ރައީސް މުއިއްޒުގެ ދެކަނބަލުން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަައި - (ފޮޓޯ/ ރައީސް އޮފީސް)

ދިވެހިން އެކި ވިސްނުމުގައި ތިބެންޏާ ގައުމެއް ނޯންނާނެ: ރައީސް

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވަރަށް ކުރުކޮށް ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިނިވަންކަން ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ދިވެހި އެންމެންގެ ވެސް ޒިންމާއެއް ކަމަށް

އެންމެން އެއް މިސްރާބަކަށް ވިސްނުން ބެހެއްޓުމުގެ ބަދަލުގައި އެކި ވިސްނުން ގެންގުޅޭނަމަ ގައުމެއް ނޯންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މިިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތަފްސީލް - ވެރިކަމާ ހަވާލުވެވަޑައިގެން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއެއްގައި ފުރަތަމަ ފަހަރު މިދިޔަ އަހަރު ވަރަށް ދިގުކޮށް ވާހަކަފުޅު ދެއްކެވި ރައީސް މުއިއްޒު މި ފަހަރު ވާހަކަފުޅު ދެއްކެވީ ވަރަށް ކުރުކޮށެވެ.

އެންމެ 7 މިނެޓަށް މިއަދު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ މިނިވަންކަން ރައްކާތެރިކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށެވެ.

"މިއަދު މާ ދިގުކޮށް ވާހަކަ ދައްކާކަށް ނެތިން. އަޅުގަނޑުގެ މައިގަނޑު މެސެޖަކީ އަދި އިލްތިމާސަކީ އަދި ދެންނެވުމަކީ މިއީ،" ގައުމިއްޔަތުގެ ފިކުރު އިސްކުރުމަށް އަބަދުވެސް ވަކާލަތުކުރައްވާ ރައީސް ވިދާޅުވި އެވެ.

މިއަދުގެ ޖީލާ ހަމައަށް މިނިވަންކަން ދެމިއޮތީ ވަރަށް ގިނަ ބައެއްގެ 'ގައުމީ' ބުރަ މަސައްކަތުން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އަންނަން އޮތް ޖީލުތަކަށް ވެސް މިނިވަންކަން ފޯރުކޮށްދެވޭނީ ކޮންމެ ފަރުދަކު އެ ޒިންމާ ނަގައިގެން ކަމަށް ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - "އެންމެންގެ ވެސް ފަރުދީ ޒިންމާއެެއް، މި ގައުމީ ބުރަ މަސައްކަތް އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން. އެ ކަން ކުރާނީ ވަކި އެވެނި މީހެކޭ އަޅުގަނޑުމެން އެކަކަށް ވެސް ނުބުނެވޭނެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ. އެ ނޫން ގޮތަކަށް މިނިވަންކަން ދެމިނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރަންވީ އެ ވިސްނުމުގައި އެއް މިސްރާބަކަށް ކުރިއަށްދާން ކަމަށް ވިދާޅުވި އެވެ. ގައުމެއް ގައުމެއްގެ ގޮތުގައި އޮންނާނީ ދީނާއި ސަގާފަތާއި ގައުމީ ލޯބި އިސްކޮށް، އެއް ވިސްނުމެއްގައި ތިބުމުން ކަމަށް ވިދާޅުވި އެވެ.

"އެކި މީހުން އެކި ދިމާއަށް ވިސްނުން ބަހައްޓައިގެން ގައުމެއް ނޯންނާނެ. އެންމެން އެއް މިސްރާބެއްގައި ގައުމީ ލޯބީގައި މި ދެންނެވި ވިސްނުމުގައި ކުރިއަށްދާ ހިނދު އެކަނި ގައުމެއް ގައުމެއްގެ ގޮތުގައި އޮންނާނީ،" ރާއްޖޭގެ އަށްވަނަ ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ދިވެހިން އިސްކުރުން ކަމަށް ވިދާޅުވި އެވެ. ބޭރުގެ ފަރާތްތަކުގެ އެހީ ހޯދި ނަމަވެސް ސިޔާސަތު ހިންގާނީ ދިވެހިން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ހާރިޖީ ގުޅުންތައް ގާއިމުކޮށް ކުރިއަށް ގެންދާނީ ރާއްޖެއަށް ފައިދާކުރާ ގޮތަށް ކަމަށެވެ.

ސަރުކާރުގެ އެ ސިޔާސަތު ވެސް ކުރިއަށް ގެންދެވޭނީ ފަރުދީ ޒިންމާ އަދާކޮށް، ދިވެހިން އެ ވިސްނުމެއްގައި ތިބެގެން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކެނޑިނޭޅި މަސައްކަތްކުރަމުން މި ދަނީ. އަންނަން އޮތް ހަފުތާތަކާއި މަސްތަކުގައި ހުރިހާ ރަށެއްގަ އާއި މާލޭގައި އޭގެ އަމަލީ މަސައްކަތްތައް ފެށިގެންދާތަން ފެންނާނެ. [އެކަމަކު] ހަގީގީ މާނައެއްގަައި ތަރައްގީ ވާނީ އަޅުގަނޑުމެންގެ ނަފުސުތައް އިސްލާހުކޮށްގެން،" ރައީސް ވިދާޅުވި އެވެ.


ކޮމެންޓް (3)

ކިލަނޫރަން

27 ޖުލައި 2025
އެކި ވިސްނުން ވެރިކަމުގަ އާއި އިދިކޮޅުގަ އައުން އެންމެ ގޯހީ. މިއަދުވެސް އެހެން ގައުމެއްގެ ދަރަނީގެ ތެރޭ ފިތިފަ އަމިއްލައަށް ކުރީމަ. ރިސޯޓްތައް ބޭރު ކުންފުނިތަކުން ޑިވެލޮޕްކޮށް ހިންގަން ރާއްޖޭގަ ދޭތީ ހިނިއަންނަނީ. 99 އަހަރަށް ދީފަ ހުރީވެސް. އެކަން އޯކޭ. 25 އަހަރަށް ޓާމިނަލް ހިންގާ ފަރާތުން އަޅާގޮތަށް ދިނީމަ ކަމުނުދިޔައީ. ވިޔަފާރި ހިސާބާ އަމިއްލަ ސިޔާސީ ކުރިއެރުމިގެ ހިސާބުމީ. އެއަރޕޯޓް ވިއްކާލީކަމަށް ކިޔައިގެން އަދި އިންޑިޔާ އައުޓް ގޮވައިގެންވެސް ވެރިކަމަށް އައުން މައިގަނޑު މަގުސަދަކީ
0 0

ކޮސް

27 ޖުލައި 2025
ޑިމޮކުރަސީގެ ހަމައަކީ ހަމަ އެކިވިސްނުން އިނގޭތޯ! ޤައުމަށް އެންމެ ރަނގަޅު ވިސްނުމެއް އިހްތިޔާރުކޮށް ، ރައްޔިތުން އެންމެ ތާއީދު ކުރާ ފަރާތެއް ވެރިކަމަށް ގެންނާނީ. މިއުޞޫލާއި ޚިލާފަށް ރައީސްވެސް ވާހަކަ ނުދެއްކެވުން އެދެން.
3 0

ދިއްދާ

27 ޖުލައި 2025
ތަރައްޤީއަށް އަލަށް ކުރެވުނު ކަމެއް ބުނެބަލަ. ނިންމާ ދޯހަޅި ނިންމުންތަކުގެ ސަބަބުން ރައްޔިތުން ތިބެންޖެހެނީ އަބަދުވެސް ދެންވާނީ ކިހިނެއްކަން ނޭނގި ސިހި ސިހި. 26 ވަނަ މިނިވަން ދުވަހުވެސް 2 ނިންމުން، ރަސްމިއްޔާތަށް ގަޑިއިރަކަށްވެފަ އޮއްވައި ބަދަލުކުރި. ޓްރެފިކް ޤަވާއިދު އަދި ހަވާއަރުވާ ގަޑި. ރައްޔިތުން ފައިމަގުގައި ގޮސް އެއްވާނެ ތަނަކަށް އެއްވީމާ މިބުނަނީ ވެހިކަލް ދުއްވޭނޭ "ކުރިން ބުނިއެތި ކެންސަލްއޭ" ދެން ޑްރޯންޝޯވ އާއި ހަވާއެރުވުންވެސް ހަމަ އެކަހަލަ ގޮތަކަށް.... ވީމާ ކޮންބައެއްތޯ މިއުޅެނީ އެކި ވިސްނުމުގައި.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް