ހުޅުމާލޭގައި ހުރި ކޮވިޑް ފެސިލިޓީ، ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓު ހިންގާ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި - (ފޮޓޯ/ އެޗްޑީސީ)
ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ އާ އިމާރާތް ރައީސް ހުޅުވައިދެއްވައިފި
ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓު ހިންގާ އާ އިމާރާތް 'ޖަސްޓިސް ބިލްޑިން އެނެކްސް'ގެ ނަމުގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފި އެވެ.
ވީކިހިނެއް؟ - ކްރިމިނަލް ކޯޓުގެ މާލޭގެ އިމާރާތް ބޭނުން ނުކުރެވޭ ވަރުވެގެންނާއި ޑްރަގު ކޯޓުގެ އިމާރާތް ވެސް ހާލުގައި ހުރުމުން އެ ދެ ތަން ހިންގުމަށް، ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިމަތީގައި ހުރި، ކުރިން ކޮވިޑް ފެސިލިޓީއަށް ބަދަލުކުރަން ނިންމީ ފެބްރުއަރީ 2023ގަ އެވެ.
ގާތްގަނޑަކަށް ދެ އަހަރާއި ހަ މަސްދުވަހުގެ މަސައްކަތަށް ފަހު މިއަދު އެ ތަން ރައީސް ހުޅުވައިދެއްވި އިރު، އެ މަނިކުފާނުގެ އަރިހުގައި ތިއްބެވީ:
-
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ
-
ބަންޑާރަ ނައިބު އަހުމަދު އުޝާމް
-
ސުޕްރީމް ކޯޓު ހިންގެވުމާ މި ވަގުތު ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ ހަމީދު
ޖަސްޓިސް ބިލްޑިން އެނެކްސް އިމާރާތުގައި ހުންނަ ގައުމީ ދިދަ އާއި ޝަރުއީ ދާއިރާގެ ދިދަ ނެންގެވީ އުޝާމާއި އަބްދުﷲ ހަމީދެވެ.
ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު ވިދާޅުވީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ވެސް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން މިއަދު ނިމުމަކަށް ގެނެވުނީ ކަމަށެވެ.
"އެތައް ދުވަސްތަކެއް ވަންދެން ދެމިގެން ދިޔަ މައްސަލަތަކަށް، އަލަށް ހަމަޖެހުނު އިމާރާތުގެ ސަބަބުން މިއަދު މި ވަނީ ހައްލެއް ލިބިފައި. ކޯޓުގެ ޖާގައިގެ ދަތިކަމުން މައްސަލަތައް ހިންގުން ލަސްވެ، އެތައް ގޮންޖެހުންތަކެއް އޮތް ޒަމާން މާޒީވެގެން މިދިޔައީ،" އަމްޖަދު ވިދާޅުވި އެވެ.
ތަފްސީލް - އަމްޖަދު ވިދާޅުވި ގޮތުގައި، އަވަސް ދުވެއްޔެއްގައި ޝަރީއަތް ހިންގުމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް އާ އިމާރާތުގައި ހުންނާނެ އެވެ. އެގޮތުން:
-
ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ހުރިހާ ސެކްޝަނެއްގެ ހިންގުން އެއްކޮށް އާ އިމާރާތަށް ބަދަލުކުރެވޭނެ
-
އެ އިމާރާތުގައި ކްރިމިނަލް ކޯޓުގެ 11 ސެކްޝަން ހިންގަން ޖުމުލަ 10 ކޯޓު ރޫމު ހުންނާނެ
-
ޑްރަގް ކޯޓަށް ހާއްސަކޮށް 5 ކޯޓު ރޫމު ހުންނާނެ
-
ދެ ކޯޓުގެ ގާޒީންނަށް ހާއްސަކޮށް 17 ރޫމެއް ހުންނާނެ
އެނގުން މުހިންމު - ކްރިމިނަލް ކޯޓު ކުރިން ހިނގަމުން ދިޔަ، މާލޭ މާފަންނުގައި ހުންނަ އެސްޓީއޯގެ ކުރީގެ ދެ އިމާރާތް ވެސް ވަނީ ވަރަށް ބޮޑަށް ބާވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެގޮތުން:
-
2017 ވަނަ އަހަރު ގެޑޯ ޕްރައިވެޓު ލިމިޓެޑުން ތައްޔާރުކުރި ރިޕޯޓެއްގައި ވެސް އެ އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ލިޔެފައިވޭ
-
ވާރޭ ވެހޭ ކޮންމެ ފަހަރަކު ވެސް އަޑުއެހުންތައް ނުބޭއްވޭ ވަރަށް ކޯޓު ރޫމުތަކުގެ ތެރެއަށް ފެން ވަދެ، އިމާރާތުގެ ހުރި ގިނަ ސާމާނުތަކަށް ވެސް ގެއްލުންތައް ވެފައިވޭ
-
އެންމެ ފަހުން ހަތަރު ބުރީގެ އިމާރާތް ބޭނުންކުރުން ހުއްޓާލީ 2019 އިން ފެށިގެން
-
އާ އިމާރާތް ހުޅުވެން ދެން ކްރިމިނަލް ކޯޓު ހިންގީ ދަނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަން ހިންގި އިމާރާތުގައި 5 ސެކްޝަން އަދި މާލޭގެ އިމާރާތުގެ ބައެއްގައި ބާކީ 6 ސެކްޝަން
ކޮމެންޓް (1)
ޓާޝަރީ ޖުޑިޝަރީ