ބީއެމްއެލް އާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ އެންސީއައިޓީ އަދި މާސްޓަކާޑުގެ އޮފިޝަލުން އެއްބަސްވުމުގައި ސޮއިކުރައްވަނީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ޑިޖިޓަލް އައިޑީ އާއި ޕޭމަންޓް ނިޒާމު ޒަމާނީކުރަން 5 އަހަރުގެ ޕްރޮގްރާމެއް ފަށައިފި

މިއީ ބީއެމްއެލް އާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ އެންސީއައިޓީ އަދި މާސްޓަކާޑް ގުޅިގެން ހިންގާ ޕްރޮގްރާމެއް
10 އޯގަސްޓު 2025

ޑިޖިޓަލް އައިޑެންޓިޓީ އަދި ޕޭމަންޓް ނިޒާމު ވެސް މިހާރަށް ވުރެ ޒަމާނީިކުރުން ހިމެނޭ ގޮތަށް، ރާއްޖޭގެ ޑިޖިޓަލް ވަސީލަތްތައް އިތުރަށް ތަރައްގީކުރުމަށް ފަސް އަހަރުދުވަހުގެ ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ އެންސީއައިޓީ އަދި މާސްޓަކާޑް ގުޅިގެން ސްޓްރެޓީޖިކް އެސްބަސްވުމެއްގެ ދަށުން 'މޯލްޑިވްސް ޑިޖިޓަލް ޕާޓްނަޝިޕް ޕްރޮގްރާމް'ގެ ނަމުގައި ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.

ތަފްސީލް - މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ މަސައްކަތްތައް:

  • އިތުރު ހިދުމަތްތަކާ އެކު ރައްކާތެރިކަން އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް އައިޑެންޓިޓީ އަދި ޕޭމަންޓް ސިސްޓަމް ޒަމާނީ ކުރުން

  • އޭއައި ބޭނުންކޮށްގެން ސައިބަސެކިއުރިޓީ ވަރުގަދަކުރުން

  • ޑިޖިޓަލް ޕޭމަންޓްގެ ނިޒާމު އިތުރަށް ފުޅާކޮށް، ސަރުކާރުންދޭ ހިދުމަތްތަކާއި މުހިންމު އެހެން ދާއިރާތަކުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުން

  • ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމް މިހާރަށް ވުރެ ފަސޭހަކޮށް ޒަމާނީ ކުރުން

  • ފަތުރުވެރިކަމުގެ ސިނާއަތާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރާ އެހެނިހެން ދާއިރާތަކަށް، އަމަލީ ގޮތުން މަސައްކަތްކުރެވޭނެ މައުލޫމާތު އުފެއްދުމަށް ޑޭޓާ އެނަލިޓިކްސް ބޭނުންކުރުން

ބީއެމްއެލް އާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ އެންސީއައިޓީ އަދި މާސްޓަކާޑުގެ އޮފިޝަލުން. (ފޮޓޯ/ބީއެމްއެލް)

ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ސިފަކުރެއްވި ގޮތުގައި، މިއީ ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނައުމަށް މާސްޓަކާޑާއި އެންސީއައިޓީއާ އެކު ހިންގާ ޕްރޮގްރާމެކެވެ.

"މި ޕްރޮގްރާމްގެ ސަބަބުން މިހާރަށް ވުރެ ބޮޑަށް އިންކްލޫސިވް ރައްކާތެރި އަދި ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ މުޖުތަމައެއް ބިނާކުރުމަށް އެހީވެދޭނެ. މާސްޓަކާޑުގެ ބައިނަލްއަގުވާމީ ފެންވަރުގެ ގާބިލުކަމާއި ދިވެހި ފަންނުވެރިކަން ގުޅުމުން ރާއްޖޭގެ މުސްތަގުބަލަށް ހަރުދަނާ ބިންގަލެއް އެޅިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންސީއައިޓީގެ ވެރިޔާ ޑރ. މުހައްމަދު ކިނާނަތު ފާހަގަކުރެއްވި ގޮތުގައި، 'މޯލްޑިވްސް 2.0'ގެ ދަށުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ދެފުށްފެންނަ ނިޒާމެއް ގާއިމުކޮށް އަދި ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ރާއްޖެއަށް ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެންނަމުން އެބަދެ އެވެ.

މާސްޓަކާޑުގެ ފަރާތުން ސްރީ ލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ސަންދުން ހަޕުގޮޑާ ވިދާޅުވީ ޑިޖިޓަލް އިނޮވޭޝަންގެ ސަބަބުން ހުޅުވިގެންދާ އިގްތިސާދީ ފުރުސަތުތަކާއި ފަހި ބަދަލުތަކަށް އޮތް ފުރުސަތު މާސްޓަކާޑުން ބަލައިގަންނަ ކަމަށެވެ.

"ޑޭޓާ އާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންތެރި ނަތީޖާތަކެއް ހޯދުމަށާއި ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ ޑިޖިޓަލް އެކޮނޮމީއަކަށް ކުރާ ދަތުރު އަވަސްކުރުމަށް އަޅުގަނޑުމެން އެހީތެރިވެދޭނަން،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް