ރައީސް މުހައްމަދު މުއިއްޒު ބ.ކަމަދޫގައި ވާހަކަ ދައްކަވަނީ - (ފޮޓޯ/ ރައީސް އޮފީސް)

ތާރާއި ގާ ނުލައި މަގު ހެދުން ރަނގަޅު؛ ކުރިއަށްދާނީ ރަށު މީހުން ބޭނުންވާ ގޮތަަކަށް: ރައީސް

ބ. ކަމަދޫގައި ވާހަކަފުޅު ދައްކަވަމުން މަގު ހެދުމުގެ މަސައްކަތުގެ ކޮންސެޕްޓް ކޮންމެހެން ތާރާއި ގާ ނުލައި ވެސް ހެދިދާނެ ކަމަށް ރައީސް ވިދާޅުވި އިރު އެ އަތޮޅު ކުޑަރިކިލުގެ މަގުތައް ހަދާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވޭ

ތާރު އެޅުން ނޫނީ ގާ އަތުރައިގެން މަގު ހެދުން ކޮންމެހެން ލާޒިމެއް ނޫން ކަމަށާއި ކޮންމެ ރަށެއްގެ ވެސް މަގުތައް ހަދަނީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ބ. އަތޮޅުގެ ރަށްރަށަށް މިއަދު ރައީސް ދަތުރުފުޅު ފެއްޓެވި އިރު އެ އަތޮޅު ކުޑަރިކިލުގައި މަގުތައް ހަދާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އެއީ 600އެއްހާ މީހުންގެ އާބާދީއެއް އޮންނަ އެންމެ 30 ހެކްޓަރު ހަމަވާ ރަށެކެވެ.

އެ އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުގެ ތެރެއިން ފުރަތަމަ މަންޒިލް، ކަމަދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ރަށެއްގެ މަގުތައް ތާރު އަޅައިގެން ނޫނީ ގާ އަތުރައިގެން މަގުތައް ހެދުމަކީ އެމަނިކުފާނު ވަކި މާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ.

ބުނީ ކީކޭ؟ - "ކޮންމެހެން މާ ހާޑު ސާފޭސްއެއް ގޮތަށް ތާރު އެޅުން، ގާ އަތުރައިގެން ކޮންމެހެން މަގުތައް ހެދުމަކީ މާ މުހިންމު ކަމެއް ނޫން. އެހާ ރަނގަޅު ކަމެއް ވެސް ނޫން. ހާއްސަކޮށް ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށްރަށުގައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ރަށްރަށުގައި މަގު ހެދުމަށް ތާއީދުކުރައްވަނީ ވީހާ ވެސް ބޮޑަކަށް ރަށުގެ ގުދުރަތީ ރީތިކަން ބެލެހެއްޓޭނެ ގޮތަކަށް މަގު ހެދުން ކަމަށެވެ.

ކަމަދޫގެ ކައުންސިލުން ހުށަހެޅީ އެފަދަ ގޮތަކަށް އެ ރަށުގެ މަގުތައް ހެދުމަށްކަން ރައީސް ފާހަގަކުރެއްވި އެވެ. ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ކަމަދޫގައި މަގުތައް ހަދަނީ މިހާރު ވެސް އޮންނަ ގޮތަށް ވެލި މަގުތައް ރީތިކޮށް ބާއްވައިގެން ފެން ހިންދާ ނިޒާމެއް ހިމަނައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވަނީ މަގުތައް ރީތިކޮށް ބޭއްވިފައި އެހެން ނަމަވެސް ފެން ބަރާބަރަށް ހިނދޭ ޑްރެއިނޭޖް ނިޒާމެއްގެ ތެރެއިން މަގުތައް ދެމެހެއްޓުން ކަމުގައިވަނީ ނަމަ އެ ކޮންސެޕްޓްގައި އެ ކަން ކުރިއަށް ދާނީ،" ރައީސް ވިދާޅުވި އެވެ.

ކޮންމެ ރަށެއްގެ ވެސް މަގުތައް ހަދާނީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް، އިގުތިސޯދީ ގޮތުން އިތުރު ކުރިއެރުމެއް ލިބޭނެ ގޮތަށް ކުރިއަށް ގެންގޮސްދިނުން. ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅުގަނޑުމެން [ސަރުކާރުން] ކުރިއަށް ދާނީ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (3)

ހަކުރު

12 އޯގަސްޓު 2025
ދުވަސްކޮޅަކުން އަނެއްކާ ހަނޑޫ، ހަކުރު ފުށާއިނުލާ ދިވެހިންނަށް ކައިބޯ އުޅެވޭނެެއޭ ވިދާޅުނުވައްޗޭ. އަދިވެސް މިއުޅެނީ ތުރުކީން ގެންނެވި ތަކެތީގެ ރަހަ ނުފެނިގެން.
0 0

ޤައުމިއްޔަތު

11 އޯގަސްޓު 2025
ހޮޅިން ހެދޭނެތަ؟! ކާރާ ސައިކަލުގެ ބަދަލުގައި ޗަކައިގައި ދުއްވާ ޓްރަކާ ކްއަޑްބައިކު ދޯ ބޭނުންކުރަންވީ... ދެން ކޮންމެވެސް އެއްޗެކޭ ކިޔަން ޖެހޭނެތާ. ބޭރަށް ދަތުރު އަޅާފަ ރަށަކަށް ކަމެއް ކުރަން ޖެހޭދުވަހު ބަހަނާ ތިދައްކަނީ.
3 1

ދެރަކަންކަން

11 އޯގަސްޓު 2025
ކުދިރަށްރަށަށް ބޭކާރު ހަރަދުނުކޮށް ބޮޑެތިރަށްރަށަށް ބަދަލުކޮށްބަލަ.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް