކަމަށެވެ. މި މަގާމަށް ކްރޮސްރޯޑްސް މޯލްޑިވްސް ހުށަހަޅާފައިވަނީ ރާއްޖޭގެ ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުންނެވެ.
މިއީ ތައިލެންޑްގެ ކުންފުންޏަކުން ހިންގާ މަޝްރޫއަކަށް މިފަދަ ޝަރަފުވެރި މަގާމެއް ހާސިލްކުރެވުނު ފުރަތަމަ ފަހަރު ކަމަށް ވެސް ކްރޮސްރޯޑްސްއިން ބުންޏެވެ.
އޯއީސީއެމްގެ މަގާމު ވަކި ސަރަހައްދަކަށް ދެނީ އެ ސަރަހައްދެއްގެ ތެރޭގައި ހިންގާ ހުރިހާ ހަރަކާތްތަކަކީ ގުދުރަތީ ވެށި ރައްކާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ވެށި ބަލަހައްޓާ ތަނެއްކަން ކަށަވަރުކުރުމަށް ފަހު ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ.
"މި ނިންމުމަކީ ކްރޮސްރޯޑްސް މޯލްޑިވްސްއިން އެސްއެޗްއާރުގެ ދެމެހެއްޓެނިވި ތަރައްގީގެ ސްޓްރެޓަޖީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި އަދާކުރާ މުހިންމު ދައުރު ދައްކުވައިދޭ ނިންމުމެއް،" ކްރޮސްރޯޑްސްގެ ބަޔާނުގައި ބުންޏެވެ.
"މި ނިންމުމަކީ މި މަޝްރޫއިން އާންމު މުޖުތަމައު އާއި ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އިދާރާތަކާ ގުޅިގެން މެރިން އިކޯސިސްޓަމް ރައްކާކުރަން ދެމުން އައި އިސްކަމާއި ކުރާ މަސައްކަތް ދައްކުވައިދޭ ނިންމުމެއް."
ކްރޮސްރޯޑްސް މޯލްޑިވްސްގެ ފަރާތުން ދެމެހެއްޓެނިވި ތަރައްގީގެ ރޮނގުން ހާސިލްކޮށްފައިވާ ފާހަގަކޮށްލެވޭ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެނީ:
ހައި ބައޯޑައިވާސިޓީ އޭރިއާ ކޮރަލް ކޮންޒަވޭޝަން
-
ކްރޮސްރޯޑްސްގައި ކުރިއަށް ގެންދާ މުރަކަ އާލާކުރުން ނުވަތަ "ކޮރަލް ކޮންޒަވޭޝަން" ޕްރޮގްރާމް. އެ ޕްރޮގްރާމްގެ ދަށުން ކްރޮސްރޯޑް ހިމެނޭ މޫދު ސަރަހައްދުގައި މުރަކަ ހެދިފައިވާ ސަރަހައްދު %50ބޮޑުވި
-
ކޯމަސް ހިމެނޭހެން ނެތި ދިއުމުގެ ބިރު އޮތް ކަމަށް ކަނޑައަޅާފައިވާ 23 ވައްތަރުގެ ދިރުން ހިމާޔަތްކޮށް ބަލަހައްޓަމުން ގެންދޭ
-
ކޯމަސް ސެންކުޗުއަރީ ނުވަތަ އާންމުކޮށް ކޯމަސް އުޅޭ ސަރަހައްދެއްގައި ގޮތުގައި ފާހަގަކޮށްފައިވޭ؛ އެ ސަރަހައްދުން ފަހުގެ އަހަރުތަކުގައި، 246 ދަތުރުގައި 7,851 ކޯމަސް ފެނިފައިވޭ
ކްރޮސް ރޯޑްސްއިން ބުނި ގޮތުގައި އެކަންކަން ހާސިލްކުރެވިފައި ވަނީ ތިމާވެއްޓާއި ދިރުންތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ޓޫރިޒަމެއް ދިރުވަސް އެ ރިސޯޓުން އަޅަމުން އަންނަ ފިޔަވަޅުތަކާ ހެދި އެވެ. އެގޮތުން:
-
ސަރަހައްދުގެ ވެށި ރައްކާކޮށް ބެލެހެއްޓުމަށް ޕްލޭނެއް އެކުލަވާލާ އަންނަނީ ތަންފީޒުކުރަމުން
-
އެ ސަރަހައްދުގައި މޮޓޮރައިޒްޑް މޫދު ކުޅިވަރުތައް ބޭއްވުން ވަނީ ހަނިކޮށްފައި
-
އުޅަނދުފަހަރުގެ ދުވެލި ލިމިޓްކޮށް ސަރަހައްދުގައި މަޑުކުރާ އުޅަނދުފަހަރުގެ ހަރަކާތްތައް ވަނީ މަދުކޮށްފައި
-
ކަނޑުގެ ދިރުންތަކަށް ކާން ދިނުން ފަދަ ހަރަކާތްތައް މަނާކޮށްފައިވޭ
ކްރޮސްރޯޑްސް އިން ފާހަގަކުރި ގޮތުގައި މެރިން ބައޯޑައިވާސިޓީ ރައްކާކުރުމުގެ އެންމެ މުހިންމު އެއް ބަޔަކީ އެތަނުގައި ހިންގާ މެރިން ޑިސްކަވަރީ ސެންޓަރެވެ. މި ސެންޓަރުގައި މެރިން ބައޮލޮޖިސްޓުން ހިމެނޭ ތަޖުރިބާކާރު ޓީމަކުން ރާއްޖޭގެ ވެށި ރައްކާކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާ ބެހޭ ގޮތުން ފަތުރުވެރިންނާއި އާންމުންނަށް މައުލޫމާތު ދެއެވެ. ސެންޓަރަކީ އުގަންނައިދިނުމުގެ ރޮނގުންވެސް ގިނަ ހަރަކާތްތައް ހިމެނޭ ސެންޓަރެކެވެ. އަދި އެ ސެންޓަރުން ސްކޫލްތަކުގެ ދަރިވަރުންނަށް ކަނޑުގެ ދިރުންތަކާ ގުޅޭ މައުލޫމާތު ދީ ހޭލުންތެރި ކުރުވަ އެވެ.