ވެލިދޫގެ ކައުންސިލް މެންބަރުންނާ ރައީސް ބައްދަލުކުރައްވަނީ - (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާ ރައީސް ބައްދަލުކުރައްވައިފި

ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށް، މަޝްރޫއުތައް ހިންގަވާނީ ކައުންސިލްތަކުގެ ހިޔާލު ހޯދައިގެން ކަމަށް ރައީސް މުއިއްޒު އަަބަދުވެސް ވިދާޅުވޭ

މިއަދު ނ. ވެލިދޫ ކައުންސިލްއާ ބައްދަލުކުރެވުމުން ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްއާ ބައްދަލުކުރެވުނީ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - މީގެ ކުރިން ނ. އަތޮޅަށް ކުރެއްވި ދަތުރެއްގައި ވެލިދޫއަށް ވަޑައިނުގަނެ، ހޮޅުދޫން ރައީސްއާ ބައްދަލުކުރައްވަން ދައުވަތު ފޮނުވުމުން ވެލިދޫ ކައުންސިލުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.

ތަފްސީލް ـ ރައީސް މިރޭ ވެލިދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހަމައެކަނި ވެލިދޫ ކައުންސިލްއާ ބައްދަލު ނުކުރެވި އޮތީ އެ ސަބަބާ ހުރެ ކަމަށެވެ.

ކައުންސިލްގެ އެ ނިންމުމާ މެދު ހިތާމަކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް ރަށު ކައުންސިލްގެ ނިންމުމަށް ވާތީ އެ ކަމަށް އިހުތިރާމު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވެލިދޫ ކައުންސިލުން ނިންމީ ވެލިދޫއަށް އަޅުގަނޑު އައިމައޭ ބައްދަލުކުރާނީ. މިހާރު މި އޮތީ ބައްދަލުކުރެވިފައި. މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލާ ބައްދަލުކޮށް މި ނިމުނީ،" ރައީސް ވިދާޅުވި އެވެ.

އަދި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިނުގަނެވޭކަން ރައީސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް ގިނަ ރަށްރަށުގެ ކައުންސިލާ މިހާތަނަށް ބައްދަލުކުރެވުނީ ވެސް އެ ރަށަކަށް އެމަނިކުފާނު ވަޑައިގެން ކަމަށް ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް