ރައީސް މުއިއްޒު ވެލިދޫގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި؛ ވެލިދޫއަށް ރައީސް އިތުރު ވައުދުތަކެއް ވެވަޑައިގެންނެވި - (ފޮޓޯ/ ރައީސް އޮފީސް)

ނ. ވެލިދޫ

ވެލިދޫއަށް ޖެނުއަރީ މަހު ސީޕްލޭންގެ ދަތުރުތައް ފަށައިދޭނަން: ރައީސް

ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ހެދުމަށް ރައީސް މިރޭ ވައުދުވެވަޑައިގެންނެވި އިރު ވެލިދޫ ކައިރީ އޮންނަ ވިހަފަރުގައި އެއާޕޯޓެއް އެޅުމަށް ރައީސް ކުރިން އިއުލާން ކުރައްވާފައިވޭ

ނ. ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ތައްޔާރުކޮށް، އަންނަ އަހަރު ޖެނުއަރީ މަހު އެ ރަށަށް ސީޕްލޭން ދަތުރުތައް ފެށުމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.

ވީކިހިނެއް؟ - ނ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ދެ ރަށް ކަމަށްވާ ވެލިދުއާއި ހޮޅުދޫގެ އިތުރުން ފޮއްދޫ ކައިރީގައި އެއާޕޯޓެއް އެޅުމުގެ ގޮތުން ވިހަފަރުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށާނެ ކަން ރައީސް އިއުލާންކުރެއްވީ ރޭ އެ އަތޮޅު ހޮޅުދޫގަ އެވެ.

އެއާޕޯޓްގެ ކުރިން ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ހެދުމުގެ ވައުދު އެމަނިކުފާނު ވެވަޑައިގަތީ  ވެލިދުއަށް ވަޑައިގެން މިރޭ އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިހަފަރުގެ އެއާޕޯޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލް - ވެލިދޫގައި ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެއާޕޯޓް އެޅުމުގެ ކުރިން ވެސް އެ ރަށަށް ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތް ގާއިމުކުރުން މުހިންމު ކަމަށެވެ.

"އެއާޕޯޓް އެޅެންދެކަށް ބޭނުންކުރަން، އަދި އެއާޕޯޓަށް ފަހު ވެސް އެކި ބޭނުންތަކަށް ބޭނުންކުރަން މި ރަށުގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށް، އަންނަ ޖެނުއަރީ މަހު ސީޕްލޭން އޮޕަރޭޝަންސްތައް ފަށާނަން،" ރައީސް ވިދާޅުވި އެވެ.

ވެލިދޫގައި ސީއެމްބިއުލާންސެއް ވެސް ބަހައްޓައިދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ވެލިދޫގެ ކައުންސިލް މެންބަރުންނާ ރައީސް ބައްދަލުކުރައްވަނީ - (ފޮޓޯ/ ރައީސް އޮފީސް)

އޭގެ އިތުރުން:

  • ވެލިދޫގެ ބަނދަރަށް ރަށު ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށް 600 މީހުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާފައިވޭ

  • ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ބަދަލުތައް ގެނައުމަށް ފަންނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އެންމެ ލަސްވެގެން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި

ފާހަގަކޮށްލެވޭ - މިއަދު ވެލިދުއަށް އެމަނިކުފާނު ވަޑައިގެން ހަތަރު މަޝްރޫއެއްގެ ބިންގާ އަޅުއްވައިދެއްވި އެވެ. އެއީ:

  • ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ބިން ދިނުމަށް، ބިން ހިއްކުމުގެ މަޝްރޫއު

  • އާ ޕޮލިސް ސްޓޭޝަން އިމާރާތެއް އެޅުމުގެ މަޝްރޫއު

  • އާ ހޮސްޕިޓަލް އިމާރާތް އެޅުމުގެ މަޝްރޫއު

  • ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމުގެ މަޝްރޫއު

ރައީސް ވިދާޅުވީ މިއަދު އެ ރަށަށް ވަޑައިގެން އެމަނިކުފާނު ފައްޓަވައިދެއްވި މަސައްކަތްތަކުން ވެސް ވެލިދޫގެ ތަރައްގީއަށް ސަރުކާރުން މަސައްކަތްކުރާ ތަން ފެންނާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް