މުހައްމަދު ޝަހީދު (ކ) އަދި އަބްދުﷲ ޖަމީލު މޫސާ (ވ) - ހައި ކޯޓުގެ ފަނޑިޔާރުންނަށް މި ދެ ބޭފުޅުން އައްޔަންކުރުމަށް ނިންމާފައިވޭ
ހައި ކޯޓުގެ ފަނޑިޔާރުންނަށް ޝަހީދާއި ކުރީގެ ގާޒީ ޖަމީލު އައްޔަންކުރަން ނިންމައިފި
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް މި ސަރުކާރުގެ ސިޔާސީ މަގާމެއް ފުރުއްވި މުހައްމަދު ޝަހީދު އާއި ކުރީގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ.
ވީކިހިނެއް؟ - ހައި ކޯޓުގެ ބެންޗުން ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަންކުރުމުންނެވެ.
ހުސްވި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 17 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ އިންޓަވިއުކުރީ އިއްޔެގެ އެކި ވަގުތުތަކުގަ އެވެ.
ތަފްސީލް - ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނުން އިއްޔެ ނިންމީ ޝަހީދު އާއި ޖަމީލު އައްޔަންކުރުމަށެވެ.
ޖަމީލު
-
ފަނޑިޔާރު ކަމުގައި 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް
-
23 ސެޕްޓެމްބަރު 2003 އިން 31 ޖެނުއަރީ 2009އަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރެއްވި
-
1 ފެބްރުއަރީ 2009 އިން 21 ފެބްރުއަރީ 2019އަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި
-
ފަނޑިޔާރުކަމުން ވަކިވެވަޑައިގަތް ފަހުން މިދިޔަ ހަ އަހަރު ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި
ޝަހީދު
-
ހަނީ ވެލްޑްރޭޑީން ކޮމްޕެނީގެ ގާނޫނީ ވަކީލެއްގެ ގޮތުގައި 30 ޖުލައި 2018 އިން 23 ޑިސެމްބަރު 2023އަށް މަސައްކަތް ކުރެއްވި ބޭފުޅެއް
-
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވުމުގެ ކުރިން ހުންނެވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި
-
މިދިޔަ އަހަރުތަކުގައި ކޯޓުތަކުގައި ޕީޕީއެމާއި ޕީއެންސީގެ މައްސަލަތަކުގައި ވެސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި؛ ޕާޓީގެ ލީގަލް ޓީމުގައި ވެސް މަސައްކަތް ކުރެއްވި
އެނގުން މުހިންމު - ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަންކުރީ އެ ކޯޓުގެ ބެންޗުން ހުސްވި ތިން މަގާމުގެ ތެރެއިން ދެ މަގާމަކަށެވެ. އެ ގޮތުން:
-
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއްސުއޫދު މިދިޔަ މާޗު މަހު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި އައްޔަންކުރީ ހައި ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު
-
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމުން ހުސްވި ދެ މަގާމުގެ ތެރެއިން އެއް މަގާމަށް އައްޔަންކުރީ ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި މުހައްމަދު ސަލީމް
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ފަނޑިޔާރުން ސަސްޕެންޑްކޮށް، ސުލޫކީ މައްސަލަތަކެއް ބަލައިގެނެވެ.
މި ފަނޑިޔާރުން މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑްކުރީ ސިޔާސީ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.