އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި؛ ކެމްޕޭނަށް ކުރެއްވި ދަތުރުތަކުގެ ފައިސާ ނުދައްކައިގެން ހުކުމެއް - (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެމްޑީޕީ

އެއްބަސްވުން އުވާލައި އެމްޑީޕީން މޯލްޑިވިއަންއަށް 3.6 މިލިއަން ދައްކަން ހުކުމްކޮށްފި

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މޯލްޑިވިއަނުން އެމްޑީޕީއަށް ކޮށްދިން ދަތުރުތަކުގެ ފައިސާ ދެއްކުމަށް ސެޓަލްމަންޓް އެގުރިމަންޓެއް ކުރިން އޮތީ ހަދާފައި

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މޯލްޑިވިއަނުން އެމްޑީޕީއަށް ކޮށްދިން ދަތުރުތަކުގެ އަގު ދެއްކުމުގައި ލަސްތަކެއް އުޅޭތީ ދެ ފަރާތުގެ ދެމެދު އޮތް ސެޓަލްމަންޓު އެގުރިމަންޓް އުވާލައި، އެއް މަސް ތެރޭގައި 3.6 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ވީކިހިނެއް؟ - އެމްޑީޕީން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް ނުދައްކާ 5.6 މިލިއަން ރުފިޔާ އޮތެވެ. އަހަރުތަކަކަށް ބަހާލައިގެން ދަރަނި ދެއްކުމަށް ދެ ފަރާތުގެ ދެމެދު ސެޓަލްމަންޓް އެއްބަސްވުމެއް ހެދުމަށް ފަހު އެމްޑީޕީން އެއިން 2 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

ސެޓަލްމަންޓް އެގުރިމަންޓްގައި އޮތް މުއްދަތަކަށް އެމްޑީޕީން ފައިސާ ނުދައްކައިގެން މޯލްޑިވިއަނުން އަނެއްކާ ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ތަފްސީލް - ސިވިލް ކޯޓުގެ ހުކުމުން އެނގުނު ގޮތުގައި، މި މަހު 1ގެ ނިޔަލަށް 1 މިލިއަން ރުފިޔާ ދެއްކުމަށް ސެޓަލްމަންޓް އެގުރިމަންޓްގައިވެ އެވެ. ސިވިލް ކޯޓަށް މޯލްޑިވިއަނުން މައްސަލަ ހުށަހެޅީ އެ ފައިސާ ނުލިބިގެންނެވެ. އެ ގޮތުން:

  • ސެޓަލްމަންޓް އެގުރިމަންޓްގައި ވަނީ ހަ މަހުން އެއް ފަހަރު 1 މިލިއަން ރުފިޔާ މޯލްޑިވިއަނަށް ދައްކަމުން ދިއުމަށް

  • ފުރަތަމަ ދެ ބުރުގެ ފައިސާގެ ގޮތުގައި 2 މިލިއަން ރުފިޔާ އެމްޑީޕީން މިހާތަނަށް ވަނީ ދައްކާފައި

  • އެމްޑީޕީން ބުނާ ގޮތުގައި ފައިސާގެ ތިންވަނަ ބައި ނުދެވި ލަސްވަމުން ދަނީ ސަރުކާރުން ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާ ދޫކުރުމުގައި ލަސްތަކެއް އުޅޭތީ

ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ ސިނާން އަލީ އިއްޔެ ކުރެއްވި ހުކުމުގައިވަނީ:

  • ސެޓަލްމަންޓް އެގުރިމަންޓްގައި ހިމެނޭ ތާވަލުގައިވާ ތާރީހަށް ފައިސާ ނުދެއްކިއްޖެ ނަމަ ވަގުތުން އެ އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށް ބުނާ މާއްދާއެއް ހިމެނޭ

  • ފައިސާގެ ތިންވަނަ ބައި ދައްކަންޖެހޭ މުއްދަތު މިހާރު ހަމަވެފައިވާއިރު، މޯލްޑިވިއަނުން އިތުރު ސެޓަލްމަންޓަކަށް ދާން އެއްބަސްނުވާ ނަމަ ގަނޑުކޮށް ފައިސާ ދައްކައި ހަލާސްކުރަން ހުކުމްކުރާ ގޮތަށް މައްސަލަ ނިންމަން ޖެހޭ

  • ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި، ނުދެއްކި އޮތް 3.6 މިލިއަން ރުފިޔާ ދައްކައި ހަލާސްކުރަން ޖެހޭ

އެނގުން މުހިންމު - އެ ދަތުރުތަކަކީ، ސެޕްޓެމްބަރާއި އޮކްޓޯބަރު 2023ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި އޭރު ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުތަކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް